14 Nov 2013, 15:20
އދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގެ ގޮނޑި ރާއްޖެއިން ދެ ވަނަ ފަހަރަށް ދިފާއުކުރުން ރާއްޖޭގައި އިންސާނީ ހައްގުތައް ރައްކާތެރިކޮށް ކުރިއެރުވުމަށް މަސައްކަތް ކުރާނެ ކަމަށް އުއްމީދު ކުރާ ކަމަށް ހިއުމަން ރައިޓްސް އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އިން ގޮވައިލައިފި އެވެ.
އެޗްއާރުސީއެމުން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި އދ.ގެ ހިއުމަންރައިޓްސް ކައުންސިލްގެ ގޮނޑި ދެ ވަނަ ފަހަރަށް ރާއްޖެ އަށް ކާމިޔާބު ކުރެވިފައިވާތީ އެކަމަށް އެޗްއާރުސީއެމުން ވަނީ މަރުހަމާ ކިޔައިފަ އެވެ.
އެޗްއާރުސީއެމުން ބުނީ އިންސާނީ ހައްގުތައް ރައްކާތެރިކޮށް ކުރިއެރުވުމަށް އެކަށައަޅާފައިވާ ސިޔާސަތުގެ ދަށުން ޑިމޮކްރަސީގެ ޅަފަތުގައިވާ ރާއްޖޭގައި ވެސް އިންސާނީ ހައްގުތަކަށް ފުރިހަމައަށް އިހުތިރާމާ ކުރާ ޝަގާފަތެއް އަށަގެންނެވުމަށް ހަރުދަނާ މަސައްކަތްތަކެއް ކުރެވިދާނެ ކަމަށެވެ. އަދި އިންސާނީ ހައްގުތަކާބެހޭ މަޖިލީހުގައި ކުރިއަށް އޮތް ތިން އަހަރަށް ރާއްޖެއަށް އިސްދައުރެއް އަދާކުރެވޭނެ ކަމަށް ދެކޭ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.
އެޗްއާރުސީއެމުން ވަނީ ރާއްޖޭގައި އިންސާނީ ހައްގުތަކަށް އިހުތިރާމް ކުރާ ވެއްޓެއް ގާއިމް ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އިތުރު ހިތްވަރަކާ އެކު ކުރުމަށް ރާއްޖޭގެ އެންމެހާ ފަރާތްތަކަށް ގޮވައިލައިފަ އެވެ.
އދ.ގެ ހިއުމަންރައިޓްސް ކައުންސިލްގެ ގޮނޑި ރާއްޖެއަށް ލިބިފައިވަނީ އެކައުންސިލްގެ 164 މެމްބަރު ގައުމަކުން ވޯޓްދީގެންނެވެ. ރާއްޖެ އެ ކައުންސިލަށް ދެ ވަނަ ފަހަރަށް އިންތިހާބުކޮށްފައި ވަނީ 2014 އިން 2016ގެ ނިޔަލަށެވެ.