14 Nov 2013, 15:18
ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ޓަކައި 6،299 މީހުން ރީ ރަޖިސްޓްރީކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު މިއަދު "ސަން" އަށް ވިދާޅުވީ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރީ ރަޖިސްޓްރީ ކުރި ހުރިހާ މީހުންގެ ފޯމްތަކެއް ވެސް ޕްރޮސެސްކޮށް ނިމިފައިވާ ކަމަށެވެ.
"ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި 6،299 މީހުން ރީ ރަޖިސްޓްރީ ކޮށްފައިވޭ. އަދި އެ ހުރިހާ މީހުންގެ ފޯމްތައް ވެސް މިހާރު ވަނީ ޕްރޮސެސް ކޮށް ނިމިފައި،" ފުއާދު ވިދާޅުވި އެވެ.
ފުއާދު ވިދާޅުވީ ހޮނިހިރު ދުވަހު ބާއްވާ އިންތިހާބުގައި ބަހައްޓާ ވޯޓު ފޮށީގެ އަދަދަށް އެއްވެސް ބަދަލެއް ނާންނަ ކަމަށެވެ. އެގޮތުން އިންތިހާބުގެ ދެ ވަނަ ބުރުގައި ވެސް ބަހައްޓާނީ 475 ވޯޓް ފޮށި ކަމަށް އޭނާ ވިދާޅުވި އެވެ.
ހޮނިހިރު ދުވަހު ބާއްވާ އިންތިހާބުގައި ވޯޓްލާ ގަޑިތަކާ ބެހޭ ގޮތުން ފުއާދު ވިދާޅުވީ ހޮނިހިރު ދުވަހު ރާއްޖޭގައި ވޯޓްލުން ފެށޭނީ ހެނދުނު 7:30ގައި ކަމަށެވެ. އަދި ވޯޓްލުން ނިމޭނީ ހަވީރު 4:00ގައި ކަމަށެވެ.
ރާއްޖެ އިން ބޭރުގައި ވޯޓްލާ ގަޑިތަކާ ބެހޭ ގޮތުން ފުއާދު ވިދާޅުވީ އިންޑިއާގެ ޓުރިވެންޑްރަމް އާއި ނިއުދިއްލީގައި ބަހައްޓާ ވޯޓު ފޮއްޓަށް ވޯޓުލާން ފަށާނީ އެ ސަރަހައްދުގެ ގަޑިން ހެނދުނު 8:00 ޖަހާއިރު ކަމަށާއި އަދި ވޯޓުލުން ނިންމުމަށް ހަމަޖެހިފައި ވަނީ 16:30ގައި ކަމަށެވެ. އަދި ލަންކާގެ ކޮލޮމްބޯގައި ބަހައްޓާ ވޯޓު ފޮއްޓަށް ވޯޓުލުމަށް ފަށަނީ ވެސް އެ ގައުމުގެ ގަޑިން ހެނދުނު 8:00 އަކުން 16:30 އަށެވެ. ލަންޑަނުގައި އެގައުމުގެ ގަޑިން 9:00 އަކުން ފެށިގެން 17:30 ވޯޓްލާން ނިންމާފައިވާ އިރު މެލޭޝިއާގައި ވޯޓުލުމަށް ނިންމާފައި ވަނީ އެގައުމުގެ ގަޑިން ހެނދުނު 10:30 އިން 19:00 އަށެވެ. އަދި ސިންގަޕޫރުގައި އުޅޭ ދިވެހިން ވޯޓް ލުމަށް ހަމަޖެހިފައި ވަނީ އެގައުމުގެ ގަޑިން ހެނދުނު 10:30 އިން 19:00 އަށެވެ.