14 Nov 2013, 14:44
ބްރިގޭޑިއާ ޖެނެރަލް އަހުމަދު ނިލާމު ދެ ވަނަ ފަހަރު ފުލުހުންގެ އިދާރާ އަށް ހާޒިރުކޮށްފި އެވެ.
ފުލުހުން ބުނީ ބަލަމުންދާ މައްސަލައަކާ ގުޅިގެން ނިލާމު ރޭ ފުލުހުންގެ އިދާރާ އަށް ހާޒިރުކޮށްފައިވާ ކަމަށެވެ. ނަމަވެސް ނިލާމު ފުލުސް އޮފީހަށް ހާޒިރު ކުރީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ފުލުހުން ނުބުނެ އެވެ.
ނިލާމް މިއަދު ސަން އަށް ވިދާޅުވީ ރޭ 8 ޖެހި އިރު ފުލުސް އޮފީހަށް އޭނާ ހާޒިރުކޮށްފައިވާ ކަމަށެވެ. އަދި ފުލުހުން ކުރި ސުވާލުތަކަށް ޖަވާބުދީފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް ނިލާމް ހާޒިރު ކުރީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް އޭނާ ވެސް ވިދާޅެއްނުވެ އެވެ.
މިދިޔަ އާދިއްތަ ދުވަހުގެ ރޭ ވެސް ވަނީ ނިލާމު ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ.
ފެބްރުއަރީ 7، 2012ގައި ވެރިކަން ބަދަލުވުމާ ގުޅިގެން މަޖިލީހަށް ހިއްސާ ކުރި މައުލޫމާތުތަކަކާ ގުޅިގެން ސިފައިންގެ އިންޓެލިޖެންސްގެ ކުރީގެ ވެރިޔާ ނިލާމް ސަސްސްޕެންޑްކޮށްފައި ވަނީ މިއަހަރު ޖެނުއަރީ މަހު އެވެ. އޮފީހަށް ނުކުމެވޭ ގޮތަށް ނިލާމް ސަސްޕެންޑް ކުރި ނަމަވެސް، އޭނާ ސަސްޕެންޝަންގައި ހުންނަވާތާ 11 މަސް ވެއްޖެ އެވެ.
އޭނާ ސަސްޕެންޑްކޮށްފައި ވަނީ އޮފީހަށް ނުކުމެވޭ ގޮތަށެވެ.
މެޖޯރިޓީ އޮންނަ މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު ކޮމެޓީގައި ނިލާމް ވިދާޅުވެފައި ވަނީ ސިފައިންގެ ހަފްލާއެއްގެ ތެރޭގައި ކުރީގެ ރައީސް މުހަންމަދު ނަޝީދު އަވަހާރަކޮށްލަން ރާވަމުން ދިޔަ ކަމުގެ ޖާސޫސީ މައުލޫމާތު ލިބިވަޑަގެންފައިވާ ކަމަށެވެ. އަދި ވެރިކަން ބަދަލުވުމުގައި ދައުލަތާ ދެކޮޅަށް ސިފައިން ނުކުތުމުން ސިފައިންގެ ގާނޫނުގައި ބުނާ "ބަޣާވާތުގައި" ފުލުހުން ބައިވެރިވެފައިވާ ކަމަށެވެ.