މަޝްހޫރު ދީނީ އިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީގެ ހުރިހާ ވާރިސުން ވެސް ބޭނުންވަނީ ގިސޯސްހިފަން ކަމަށް ކްރިމިނަލް ކޯޓުން ބުނެފި އެވެ.

ހ. ލޮބީ ހުސައިން ހުމާމް އަހްމަދުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާއާ ގުޅިގެން މިއަދު ބޭއްވި އަޑުއެހުމުގައި ކްރިމިނަލް ކޯޓުގެ ގާޒީ ވިދާޅުވީ ހުމާމްގެ މައްޗަށް ޑރ. އަފްރާޝީމް އަވަހާރަކޮށްލުމުގެ ކުށް ސާބިތުވެއްޖެނަމަ މަރަށް މަރު ހިފަން ބޭނުންވާ ކަމަށް އޭނާގެ ހުރިހާ ވާރިސުން ބަޔާންދީފައިވާ ކަމަށެވެ.

އެ ބަޔާންތައް ނަގާފައި ވަނީ ރ. އުނގޫފާރު މެޖިސްޓްރޭޓް ކޯޓު މެދުވެރިކޮށެވެ.

ޑރ. އަފްރާޝީމް އަވަހަރާކޮށްލާފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުގެ ރޭ 11:30 އާއި ދަންވަރު 2:00އާ ދެމެދުގެ ވަގުތެއްގައި އޭނާ ގެއަށް ވަދެވަޑައިގަންނަވަނިކޮށެވެ.

ތޫނު ހަތިޔާރުން ހަމަލާދީ ޑރ. އަފްރާޝީމް އަވަހަރާކޮށްލި ކަމުގެ ތުހުމަތުގައި ހުމާމްގެ އިތުރުން ދައުވާ ކޮށްފައި ވަނީ ހ. ހިކޯސްޓް އަލީ ޝާންގެ މައްޗަށެވެ.

ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ވިދާޅުވެފައި ވަނީ ޑރ. އަފްރާޝީމް އަވަހާރަކޮށްލާފައި ވަނީ ބަޔަކަށް ހަތަރު މިލިއަން ރުފިޔާ ހުށަހަޅައިގެން ކަމަށެވެ.

ޑރ. އަފްރާޝީމް އަވަހާރަކޮށްލުމަށް ރާވައި އެކަމުގެ އަޑީގައި ތިބި ކަމަށް ތުހުމަތު ކުރެވޭ ހަތަރު މީހުންގެ މައްޗަށް ދައުވާ ކުރުމަށް ވެސް ފުލުހުން ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފަ އެވެ.

އެ ހަތަރު މީހުންނަކީ ހ. ހިލްޓަން، އަޒުލީފް ރައޫފް 28، އާއި ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކުގެ ދަނބިދަރި، މ. ޖަރީމާގެ އަބްދުﷲ ޖާވިދު 36، އާއި އޭނާގެ ބޭބެ ޝާހިން މުހައްމަދު 38، އަދި ލ. ގަން ތުނޑި، ނޫއަލި، އާދަމް ސަލާޙް 33 (ސްޕައި) އެވެ.