އަންނަ ހޮނިހިރު ދުވަހު ރާއްޖޭގެ އިންތިހާބުގެ ކަންތައްތައް ކާމިޔާބުކަމާ އެކު ނިންމާ ނުލެވިއްޖެ ނަމަ އަޅަން ޖެހޭ ފިޔަވަޅެއް އަޅަން ތައްޔާރަށް އޮތް ކަމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ބުނެފި އެވެ.

އީޔޫގެ ހައި ރެޕްރެޒެންޓެޓިވް ކެތަރިން އެޝްޓަން މިއަދު ނެރުއްވި ބަޔާނެއްގައި ބުނީ ނުތަނަވަސްކަން ކުރިއަށް ދިއުން ނުވަތަ ޚުދުމުޚުތާރު ވެރިކަމަށް ރާއްޖެ ސޮއްސާލުމަކީ އެޖަމާއަތުން ގަބޫލުކުރާނެ ކަމެއް ނޫން ކަމަށެވެ.

"ނުތަނަވަސްކަން ކުރިއަށް ދިއުމަކީ ނުވަތަ ޚުދުމުޚުތާރު ވެރިކަމަށް ދިއުމަކީ އީޔޫއަށް ގަބޫލުކުރެވޭނެ ކަމެއް ނޫންކަން އީޔޫ އިން ފާހަގަކުރެ އެވެ. ނޮވެމްބަރު 16 ވަނަ ދުވަހު އިންތިހާބުގެ ކަންތައްތައް ކާމިޔާބުކަމާ އެކު ނިންމާ ނުލެވިއްޖެ ނަމަ އެކަށީގެންވާ ފިޔަވަޅު އެޅުމަށް އީޔޫ އޮތީ ތައްޔާރަށެވެ،" ބަޔާނުގައިވެ އެވެ.

ނޮވެމްބަރު 16 ވަނަ ދުވަހު އިންތިހާބުގެ ދެވަނަ ބުރު ބާއްވަން ހަމަޖެހިފައިވާކަން ފާހަގަ ކުރާ ކަމަށާއި އެހެން ނަމަވެސް އެއީ ރާއްޖޭގެ ގާނޫނު އަސާސީން ފެންނަން އޮތް ހާލަތެއް ނޫން ކަމަށް ވެސް ބަޔާނުގައިވެ އެވެ.
އިންތިހާބު ލަސްކުރަން ނުވަތަ ނަތީޖާ އަށް ނުފޫޒުފޯރުވަން މަސައްކަތެއްކޮށްފި ނަމަ އެކަމަކީ ދިވެހިން އެމީހުންގެ ރައީސަކު ހޮވުމަށް އޮތް ޑިމޮކްރެޓިކް ހައްގަށް ހުރަސް އެޅުން ކަމަށް އީޔޫ އިން ދެކޭނެ ކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފަ އެވެ.

ރާއްޖޭގެ އިންތިހާބު ލަސްވަމުން ދިއުމާ ގުޅިގެން ބައިނަލް އަގުވާމީ މުޖުތަމައުން ދަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން ފާއިތުވި ހަފުތާއެއްހާ ދުވަސް ތެރޭގައި އދ. އާއި ކޮމަންވެލްތުން ވެސް ވަނީ ބަޔާންތައް ނެރެފަ އެވެ. އަދި ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގް)ގެ ރަސްމީ އެޖެންޑާގައި ރާއްޖެ ވަނީ އަލުން ހިމަނާފަ އެވެ.