14 Nov 2013, 13:16
މިދިޔަ އަހަރުގެ ފުރަތަމަ ދިހަ މަސް ދުވަހަށް ވުރެ މި އަހަރުގެ ފުރަތަމަ ދިހަ މަސް ދުވަހު ރާއްޖެ އަށް މުދާ އިމްޕޯޓް ކުރި މިންވަރު 15 ޕަސެންޓް އަދި މުދާ އެކްސްޕޯޓް ކުރި މިންވަރު ނުވަ ޕަސެންޓް އިތުރުވެއްޖެ އެވެ.
ކަސްޓަމްސްގެ ތަފާސް ހިސާބުތަކަށް ބަލާ އިރު މި އަހަރުގެ ފުރަތަމަ 10 މަސް ދުވަހުގެ ނިޔަލަށް ޖުމްލަ 22.19 ބިލިއަން ރުފިޔާގެ މުދާ ރާއްޖެ އަށް އެތެރެކޮށްފައިވާ އިރު މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ރާއްޖެ އަށް އެތެރެކޮށްފައި ވަނީ 19.22 ބިލިއަން ރުފިޔާގެ މުދަލެވެ.
ރާއްޖެ އަށް 4.0 ބިލިއަން ރުފިޔާގެ މުދާ މިހާހިސާބަށް އެތެރެކޮށްފައިވާ އިރު 6.41 ބިލިއަން ރުފިޔާގެ މުދާ ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުން އެތެރެކޮށްފަ އެވެ. އަދި އަމިއްލަ ފަރާތްތަކުން 11.48 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެ އެވެ.
ރާއްޖެ އިން މުދާ އެކްސްޕޯޓް ކޮށްފައިވާ މިންވަރަށް ބަލާ އިރު މިދިޔަ އަހަރުގެ ފުރަތަމަ 10 މަސް ދުވަހުގެ ތެރޭގައި 2.0 ބިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓް ކޮށްފައިވާ އިރު މި އަހަރުގެ އެމުއްދަތުގައި 2.17 ބިލިއަން ރުފިޔާގެ މުދާ ރާއްޖެ އިން ވަނީ އެކްސްޕޯޓް ކޮށްފަ އެވެ. އެއީ މިދިޔަ އަހަރާ އަޅާބަލާ އިރު ނުވަ އިން އިންސައްތަ ކުރިއެރުމެކެވެ.
މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ކަސްޓަމްސް އަށް ލިބުނު އާމްދަނީ އަށް ބަލާ އިރު މިދިޔަ އަހަރުގެ އެ މުއްދަތަށް ވުރެ ލިބުނު އާމްދަނީ ވެސް ވަނީ 12 ޕަސެންޓް އިތުރުވެފަ އެވެ. އެގޮތުން މިދިޔަ އަހަރުގެ އޮކްޓޫބާ މަހުގެ ނިޔަލަށް 1.14 ބިލިއަން ރުފިޔާ ލިބިފައިވާ އިރު މި އަހަރުގެ އެ މުއްދަތުގައި 1.27 ބިލިއަން ރުފިޔާ ވަނީ އާމްދަނީގެ ގޮތުގައި ލިބިފައިވެ އެވެ.