14 Nov 2013, 12:34
ވޯލްޑް ކަޕް ކޮލިފައިން ޕްލޭއޯފްގެ ފުރަތަމަ ލެގުގައި ރޭ ނިއުޒިލޭންޑް 5-1 އިން ބަލިކޮށް މެކްސިކޯ އަންނަ އަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ޖާގައެއް ހޯދުމާ ފިޔަވަޅެއް ގާތަށް ޖެހިލައިފި އެވެ.
މެކްސިކޯހެ އަޒްޓެކާ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި އެ ޓީމް ކާމިޔާބުކުރި ފަސް ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބުކޮށްދިނީ، ފޯވާޑް އޮރިބް ޕެރަލްޓާ އެވެ. އަދި އަނެއް ތިން ލަނޑުގެ ތެރެއިން އެއްލަނޑު ޑިފެންޑަރު ޕައުލް އެގުއިލާ، އަނެއްލަނޑު ހުނަރުވެރި ފޯވާޑް ރައުލް ޖިމެނޭޒް ކާމިޔާބުކުރި އިރު އެ ޓީމުގެ ފަހު ލަނޑު ކާމިޔާބުކޮށްދިނީ ޑިފެންޑަރު ރަފައެލް މާކުއޭޒް އެވެ.
މެޗުގައި އޯޝޭނިއާގެ ޗެމްޕިއަނުން ކާމިޔާބު ކުރި ހަމަ އެކަނި ލަނޑު، 85 ވަނަ މިނިޓްގައި އެޓީމަށް ކާމިޔާބުކޮށްދިނީ ކްރިސް ޖޭމްސް އެވެ.
ޕްލޭ އޮފްގެ ދެވަނަ ލެގްގައި ނިއުޒިލެންޑާއި މެކްސިކޯ ވާދަކުރާނީ އަންނަ ބުދަދުވަހުގެ ރޭ ނިއުޒިލެންޑްގެ ވެރިރަށް ވެލިންޓަންގަ އެވެ.
ގްރޫޕް ސްޓޭޖްގައި މެކްސިކޯ ކުޅުނު 10 މެޗުގެ ތެރެއިން އެންމެ ދެ މެޗު އެޓީމަށް ކާމިޔާބު ކުރެވިފައިވާއިރު، އެޓީމުގެ މިހާރުގެ ކޯޗު މިގުއެލް ހެރޭރާއަކީ ވޭތުވެދިޔަ ހައެއްކަ ހަފްތާތެރޭގައި ޓީމާ ހަވާލުވި ހަތަރުވަނަ ކޯޗެވެ.
ސައުތު އެފްރިކާގައި 2010 ވަނަ އަހަރު ބޭއްވި ވޯލްޑްކަޕްގެ ޕްލޭ އޮފްގައި ބަހްރެއިން ބަލިކޮށް މުބާރާތުން ޖާގަ ހޯދި ނިއުޒިލެންޑާއި މެކްސިކޯ ވާދަކުރާ ޕްލޭއޮފްގެ ދެ މެޗުގެ ނަތީޖާއިން މޮޅުވާ ޓީމަކަށް އަންނަ އަހަރު ބްރެޒިލްގައި ބާއްވާ ވޯލްޑް ކަޕް މުބާރާތުން ޖާގައެއް ލިބޭނެ އެވެ.