14 Nov 2013, 12:10
ގައުމީ ޔުނިވާސިޓީގައި ކިޔަވާ ކުދިންނަށް ރައީސުލްޖުމްހޫރީއްޔާ ދެއްވާ ޕްރެޒިޑެންޝަލް ރިސާޗް ފެލޯޝިޕް އެވޯޑް ހާސިލުކުރި ދަރިވަރާ މިއަދު އެ އެވޯޑް ހަލާވުކޮށްފި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ތަޢާރަފު ކުރެއްވި ޕްރެޒިޑެންޝަލް ރިސާޗް ފެލޯޝިޕް އެވޯޑް ހާސިލުކޮށްފައި ވަނީ ގައުމީ ޔުނިވަސިޓީގެ ފެކަލްޓީ އޮފް އެޑިޔުކޭޝަންގައި ތައުލީމީ ދާއިރާ އިން ޕީއެޗްޑީ އަށް ކިޔަވަމުން އަންނަ ސުނައިނާ ރަޝީދު އެވެ.
ގައުމީ ޔުނިވާސިޓީގެ އިދާރީ މަރުކަޒުގެ ސެމިނާ ރޫމުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެވޯޑް ހަވާލުކޮށްދެއްވީ އެ ރަސްމީއްޔާތުގެ ޝަރަފުވެރި މެހެމާނު ގައުމީ ޔުނިވާސިޓީގެ ޗާންސިލާ ޑރ. މުހައްމަދު ޒާހިރު ހުސެން އެވެ.
ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ޗާންސިލާ ވިދާޅުވީ ރާއްޖޭގައި ހުރެގެން ރާއްޖޭގެ ދަރިވަރަކަށް ރާއްޖޭގެ ތަޢުލީމީ ނިޒާމާ ގުޅޭ ގޮތުން ދިރާސާ ކުރުމުގެ ފުރުސަތު ލިބިގެން ދިއުމަކީ ރާއްޖޭގެ ތައުލީމީ ނިޒާމަށް ކުރިއެރުން ލިބިގެންދާނެ ކަމެއް ކަމށެވެ.
ޒާހިރު ވިދާޅުވީ ރާއްޖޭގެ ތައުލީމީ ނިޒާމާ ގުޅޭ ގޮތުން އެކަށީގެންވާ ދިރާސާއެއް މިހާތަނަށް ކުރެވި ތައްޔާރު ކުރެވިފައި ނުވާ ކަމަށެވެ. އެހެންކަމުން ގައުމީ ޔުނިވާސިޓީ އަށް އެފަދަ ފުރުސަތެއް ލިބިގެން ދިއުމަކީ އެ ޔުނިވާސިޓީ އަށް ވެސް ލިބިގެން ދިޔަ ކުރިއެތުމެއް ކަމަށް ޒާހިރު ވިދާޅުވި އެވެ.
ޕްރެޒިޑެންޝަލް ރިސާޗް ފެލޯޝިޕް އެވޯޑަކީ ގައުމީ ޔުނިވާސިޓީގެ ދަރިވަރުންނަށް ރައީސުލްޖުމްހޫރީއްޔާ ދެއްވާ ޕީއެޗްޑީ ހެދުމުގެ ފުރުސަތެކެވެ.