ޖެނުއަރީ 17، 2010ގައި ޕާޓީގެ ޒައީމްގެ އަރިހުގައި އުމަރު ނަސީރު ޑީއާރްޕީ އާ ގުޅިވަޑައިގަތެވެ. އޭނާ ސިފަކުރައްވާ ގޮތުގައި ނަމަ، "އަމިއްލަ ބޮއްކުރާ ފައްތައިލުމަށް ފަހު ބޮޑު އޮޑިއަކަށް އަރަން" ވެގެނެވެ. އުމަރު ޑީއާރްޕީއާ ގުޅިވަޑައިގަތުމުން އާޓިފިޝަލް ބީޗްގައި ޖަލްސާ ބާއްވާއި އޭނާގެ ކަރުގައި މާފަތި އެޅުވި އެވެ. ސިފަކުރީ އުމަރަކީ ޑީއާރްޕީއާ ގުޅުނު "ފަހުލަވާނެ"އް ކަމަށެވެ. އުމަރާއެކު ޑީއާރްޕީގެ "ބަރުހެލިކަން" ކެނޑިގެންދާނެ ކަމަށެވެ. އެހެންނަމަވެސް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އުމަރާ ހެދި ޑީއާރްޕީއަށް "އުނދަގުލެއް"ޖެހިގެން އުޅޭފަދަ މަންޒަރުތައް ފެންނަން ފެށި އެވެ. ޑީއާރްޕީގެ ސީނީއާ ލީޑާޝިޕާ އުމަރާ މައްސަލަތައް ޖެހެމުންދިޔަ އެވެ. އަބަދު ވެސް ހިލިފައި އޮންނަނީ އުމަރުގެ މައްސަލައެކެވެ.  


އުމަރުގެ ވާހަކައަކީ ބޮޑު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ޑީއާރްޕީ ހަރަކާތްތެރި ނުވާ ވާހަކަ އެވެ. ޑީއާރްޕީގެ މައިގަނޑު ވާހަކައަކީ އުމަރާހެދި ބަދުނާމުވެ ބައިބައި ވަނީ ކަމަށެވެ. އެހެން ވިޔަސް އުމަރު ޑީއާރްޕީއާ ގުޅިވަޑައިގަތްތާ ބަރާބަރު އެއް މަސް ފަހުން ޑީއާރްޕީގެ ޑިޕިއުޓީ ލީޑަރު ކަމަށް ވަޑައިގަތެވެ. އުމަރުގެ އަޑުގަދަވެ އޭނާގެ ސަޕޯޓަރުންތަކެއް އުފެދެމުން ދިޔަ ވަރަކަށް އުމަރުގެ ސަބަބުން ޑީއާރްޕީ ބައިބައިވާ ވާހަކަތައް އައި ދެކެވެމުންނެވެ.


އުމަރާއި ޑީއާރްޕީއާ ދެމެދު އަނދަމުންދިޔަ އަލިފާނުގެ ހުޅުފަޅައިގެންދިޔައީ ޑީއާރްޕީގެ ލެޓާހެޑްގައި އުމަރާއި އިލްހާމް ނޫސް ބަޔާނެއް ނެރުނު މައްސަލައާ ގުޅިގެން އެ މައްސަލަ ކައުންސިލުން ބަލައި އުމަރާ މެދު ފިޔަވަޅު އަޅަން މައްސަލަ ޑިސިޕްލިނަރީ ކޮމެޓީއަށް ފޮނުވުމުންނެވެ. އޭގެ ފަހުން ޑިސިޕްލިނަރީ ކޮމެޓީން މިދޔަ ބުރާސްފަތި ދުވަހު ވަނީ އުމަރު ޕާޓިން ކަނޑައިލަން ނިންމާފަ އެވެ.


އުމަރަށް އޮތީ ދެން އިސްތިއުނާފަށް ދިއުމެވެ. އެހެންނަމަ ވެސް އެކަމަށް އުމަރު ވަނީ ގޮތެއް ނިންމާފަ އެވެ. އެއީ އިސްތިއުނާފަށް ނުދިއުމެވެ. އިސްތިއުނާފު ކޮމެޓީއަށް ހުށަހެޅުމުގެ ފުރުސަތު އޮތަސް އުމަރު އެ ގޮތަކާ ނުރުހެ އެވެ. އުމަރު ވިދާޅުވާ ގޮތުގައި ޑިސިޕްލިނަރީ ކޮމެޓީން އޭނާއާ މެދު އެޅި ފިޔަވަޅައަކީ ޑީއާރްޕީގެ އަސާސީ ގަވާއިދުގެ 83 މާއްދާ އާއި 84 ވަނަ މާއްދާއާ ހިލާފު ފިޔަވަޅެކެވެ. 


"އިސްތިއުނާފުކުރަން އަޅުގަނޑު ގަސްދެއް ނުކުރަން. ޑިސިޕްލިނަރީ ކޮމެޓީއަށް ޑެޕިއުޓީ ލީޑަރަކު ވަކި ނުކުރެވޭނެ ކަމަށް އަޅުގަނޑު ކުރިން ވެސް ބުނީ. އެ ކޮމެޓީއަށް ޑެޕިއުޓީ ލީޑަރަކު ހާޒިރު ކުރިޔަސް ޕާޓީން ވަކި ކުރުމުގެ އިހުތިޔާރު އެ ކޮމެޓީއަށް ނޯންނާނެ. އެހެންވެގެން އިސްތިއުނާފަށް ނުދަނީ،" އުމަރު ވިދާޅުވި އެވެ.


އުމަރަށް އޮތް ހިތްވަރަކީ ޕާޓީގެ ޒައީމް މައުމޫނެވެ. އެއް ދުވަސްވަރެއްގައި އުމަރުގެ ފާޑުކިޔުންތައް އެންމެ ބޮޑަށް އަމާޒުވި ނަމަވެސް މިހާރު އުމަރުގެ ފަރާތުން މައުމޫނަށް "ތައުރީފު އޮއްސަ" އެވެ.


 އުމަރުގެ މައްސަލައިގައި ޕާޓީގެ ޒައީމް ވިދާޅުވެފައި ވަނީ ޑިސިޕްލިނަރީ ކޮމެޓީން އުމަރު ކަނޑައިލުމަށް ނިންމި ނިންމުން ގަބޫލު ނުކުރައްވާ ކަމަށާއި "އަދިވެސް އުމަރަކީ ޑީއާރްޕީގެ ޑިޕިއުޓީ ލީޑަރު" ކަމަށް ވިދާޅުވުމުން ކުރިން ވެސް ހީކުރެވިފައި އޮތް ގޮތަށް އުމަރަކީ ޒައީ މައުމޫނުގެ "ހިޔަންޏެއް" ކަން މިހާރު މުޅިން ޔަގީން ކުރުމުގެ ފުރުސަތު އެބައޮތެވެ.


މިއަހަރުގެ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހު ރައީސް މައުމޫނު ވަނީ ސިޔާސީ މައިދާނުން ދުރަށް ވަޑައިގެންނެވިކަން އިއުލާން ކުރައްވައި އޭގެ ފަހުން މިހާތަނަށް ސިޔާސީ ކަންކަމަށް ފާޑު ވިދާޅުވެފައި ނުވި ނަމަވެސް ޒައީމްގެ މި މެސެޖުން ޒައީމް އަލުން ސިޔާސީ މައިދާނަށް އައުމަށް އުމަރު ގޮވާލައްވާ ވާހަކައަކީ އޭގައި އަސްލެއްވާ ވާހަކަތަކެއް ކަމަށް ބަލާނެ ޖާގައެއް ލިބެ އެވެ.   


ޒައީމްގެ ވާހަފުޅަށް ޕާޓީގެ ލީޑަރު އަހުމަދު ތަސްމީން މިހާތަނަށް ރައްދެއް ދެއްވާފައެއް ނުވެ އެވެ. ނަމަވެސް ޕާޓީން ބަޔާނެއް އާންމު ކުރުމުން އެކަން ބެލެވޭނީ އެއީ ތަސްމީންގެ ބަސް ކަމަށެވެ. އެ ބަޔާން ވެފައި ވަނީ ޒައީމް މައުމޫނަށް ޑީއާރްޕީގެ ލީޑާޝިޕުން ޖެހި ގޮނަކަށެވެ.


އިއްޔެ ޑީއާރްޕީން ނެރުނު ބަޔާނުގައި ބުނަނީ އެ ޕާޓީގެ ގުނަވަނަކުން ނިންމާ ނިންމުމަކަށް ގޮތް ކިޔުމުގެ އިހުތިޔާރު ޕާޓީގެ އެއްވެސް މަގާމެއްގައި ހުރި މީހަކަށް ޑީއާރްޕީގެ އަސާސީ ގަވައިދުން ތަން ނުލިބޭ ކަމަށެވެ. ރަމްޒީ މަގާމެއްގައި ހުންނެވި ނަމަވެސް އަދި ވެސް ޑީއާރްޕީގެ އެންމެ ބާރުގަދަ ފަރާތަކީ މައުމޫނެވެ. އެހެން ކަމުން ޑީއާރްޕީގެ ހަފޮޅުވަތުގެ ބަޔާނަކީ މައުމޫނަށް ރައްދުވާ ބަޔާނަކަށް ނޫނީ ނުވާނެ އެވެ.


"... ޕާޓީގެ އެކި ގުނަވަންތަކުން ނިންމާ ނިންމުންތަކާ މެދު ޕާޓީގެ ވަކިވަކި މެންބަރުންނަށް ނުވަތަ ޕާޓީގެ އެއްވެސް މަގާމެއްގައި ހުންނަވާ ބޭފުޅަކަށް  ގޮތެއް ނިންމުމުގެ އިހުތިޔާރު ޕާޓީގެ އަސާސީ ގަވައިދުގައި ލިބިދީފައެއް ނުވެ އެވެ،" ޑީއާރްޕީގެ ޑިޕިއުޓީ ލީޑަރު އުމަރު ނަސީރު ޕާޓީން ވަކި ކުރުމަށް ނިންމި ނިންމުން ގަބޫލުފުޅު ނުކުރައްވާ ކަމަށާއި އުމަރު ނަސީރަކީ އަދިވެސް ޑީއާރްޕީގެ ޑިޕިއުޓީ ލީޑަރު ކަމަށް ޑީއާރްޕީގެ ޒައީމް މައުމޫނު އަބްދުލްގައްޔޫމް ވިދާޅުވެފައި ވަނިކޮށް ޑީއާރްޕީން އާންމު ކުރި ބަޔާނުގައިވެ އެވެ.


ޑީއާރްޕީގެ ނައިބް ލީޑަރު އިބްރާހިމް ޝަރީފު ވިދާޅުވީ މީގެ ކުރިން ޒައީމް މައުމޫން ޕާޓީގެ ޒައާމަތުގައި ހުންނެވި އިރު ވެސް ޕާޓީގެ އިސް ދެ ބޭފުޅަކާ މެދު ފިޔަވަޅު އަޅާފައިވާ ކަމަށާއި އޭރު ޕާޓީގެ ނައިބު ލީޑަރު ޑރ. ހަސަން ސައީދާއި ކައުންސިލް މެންބަރު ޑރ. މުހައްމަދު ޖަމީލާ މެދު އެޅުއްވި ފިޔަވަޅާ އުމަރު ނަސީރާ މެދު ޕާޓީން އެޅި ފިޔަވަޅާމެދު އެއްވެސް ތަފާތެއް ނެތް ކަމަށެވެ.


"ޒައީ މައުމޫންގެ ޒައާމަތުގައި އޮތީ މިކަމަށް ޕްރިސީޑެންޓެއް (އުސޫލެއް) ގާއިމުވެފައި. އެހެންވީމާ މިހާރު އުމަރާ މެދު އެޅުނު ފިޔަވަޅަކީ ސައްހަ ފިޔަވަޅެއް ކަމަށް އަޅުގަނޑު ދެކެނީ،" ޝަރީފު  ވިދާޅުވި އެވެ.


އުމަރާ އެކު އަބަދުވެސް ޑީއާރްޕީ އޮތީ ދެ ކޭމްޕަކަށް ބެހިފަ އެވެ. ދެ ކޭމްޕްގެ ހަނގުރާރަމައަށް ފަހު މިހާރު މިވަނީ އުމަރު ކަނޑާލުމަށް ނިމިފަ އެވެ. އެކަން ދިފާއުކޮށް ޕާޓީން ވަނީ ބަސް ބުނެފަ އެވެ. އެ ކަން ގަބޫލު ނު ކުރައްވާ ކަމަށް ޒައީމް ވަނީ ވިދާޅުވެފަ އެވެ. ވީމާ ދެންވާނީ ކިހިނެއްތޯ އެއީ މިހާރު އެންމެން ވެސް ކުރާނެ ސުވާލެވެ.


ޑީއާރްޕީގެ ނައިބު ލީޑަރު އަދި އުމަރުގެ އެއް ބައިވެރިޔާ އިލްހާމް އަހުމަދު ވިދާޅުވީ ދެން ޑީއާރްޕީ ހަމައަކަށް އަޅުވައި ދެވޭނީ ޕާޓީގެ ޒައީމަށް ކަމަށެވެ.


"ދެން ވާނެ ގޮތަކީ މައުމޫނު ޖެހޭނީ ވަޑައިގަންނަވަން. މައުމޫނު ސިޔާސީ މައިދާނަށް ވަޑައި ނުގަންނަވާނެ ގޮތަކީ އަހަރެމެން ގަބޫލު ކުރާނެ ގޮތެއް ނޫން. (މައުމޫން) ޖެހޭނީ ވަޑައިގެންނަންވަން،" އިލްހާމް ވިދާޅުވި އެވެ. "މިހާރު މައުމޫނު ވަޑައިގެން އެކަމުގައި  ގޮތެއް ނިންމައިދެއްވަންވީ. ޕްރައިމަރީ ބާއްވައިގެން ތަސްވިއްޔާ ތަސް ހަސަން ވިއްޔާ ހަސަން ޔާމީން ވިޔަސް ގާސިމް ވިޔަސް ހެޔޮ، ތަސްމީން ވިންކުރި ނަމަވެސް އަޅުގަނޑުމެން މިތިބީ ތަސްއަށް ސަތޭކަ ޕަސެންޓްދޭން. ވާންވީ ގޮތަކީ ވެސް ވާނެ ގޮތަކީ ވެސް މައުމޫނު  ވަޑައިގަތުން،" ­ ­­­­­


އުމަރު ނަސީރު ޕާޓިން ވަކި ކުރަން ނިންމުމުން އެކަން ގަބޫލުފުޅު ނުކުރައްވާ ކަމަށް ޒައީމް މައުމޫނު ވިދާޅުވުމަކީ ޕާޓީގެ އިސް ސަފަށް އަނެއްކާ ވެސް މައުމޫން ވަޑައިގަތުމުގެ  މެސެޖެއްތޯ ސުވާލު ކުރުމުން ޝަރީފު ވިދާޅުވީ މި މައްސަލައިގައި ޒައީމް ދެކެވަޑައިގަންނަވާ ގޮތް ވިދާޅުވުމަކީ އެ މަނިކުފާނުގެ ހައްގެއް ކަމަށެވެ.


"އެމަނިކުފާނު އެނބުރި ވަޑައިގަތުމާ ބެހޭ ގޮތުން އަޅުގަނޑަކަށް އެއްޗެއް ދަންނަވާކަށެއް ނޭނގޭ، އެއެއް އެނގިވަޑައިގަންނަ ވާނީ އެމަނިކުފާނަށާއި އާއިލާގެ ބޭފުޅުންނަށް،" ޝަރީފު ވިދާޅުވި އެވެ.


އެއްކަމެއް އެނގެ އެވެ؛ އަހަރުގެ ފުރަތަމަ މަހުގައި ވަރުގަދަ ފަހުލަވާނެއް ކަމަށް ބުނެ އުމަރުގެ ކަރުގައި ޑީއާރްޕީން އެޅުވި މާފަތި އަހަރު ނުނިމެނީސް ވަނީ އަތުލަން ނިންމައިފަ އެވެ. ޑީއާރްޕީއާއެކު ކުޅެވެމުންދާ ސިޔާސީ ތަމްސީލުގެ އާ ފަރުދާއެއް ކެހެމުންދަނީ އެވެ.