14 Nov 2013, 11:32
ކޮލަންބޯ (ނޮވެމްބަރު 14): ސްރީލަންކާގެ ވެރިރަށް ކޮލަންބޯގައި މާދަމާ ފެށުމަށް ހަމަޖެހިފައިވާ ކޮމަންވެލްތުގެ ގައުމުތަކުގެ އިސްވެރިންގެ ސަމިޓަށް ތައްޔާރުވުމުގެ ގޮތުން އަޅާފައިވާ ސަލާމަތީ ފިޔަވަޅުތަކުގެ ދަށުން ސްރީލަންކާގެ ތަމަޅަ ދަރިކޮޅުގެބައެއް މީހުން ކޮލަންބޯ އަށް ދިޔުން އެގައުމުގެ ސަރުކާރުން މަނާކޮށްފި އެވެ.
ސަލާމަތީ ސަބަބުތަކަށް ޓަކައި ސްރީލަންކާގެ ތަމަޅަ ދަރިކޮޅުގެ ބައެއް މީހުން ކޮލަންބޯއަށް ދިޔުން ސްރީލަންކާ ސަރުކާރުން މަނާކުރުމަށް ނިންމީ ކޮމަންވެލްތުގެ ސަމިޓް ކުރިޔަށްދާއިރު ކޮމަންވެލްތުގެ ލީޑަރުންގެ ސަމާލުކަން ހޯދައި ސްރީލަންކާގެ ސަރުކާރު ބޭޒާރު ކުރުމުގެ ގޮތުން ސަރުކާރާ ދެކޮޅަށް މުޒާހަރާތައްކޮށް ހަމަނުޖެހުންތައް ހިންގުމަށް ތަމަޅަ އެކްޓިވިސްޓު ޖަމާއަތްތަކުން ރާވާފައިވާ ކަމަށް ޖާސޫސީ މަޢްލޫމާތުތަކަކާ ގުޅިގެން ކަމަށް ޚަބަރު ލިބެ އެވެ.
ސްރީލަންކާގެ ނޫސްތައް ބުނާގޮތުން ސަރުކާރުން މިގޮތަށް ނިންމާފައި ވަނީ އެގައުމުގެ ދާޚިލީ ހަނގުރާމައިގެ ދުވަސްވަރު ގެއްލިފައިވާ ނޫނީ މަރާލެވިފައިވާ ތަމަޅައިންގެ ޢާއިލާތަކަށް ނިސްބަތްވާ ބައެއްފަރާތްތަކުންނާއި ބައެއް އެކްޓިވިސްޓުންތަމަޅައިންގެ ޙައްޤުގައި ކަމަށްބުނެ ހަމަނުޖެހުމަށް މަގުފަހިވާ ފަދަ ގޮތަކަށް މުޒާހަރަކުރުން ފަދަ ޢަމަލުތަކެއް ހިންގަފާނެކަމުގެ ބައެއް މައުލޫމާތާ އަދި އެކަމުގެ ސަބަބުން ސަމިޓްގެ މަސައްކަތަށް ހުރަސްތަކެއް ކުރިމަތިވެދާނެ ކަމުގެ ބިރު ހީވެފައިވާތީ އެވެ.
މާދަމާ ފެށޭ ކޮމަންވެލްތުގެ ސަމިޓަށް ސަލާމަތީ ގޮތުންނާއި ޒީނަތްތެރިކަމުގެ ގޮތުން ކޮލަންބޯ ވަނީ ވަރަށް ބޮޑަށް ތައްޔާރުވެފަ އެވެ. އަދިސަމިޓްގައި ބައިވެރިވާ ވަފްދުތައް މިހާރުދަނީ ކޮލަންބޯއަށް އަންނަމުންނެވެ. ދާޚިލީ ހަނގުރާމައިގެ ދުވަސްވަރު ގެއްލިފައިވާ ނޫނީ މަރާލެވިފައިވާ ތަމަޅައިންގެ ޢާއިލާތަކަށް ނިސްބަތްވާ ބައެއްފަރާތްތަކުންއެގައުމުގެ އުތުރުގެ ވަވުނިޔާ ސަރަހައްދުގައި ސަރުކާރާ ދެކޮޅަށް އަޑުއުފުލައި އިއްޔެ މުޒާހަރާތަކެއް ކޮށްފައިވެ އެވެ. ކޮމަންވެލްތުގެ ސަމިޓް މާދަމާ ފެށޭއިރު ކޮލަންބޯ އަށް އެތެރެވުން މަނާކޮށްފައި ވަނީ ދާޚިލީ ހަނގުރާމައިގެ ދުވަސްވަރު ގެއްލިފައިވާ ނޫނީ މަރާލެވިފައިވާ ތަމަޅައިންގެ ޢާއިލާތަކަށް ނިސްބަތްވާ މެންބަރުންނާއި ހަމަނުޖެހުންތައް ހިންގަފާނެ ކަމަށް ބެލެވޭ ތަމަޅަ އެކްޓިވިސްޓުންނަށް ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ކޮމަންވެލްތްގެ ސަމިޓްގައި ބައިވެރިވެވަޑައިގަންނަވާ އިނގިރޭސި ޚާރިޖީ ވަޒީރު ވިލިޔަމް ހޭގް ވަނީ ސްރީލަންކާގެ ދާޚިލީ ހަނގުރާމައިގެ ދުވަސްވަރުގައި އެގައުމުގެ ތަމަޅަ ދަރިކޮޅުގެ އެތައް ހާސްބަޔަކާ ދެކޮޅަށް ސަރުކާރު ސިފައިން ހިނގި ކަމަށް ތުހުމަތު ކުރެވޭ ހަނގުރާމައިގެ ޖަރީމާތަކާ ބެހޭ ގޮތުން ކުރެވޭ އެތަކެއް ސުވާލެއްގެ ޖަވާބު ސްރީލަންކާ ސަރުކާރުން ދީފައިނުވާކަން ފާހަގަކުރައްވައި ވާހަކަ ދައްކަވާފަ އެވެ. ހޭގް ވިދާޅުވީ މިސުވާލުތަކުގެ ޖަވާބު ލަންކާ ސަރުކާރުން ދޭންޖެހޭނެ އެވެ.
އަދި ތަމަޅަ އާންމުންނާ ދެކޮޅަށް ސިފައިން ހިންގާފައިވާ ކަމަށް ބެލެވޭ ހަނގުރާމައިގެ ޖަރީމާތަކުގެ މައްސަލަތައް ވެސް ތަހްޤީޤްކޮށް އެކަމުގެ ފަހަތުގައިވާ ފަރާތްތަކާ މެދު އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް ވެސް ސްރީލަންކާ ސަރުކާރުން އަޅަންޖެހޭނެ އެވެ. ނޫނީ މިކަންކަމާ ގުޅޭ ފިއްތުންތައް ސަރުކާރަށް އަންނާނެ ކަމުގެ އިންޒާރު ހޭގް ދެއްވި އެވެ. ތަމަޅައިންގެ ހައްޤުތަކުގެ މައްސަލާގައި ކަމަށް ވިދާޅުވެ މޮރިޝަސްގެ ބޮޑުވަޒީރު ނަވީން ރަމްގުލާމާއި ކެނެޑާގެ ބޮޑުވަޒީރު ސްޓެފަން ހެޕާ އާއި އިންޑިޔާގެ ބޮޑުވަޒީރު މަންމޯހަން ސިންގް ވަނީ ކޮލަންބޯ ސަމިޓްގައި ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެ ސަމިޓް ބޮއިކަޓް ކުރެއްވިކަން އިޢްލާންކުރައްވާފަ އެވެ.
ނަމަވެސް ކޮލަންބޯ ސަމިޓް ފޭލްކޮށްލުމަށް ކެނެޑާ ފަދަ ގައުމުތަކުން ކުރި ޑިޕްލޮމެޓިކް މަސައްކަތްތައް ކާމިޔާބުވެފައިނުވާ ކަމަށާ މިތިން ގައުމުގެ ބޮޑުވަޒީރުން ސަމިޓް ބޮއިކަޓް ކުރެއްވިނަމަވެސް ސަމިޓަށް މާބޮޑު އސަރެއް ނުކުރާނެ ކަމަށް މުރާސިލުން ބުނެ އެވެ. ސްރީލަންކާގެ ޚާރިޖީ ވަޒީރު ޕްރޮފެސަރު ލަކްޝަމަން ޕީރިސް ވަނީ ކޮލަންބޯގެ ސަމިޓްގައި ރަސްމީ ސިފައެއްގައި ސްރީލަންކާގެ ދާޚިލީ ކަންކަމާބެހުމުގެ ފުރްސަތު އެއްވެސް ވަރަކަށް ނޯންނާނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ސަމިޓްގެ އަރިމަތީގައި އިނގިރޭސިވިލާތް ފަދަ ބައެއް ގައުމުތަކުން ތަމަޅައިންގެ ހައްގުތަކުގެ ވާހަކަތައް ދައްކައި ސްރީލަންކާ ސަރުކާރަށް ފިއްތުންތައް ކުރިމަތި ކުރުމަށް މަސައްކަތްކުރާނެ ކަމަށް ވަނީ ބެލެވިފަ އެވެ. (ނޫސްއެޖެންސީތައް)