14 Nov 2013, 11:25
ގާހިރާ (ނޮވެމްބަރު 14): މިދިޔަ ޖުލައިމަހު ގެ 3 ވަނަ ދުވަހު މިސްރުގެ ސިފައިން ގެނައި ޢަސްކަރީ އިންގިލާބެއްގައި އެގައުމުގެ އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުރުސީ މަގާމުން ދުރުކޮށްފައި ވަނީ ބާރުގެ ބޭނުންކޮށްގެން ހައިޖެކް ކުރުމަށްފަހުގައި ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.
މިސްރަށް ގެނައި ޢަސްކަރީ އިންގިލާބުގައި މަގާމުން ދުރުކޮށްފައިވާ ކުރީގެ ރައީސް ޑރ. މުހައްމަދު މުރުސީ މިހެން ވިދާޅުވެފައި ވަނީ މުރުސީ ހައްޔަރުކޮށްފައިވާ އިސްކަންދަރިއްޔާގެ ބުރުޖުލްޢަރަބް ޖަލަށް ވަޑައިގެން މުރުސީއާ ބައްދަލުކުރެއްވި އޭނާގެ ދިފާޢީ ވަކީލުންގެ ޓީމާ ވާހަކަ ދައްކަވަމުންނެވެ. މުރުސީ ވަނީ އޭނާވެރިކަމުން ދުރުކުރުމަށް ސިފައިންނާއި ސިޔާސީ ބައެއް އިދިކޮޅު ފަރާތްތައް ގުޅިގެން ގެނައި ޢަސްކަރީ އިންގިލާބު ފޭލްވެ އިންގިލާބީންނަށް މިސްރުގެ ރައްޔިތުންގެ ތާއީދުގެއްލި އެމީހުން ސަހަރޯވާ ހިސާބަށް ކަންތައްތައް ގޮސްފައިވާ ކަމަށް ވިދާޅުވެ ދިފާޢީ ޓީމުގެ ބޭފުޅުންނާ ވާހަކަ ދައްކަވާފަ އެވެ. މިގޮތުން ޢަސްކަރީ އިންގިލާބަށް ފަހު މިސްރަށް ހަމަޖެހުން އައުމުގެ ބަދަލުގައި ހަމަނުޖެހުންތައް އިތުރަށްބޮޑުވެ މިހާރުފެންނަމުންދަނީ އިންގިލާބާ އިދިކޮޅު މުޒާހަރާތަކާއި އިހްތިޖާޖްތައް މިސްރުގެ ކަންކޮޅުތަކަށް ފެތުރި އެކަންތައްތައް ކޮންޓްރޯލް ކުރުމަށް އިންގިލާބީ ވެރިން ނުކުޅެދިފައިވާ މަންޒަރު ކަމަށް ވެސް މުރުސީ ވިދާޅުވި އެވެ.
މުރުސީގެ ދިފާޢީ ވަކީލުންގެ ޓީމުގެ މެންބަރުންނާ ޖަލުގައި ބައްދަލުކުރައްވައި އޭނާ ދެއްކެވި ވާހަތަކާބެހޭ ގޮތުން ނޫސްވެރިންނަށް މަޢްލޫމާތު ދެއްވަމުން އެޓީމުން ބުނީ މުރުސީ ހުންނެވީ އޭނާގެ ވެރިކަން ވައްޓާލި މިސްރުގެ ދިފާޢީ ވަޒީރު ޖެނެރަލް ޢަބްދުލްފައްތާޙް އައްސީސީ އާއި އިންގިލާބުގައި ބައިވެރިވާ އެހެން ފަރާތްތަކުގެ މައްޗަށް ދައުވާ ކުރެއްވުމުގެ ރޫޙުގައި ކަމުގަ އެވެ. އަދި މުރުސީގެ މައްޗަށް ޝަރީޢަތް ހިންގާ ޖިނާއީ ކޯޓުގެ ޝަރްޢިއްޔަތު (ލެޖިޓިމަސީ) ގަބޫލުކުރެއްވުމަށް މުރުސީ ދެކޮޅު ހައްދަވާ ކަމަށްވެސް އެޓީމުން ބުނެ އެވެ.
ޑރ. މުރުސީ ވަނީ އޭނާގެ ވެރިކަން ވައްޓާލި މިސްރުގެ ދިފާއީ ވަޒީރު އަބްދުލްފައްތާޙް އައްސީސީ އަކީ ގައުމަށާއި ރައްޔިތުންނަށް ޚިޔާނާތްތެރިވެ ވަޑައިގެންފައިވާ ޚާއިނެއް ކަމަށް ސިފަކުރައްވާފަ އެވެ. އަދި މުރުސީގެ ވެރިކަން އަލުން އަނބުރައި އިޢާދަނުކުރަނީސް މިސްރަށް ހަމަޖެހުން ނާންނާނެ ކަމަށާއި މިދިޔަ ޖުލައި މަހު ގާރިހާގެ ރާބިއާއަލްއަދަވިއްޔާ މައިދާނާއި ނަހްޒާ މައިދާނުގައި މުޒާހަރާ ކުރަމުން ގެންދިޔަ މުރުސީއަށް ތާއީދުކުރާ މީހުންނާ ދެކޮޅަށް ބާރުގެ ބޭނުންކޮށް އޭގެތެރެއިން 800 އަށް ވުރެ ގިނަ މީހުން މަރާލި މައްސަލާގެ ޒިންމާ ޖެނެރަލް ސީސީ އާއި މިސްރުގެ މިހާރުގެ މަސްއޫލުވެރިން އުފުއްލަވަން ޖެހޭނެ ކަމަށް މުރުސީ ވިދާޅުވެފައިވާ ކަމަށް ވެސް އޭނާގެ ދިފާޢީ ވަކީލުންގެ ޓީމުން ހާމަކޮށްފައިވެ އެވެ.
ޢަސްކަރީ އިންގިލާބެއްގައި މިސްރުގެ ސިފައިންނާއި އިދިކޮޅު ސިޔާސީ ފަރާތްތައް ގުޅިގެން ޑރ. މުރުސީ މަގާމުން ދުރުކޮށްފައި ވަނީ މުރުސީ އިސްތިއުފާ ދެއްވައިތޯ ސިފައިންނާއި އިދިކޮޅު ފަރާތްތަކުން ކުރިމަތިކުރި ފިއްތުންތަކަށް އިޖާބަ ދެއްވުމަށް އޭނާ ދެކޮޅު ހައްދަވައި ސާބިތުކަން ދެއްކެވުމުގެ ސަބަބުން ކަމަށް މުރާސިލުން ބުނެ އެވެ. މުރުސީ ވަނީ މިސްރުގެ އިންގިލާބީ ވެރިކަން ވެއްޓެންދެން މުޒާހަރާތަކާއި އިހްތިޖާޖްތައް ކުރިޔަށް ގެންދިޔުމަށް ރައްޔިތުންނަށް ގޮވާލައްވާފަ އެވެ. (ނޫސްއެޖެންސީތައް)