ހަށިގަނޑުގެ މަސްތައް ވަރުގަދަކުރުމަށާއި ބަރުދަން ލުއިކުރުމަށް ބޭނުންކުރާ މާއްދާއަކުން ހަށިގަނޑަށް ގެއްލުންވާނެ ކަމަށް ބެލެވޭތީ އެ ބޭސް ބޭނުން ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އިން އަންގައިފި އެވެ.

އެ އޮތޯރިޓީ އިން މިއަދު ބުނީ ޑައިޓަރީ ސަޕްލިމެންޓެއް ކަމުގައިވާ "އޮކްސި އީލައިޓްޕްރޯ އާއި ވާސާ" ބޭނުންކުރުމުން ގިނަ އަދަދެއްގެ މީހުންނަށް ހެޕަޓައިޓިސް ޖެހިފައިވާ ކަމަށެވެ. އެހެން ކަމުން އެކަމަށް ސަލާމަތް ވުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވެސް ރާއްޖެ އަށް އަންގާފައިވާ ކަމަށް ބުނެފައިވެ އެވެ. އަދި އެމެރިކާގެ ސެންޓާ ފޯ ޑިސީސް ކޮންޓްރޯލްއާއި ޔުނައިޓޭޑް ސުޓޭޓްސް ފުޑް އެންޑް ޑުރްގް އެޑްމިނިސްޓްރޭޝަން އިން އެކަން ތަހުގީގް ކުރަމުންދާ ކަމަށް ބުނެފައިވެ އެވެ.

ފުޑް އެންޑް ޑުރަގް އޮތީރިޓީ އިން ބުނީ އެސަޕްލިމެންޓްގައި ހިމެނޭ މާއްދާއެއް ކަމަށްވާ "އެޖްލީން" އަކީ އެމާއްދާގެ ރައްކާތެރިކަން ކަށަވަރު ކުރެވިފައިވާ މާއްދާއެއް ނޫން ކަމަށެވެ. އެހެންކަމުން އެކަމުގެ ތަހުގީގް ނިމެންދެން އެޕުރޮޑެކްޓް ބޭނުންނުކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.

"މިހާތަނަށް ލިބިފައިވާ މައުލޫމާތުން މި ޕުރޮޑެކްޓް ބޭނުންކުރުމަކީ އާއްމު ސިއްހަތައް ގެއްލުމެއް ހުރިކަމެއްކަމުގައި ވާތީ އޮކްސީ އީލައިޓްޕްރޯއާއި ވާސާ އާއި މި ބްރޭޑްގެ އެހެން އެއްވެސް ޑައިޓަރީ ސަޕްލިމެންޓެއް ބޭނުންކުރުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް ދައްނަވަން،" އެއޮތޯރިޓީއިން ބުންޏެވެ.

ރާއްޖެ އަށް އެފަދަ ޕުރޮޑެކްޓެއް އެތެރެވޭތޯ އާއި ވިއްކަން ހުރިތޯބެލުމާއި އެ ނޫންވެސް އެކަމާ ގުޅިގެން ކުރަން ޖެހޭ އެންމެހާ ކަންތައްތައް ކުރަމުންދާ ކަމަށް ފުޑް އެންޑް ޑުރަގް އޮތޯރިޓީ އިން ބުނެ އެވެ.