ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގެ ތިން އަހަރު ތެރޭގައި އެމަނިކުފާނުގެ ޕާޓީގެ އެކްޓިވިސްޓުންނާއި ގާތް ބޭފުޅުންނަށް ހަދިޔާގެ ގޮތުގައި ބެއްސެވި ތަކެތީގެ ސަބުން ދައުލަތަށް ލިބުނު ގެއްލުން ދިވެހި ރާއްޖޭގެ އާބާދީގެ ބޮލަކަށް 530,000ރ. ޖެހޭނޭ ކަމަށް ޕީޕީއެމް އިން ބުނެފި އެވެ.

ޕީޕީއެމް އެމްޑީއޭ ގުޅިގެން އުފައްދާފައިވާ ކޯލިޝަނާ ގުޅިފައިވާ އެހެން ޕާޓީތަކުން ރޭ ދަރުބާރުގޭގައި ބޭއްވި އިގްތިސާދީ ފޯރަމްގައި މައުލޫމާތު ދެއްވަމުން މުހައްމަދު މަލީހު ޖަމާލާއި އަބްދުﷲ އަމީން ވިދާޅުވީ، ރައީސް ނަޝީދުގެ ގާތް ބޭފުޅުން މިހާރު އެހާވަރަށް ދުވަނީ "ގެއްލުނު އެތި ބޮޑުކަމުން" ކަމަށެވެ.

އެގޮތުން އެމްޑިޕީގެ ސަރުކާރުގެ ތިން އަހަރު ތެރޭގައި އެ ޕާޓީގެ "އިސް ފަރާތްތަކަށް" ބިޑްކުރުމެއް ނެތި ރިސޯޓް ހެދުމަށާއި އަދި ވެސް އެހެނިހެން ބޭނުންތަކަށް ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުން ދިގު މުއްދަތަކަށް ދޫކޮށްފައިވާ ފަޅުރަށްތަކުން ދައުލަތަށް ލިބެން ޖެހޭ އާމްދަނީ ނުލިބުމުގެ ސަބަބުން ދަލަތަށާއި ރައްޔިތުންނަށް އަގުނުކުރެވޭ ފަދަ ބޮޑެތި ގެއްލުން ލިބިފައިވާ ކަމަށް ޕީޕީއެމް އިން ބުންޏެވެ.

ސިޔާސީ ހަރަކާތްތަކުގައި އެމްޑީޕީ އަށް ފައިދާ ހުރި ގޮތަށް ހަރަކާތްތެރިވެ ދެއްވި ފަރާތްތަކަށް ހަދިޔާގެ ގޮތުގައި ބިޑް ކުރުމަކާ ނުލައި ދެއްވި ބައެއް ރަށްތަކަށް ބަލާ އިރު، އަރީޝާ ކިޔާ ބޭފުޅަކަށް ރިސޯޓު ހެދުމަށް ތ. ވައްބަނދި ކިޔާ ފަޅުރަށެއް ދީފައިވާ އިރު، "މިފްރާހް" ކިޔާ ބޭފުޅަކަށް އއ. އަލިކޮއިރަށް، "ޕްރިޕެއިޑް ޝިއުނާ" ކިޔާ ބޭފުޅަކަށް ބ. ކެޔޮދޫ ކިޔާ ފަޅުރަށެއް، "ބޯޑު ސޯރޭ" ކިޔާ ބޭފުޅަކަށް ބ. ބަތަލާއާއި ޅ. ހުރުވަޅި، ސިމް މުހައްމަދު އިބްރާހީމް އަށް ކ. އަކިރިފުށި، މައިޓްރެވަލް "އާތިކޯ" ކިޔާ ބޭފުޅަކަށް އދ. ތެލުވެލިގާ، ރީކޯ މޫސާ މަނިކުގެ ހެވީލޯޑަށް ނ. ހުއިވަނި، މުނި އެންޓަޕްރައިސަސްގެ މުޙްތާރު ކިޔާ ބޭފުޅަކާއި ނިޒާރު ކިޔާ ބޭފުޅަކަށް ނ. ލޯފަރާއި، ނ. މާކުރަންދޫ، ދޮންބިލެތް އަހްމަދު ހަލީމަށް ރިސޯޓު ހެދުމަށް ތިން ރަށް ދީފައިވާ އިރު އެމްޑީޕީގެ ޕާލިމެންޓް މެންބަރު އަބްދުލްޣަފޫރު މޫސާއަށް ބިޑްކުރުމަކާ ނުލައި ކ. މަނިޔަފުށި ދީފައިވާ ކަމަށް ޕީޕީއެމްއިން ބުނެޏެވެ.

"އަރީޝާ އަށް ރިސޯޓު ހެދުމަށް ބިޑް ކުރުމަކާ ނުލައި ތ. ވައްބަނދި ދީފައިވާއިރު އެއީ މުޅި ތ. އަތޮޅު ފަހުރުވެރިވާ ވަރުގެ ފެންވަރު ރަނގަޅު ހޮސްޕިޓަލެށް މީހުންއުޅޭ ކޮންމެ ރަށެއްގައި އެޅޭނެހާ ފައިސާ،" މަލީހު ވިދާޅުވި އެވެ.

ރޭގެ ފޯރަމްގައި މަލީހު ވިދާޅުވީ އެބޭފުޅުން ހާމަކުރަށްވަމުން ގެންދަވާ މައުލޫމާތުތަކަކީ ދައުލަތުގެ ލިޔެކިޔުންތަކުން ފެންނަން ހުރި މައުލޫމާތުތައް ކަމަށާއި އެގޮތުން އެމްޑީޕީގެ އެކްޓިވިސްޓުންނަށް ދައުލަތުގެ އެންމެ ބޮޑެތި ރައުސުލްމާލް ބާހާފައި ވަނީ އެއްވެސް އިންސާފެއް ނެތި ކަމަށެވެ. އަދި އެގޮތަށް ބެހުމުގައި ވެސް އެމްޑީޕީގެ އާންމު މެންބަރުންނަށް އެއިން އެއްވެސް ފައިދާއެއް ނުވާގޮތަށް ރައީސް ނަޝީދުގެ އަރިސް ބޭފުޅުންނަށް އެ ހުރިހާ ހަދިޔާތައް ބައްސަވާފައިވާ ކަމަށް މަލީހު ވިދާޅުވި އެވެ.

"ހަމަ އެކަނި ޝިއުނާއަށް ބިޑު ނުކޮށް ރިސޯޓެއް ހެދުމަށް ރަށެއް ދިނުމުން ވެސް ދައުލަތައް އަހަރަކު 400،000 ޑޮލަރު ގެއްލި، 99 އަހަރަށް 700 މިލިއަން ޑޮލަރު ގެއްލޭނެ. އެއީ 200 ރަށުގެ ނަރުދަމާ އެޅޭނެހާ ފައިސާ،" މަލީހު ވިދާޅުވި އެވެ.

މަލީހު ވިދާޅުވީ، ޝިއުނާ އަށް ދީފައި ވަނީ އެއް ރަށް ނޫން ކަމަށާއި އޭގެ ތެރެއިން އެއްރަށާ ބެހޭ މައުލޫމާތު ހާމަކުރި ނަމަވެސް ބިޑް ކުރުމަކާ ނުލައި ޝިއުނާއަށް ތިން ރަށް ދީފައިވާ ކަމަށެވެ.

މަލީހު ވިދާޅުވީ މިފަދަ ފޯރަމްތަކުގައި އެމްޑީޕީގެ ކޮރަޕްޝަނާއި ފަސާދައިގެ މައުލޫމާތުތައް ހާމަކުރަން ޖެހޭ އެންމެ ބޮޑު ސަބަބަކީ، މިފަހަރުގެ އިންތިހާބުގެ ކުރިން ބާއްވަން އުޅުނު ރިޔާސީ ބަހުސަށް ވެސް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ފިއްލަވާފައިވާ އިރު މިފަދަ މައުލޫމާތުތަކަކީ އާންމުންނަށް ކޮންމެހެން އެނގެން ޖެހޭ މައުލޫމާތުތަކެއް ކަމަށް ވާތީ އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެމްޑީޕީ ސަރުކާރުގެ ފަތުރުވެރިކަމާ ބެހޭ ވަޒީރު މަރިޔަމް ޒުލްފާގެ ފިރިކަލުން ސިމް މުހައްމަދު އިބްރާހީމް އަށް ވެސް ނަޝީދުގެ ސަރުކާރުގައި މާލެއަތޮޅުން ތިން ހަތަރު ފަޅު ރަށް ދިނުމަށް ނިންމާފައިވާ ކަމަށާއި އަދި އޭނާ އަށް ބިޑް ނުކޮށް ރިސޯޓު ހެދުމަށް ކ. އަކިރިފުށި ދީފައިވާ އިރު "އެއީ މުޅި މާލޭގެ ހުރިހާ ރައްޔިތުންގެ ކަރަންޓު ސަބްސިޑީއަށް އަހަރަކަށް ޖެހޭ އާމްދަނީ" ކަމަށެވެ.

އަދި ހަމަ އެހެންމެ އެމްޑީޕީގެ އިސް ހަރަކާތްތެރިއެއް ކަމަށްވާ މައިޓްރެވަލް އާތިކޯ އަށް ރިސޯޓު ހެދުމަށް ބިޑްކުރުމަކާ ނުލައި އދ. ތެލުވެލިގާ ދީފައިވާ އިރު "އެ ތަނުން ލިބެން ޖެހޭ އާމްދަނީ އިން ހުޅުމާލެ ބްރިޖް އެޅުނީސް،" ކަމަށް ވެސް މަލީހު ވިދާޅުވި އެވެ.

"ރީކޯ މޫސަ އަށް. ރީކޯގެ ހެވީލޯޑަށް ވަނީ ރިސޯޓު ހެދުމަށް ނ. ހުއިވަނި ދީފައި. އެއީ 10،000 ކުދިން މާސްޓަސް ޑިގްރީއަށް ކިޔަވާދެވޭހާ ފައިސާ،" މަލީހު ވިދާޅުވި އެވެ. "ދޮންބިލެތަށް ބިޑް ނުކޮށް ރިސޯޓު ހެދުމަށް ތިން ރަށެއް ދިނުމުން ދައުލަތައް އަހަރަކު 18 މިލިޔަން ރުފިޔާ ގެއްލި ލީސް މުއްދަތުގެ ތެރޭގައި 900 މިލިއަން ރުފިޔާ ގެއްލޭނެ. ނިސްބަތުން ބަލާ ނަމަ މިފައިސާ އިން ގަލޮޅު ދެކުނު ދާއިރާގެ ރައްޔިތުންގެ ބޮލަކަށް 180000 ރުފިޔާ ޖެހޭ."

އިގްތިސާދީ ފޯރަމްގައި އަމީން ވިދާޅުވީ ޕީޕީއެމްގެ މެނިފެސްޓޯގައި ކޮންމެ އަތޮޅަކަށް ރިސޯޓެއް ހާއްސަ ކުރަނީ އެ ރިސޯޓަކުން ލިބޭ މައިގަނޑު އާމްދަނީއަކީ އެ އަތޮޅެއްގެ ރައްޔިތުންނަށާއި އަތޮޅުގެ ތަރައްގީ އަށް ހޭދަކުރާ ފައިސާ އަށް ހެދުމަށް މަސައްކަތް ކުރުން ކަމަށްވީ ނަމަވެސް ރައީސް ނަޝީދުގެ ވެރިކަމުގައި ރިސޯޓު ހެދުމަށް ރަށްތައް ދޫކޮށްފައި ވަނީ އެއްވެސް އުސޫލެއް ނެތި ހަމަ އެކަނި އެމަނިކުފާނުގެ ސިޔާސީ ހަރަކާތްތައް ހިންގުމަށާއި އެކަމަށް އެހީވެދޭ ފަރާތްތަކަށް މަންފާ ހޯދައިދިނުމަށް ޓަކައި ކަމަށެވެ.

އެމްޑީޕީގެ އެކްޓިވިސްޓެއް ކަމަށްވާ "ބޮޑު ސޯރޭ" ކިޔާ ބޭފުޅަކަށް ބިޑްކުރުމަކާ ނުލައި ރިސޯޓް ހެދުމަށް ބ. ބަތަލާ އާއި ޅ. ހުރުވަޅި ދޫކޮށްފައިވާ އިރު އެ ދެރަށް ގަވާއިދާ ހިލާފަށް ދޫކުރުމުން އަހަރަކު 800،000 ޑޮލަރު ގެއްލި، 99 އަހަރަށް 1400 މިލިއަން ޑޮލަރު ގެއްލޭނޭ ކަމަށް އަމީން ވިދާޅުވި އެވެ.

"ސޯރޭއަށް ބިޑު ނުކޮށް ރިސޯޓު ހެދުމަށް ދެ ރަށް ދިނުމުން ގެއްލުން ވެފައިވާ ފައިސާއަކީ އެފައިސާ އިން މުޅި ރާއްޖޭގެ ހުރިހާ މަސްވެރިންނަށް 49 އަހަރު ދުވަސް ވަންދެން މަހަކު 10000 ރުފިޔާ ދެވޭހާ ފައިސާ،" އަމީން ވިދާޅުވި އެވެ.

އެމްޑީޕީގެ އެކްޓިވިސްޓެއް ކަމަށްވާ "މިފްރާހް" ކިޔާ ބޭފުޅަކަށް ހަދިޔާގެ ގޮތުގައި ބިޑު ނުކޮށް ރިސޯޓު ހެދުމަށް އއ. އަލިކޮއިރަށް ދީފައިވާ ކަމަށާއި އޭގެ ސަބަބުން ދައުލަތައް އަހަރަކު 400،000 ޑޮލަރު ގެއްލި، 99 އަހަރަށް 700 މިލިއަން ޑޮލަރު ގެއްލޭނެ ކަމަށް ވެސް އަމީން ވިދާޅުވި އެވެ.

"މިފްރާހަށް ބިޑު ނުކޮށް ރިސޯޓު ހެދުމަށް އއ. އަލިކޮއިރަށް ދިނުމުން ދައުލަތައް ލިބޭ ފައިސާ އިން އަރި އަތޮޅުގައި އެންމެ ޒަމާނީ ޔޮޓު ބަނދަރެށް އެޅި މުޅި އަތޮޅުގެ ޒުވާނުންނަށް ވަޒީފާ ލިބުނީސް،" އަމީން ވިދާޅުވި އެވެ.

އަމީން ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ފޯރުކޮށް ދިނުމުގެ ވާހަކަ ދައްކާއިރު އެމްޑީޕީގެ ހަރަކާތްތެރިއެއް ކަމަށްވާ "ސްޓެޓިކް އިއްސޭ" ކިޔާ ބެފުޅަކަށް ރިސޯޓު ހެދުމަށް ގަވާއިދާ ހިލާފަށް ޅ. ފާއްދޫ ދީފައިވާ އިރު "އެފައިސާއިން ޅ.ނައިފަރު، ހިންނަވަރު، އަދި ކުރެންދޫގެ ފެނާއި ނަރުދަމާ އާއި 1500 ފްލެޓް އެޅުނީސް،" ކަމަށެވެ.

އަދި މުނި އެންޓަޕްރައިސަސް އަށް ރިސޯޓު ހެދުމަށް ނ.ލޯފަރާއި، ނ. މާކުރަންދޫ ދީފައިވާ އިރު "އެއީ މުޅި ނ. އަތޮޅުގައި ފެނާއި ނަރުދަމާ އެޅޭހާ ފައިސާ،" ކަމަށް އަމީން ވިދާޅުވި އެވެ.

އަމީން ވިދާޅުވީ ރައީސް ނަޝީދުގެ ވެރިކަމުގައި އެޕާޓީގެ އާންމު މެންބަރުންނަށް ފައިދާއެއް ހޯއްދަވައި ދެއްވާފައި ނުވި ނަމަވެސް ޕާޓީގެ އިސް ސަފުގައި ހަރަކާތްތެރިވާ ބޭފުޅުންނާއި ޕާޓީ އަށް ނިސްބަތްވާ ޕާލިމެންޓް މެންބަރުންނަށް ބޮޑެތި މަންފާތަކެއް ހޯއްދަވައިދެއްވާފައިވާ ކަމަށެވެ.

"ޣަފޫރު، ނުވަތަ ޕާލިމެންޓް މެންބަރު ގަބޯ އަށް ރިސޯޓު ހެދުމަށް ކ. މަނިޔަފުށި ދީފައިވާ އިރު އެއީ 5000 ދަނޑުވެރިންނަށް 18 އަހަރުވަންދެން މަހަކު 8000ރ ދެވޭހާ ފައިސާ،" އަމީން ވިދާޅުވި އެވެ.

ރޭގެ ފޯރަމްގައި ޕީޕީއެމުން ބުނީ ރައީސް ނަޝީދު ވަނީ އެމަނިކުފާނުގެ ވެރިކަމުގެ ތިން އަހަރުގައި އެމަނިކުފާނުގެ ސަޕޯޓަރުންނާއި އެކްޓިވިސްޓުންނަށް ރާއްޖޭގެ ފަޅުރަށްތަކުގެ ތެރެއިން 400 އަށް ވުރެ ގިނަ ރަށް ބަހާފައި ކަމަށާއި އެއީ ދައުލަތަށް އަހަރެއްގެ މައްޗަށް 160 މިލިއަން ޑޮލަރުގެ ގެއްލުން ކަމަށެވެ.

އަދި އެ މުއްދަތުގެ ތެރޭގައި ގެއްލިގެން ދިޔައީ ދިވެހި ރާއްޖޭގެ އާބާދީގެ ބޮލަކަށް 530,000ރ. ޖެހޭވަރުގެ ފައިސާ ކަމަށާއި "މިފައިސާ އިން ދުނިޔޭގެ ފެންވަރުގެ މުޅިންއާ 21 އެއަޕޯޓް އެޅުނީސް" ކަމަށް ވެސް ޕީޕީއެމުން ބުންޏެވެ.