ރާއްޖޭގެ ދާހިލީ ކަންކަމުގެ ތެރެއަށް ބޭރުގެ ފަރާތްތަކުން ބަސްބުނެ އެކަންކަމާ ފާޑުކިޔުމުގެ ފުރުސަތު ބައިނަލްއަގުވާމީ މުޖުތަމައުތަކަށާއި ބޭރު ގައުމުތަކަށް ހޯދައިދެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ޓީވީއެމްގެ ރާއްޖޭގެ މިއަދު ޕްރޮގްރާމްގައި ޕީޕީއެމްގެ ސަރުކާރެއްގައި ގެންގުޅުއްވާނެ ހާރިޒީ ސިޔާސަތުތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ޔާމީން މިރޭ ވިދާޅުވީ ޕީޕީއެމްގެ ސަރުކާރެއްގައި މިހާރަށް ވުރެ ވެސް ބޮޑަށް ބޭރު ގައުމުތަކާ އެކު އޮތް ގުޅުން ހަރުދަނާ ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި ބޭރުގެ ގައުމުތަކާ އޮތް ގުޅުމަށް ބުރޫ އަރަމުން ދަނީ އެއިރެއްގައި އޮންނަ ސަރުކާރަކުން ރާއްޖޭގެ ދާހިލީ ކަންކަމާ ބަސްބުނުމުގެ ފުރުސަތު ދިނުމުން ކަމަށެވެ.

"ސަރުކާރެއް ހިންގުމަށް އެވަގުތު ހުންނަވާ ބޭފުޅަކު މި ކަހަލަ ދާހިލީ ކަންކަމާ ބޭރުގެ ފަރާތްތަކަށް ބަސް ބުނުމަށް ދައުވަތު ދެއްވާނެ ފުރުސަތު އިތުރު ކުރެއްވީމަ އެކަންކަމާ އެފަރާތްތަކުން ބެހެނީ، އަނެއްކާ މިފަހަރު އިންތިހާބަށް ކުރިމަތިލައްވައިގެން ރައީސް ނަޝީދު އުޅުއްވާއިރު މިކަންކަމަށް ޖާގަ މި ހޯއްދަވައި ދެއްވަނީ ނަޝީދު ކަމުގައި އަޅުގަނޑުމެން ފާހަގަކުރެވޭ،" ޔާމީން ވިދާޅުވި އެވެ.

ރާއްޖޭގެ ރިޔާސީ އިންތިހާބު ނުބޭއްވިގެން ބޭރު ގައުމުތަކާއި ބައިނަލް އަގުވާމީ ޖަމާއަތްތަކުން މިހާރު ގެންގުޅޭ ޝައުގުވެރިކަން ފެބްރުއަރީ ހަތެއްގައި ރައީސް ނަޝީދު އިސްތިއުފާ ދެއްވުމާ ގުޅިގެން، ހިނގި ޖަރީމާތަކާ ގުޅިގެން ފެނިފައިނުވާ ކަމަށް ޔާމީން ވިދާޅުވި އެވެ.

"ފެބްރުއަރީ ހަތެއްގައި ދިވެހި ރާއްޖޭގެ ރައްޔިތުންނަށް ލިބުނު ގެއްލުންތަކާއި ހިންގި ޖަރީމާތަކާ ގުޅިގެން ނުފެނުނު މިހާރު ރިޔާސީ އިންތިހާބު ނުބޭއްވިގެން ބޭރުގެ ފަރާތްތަކުގެ ކަންބޮޑުވުމެއް. އެބައި ބާއްވައިފައި އޭރު އަބަދުވެސް ފެންނަނީ އަވަސް އިންތިހާބެއް ބޭއްވުމަށް ގޮވާލާތަން. ރާއްޖެ އަށް ސުލްހަވެރިކަން އަންނާނީ އޭރުންނޭ،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ ބޭރުން ވަޑައިގެންނަވާ ބޭފުޅުން ކަންކަން ނިންމަވަނީ އެބޭފުޅުންނަށް ލިބިވަޑައިގެންނަވާ މައުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށް ކަމަށާއި ނަމަވެސް ރާއްޖޭގެ ހާލަތު އެންމެ ރަނގަޅަށް އެނގޭނީ ރާއްޖޭގެ ރައްޔިތުންނަށް ކަމަށެވެ.

މިރޭގެ ޕްރޮގްރާމްގައި ރާއްޖޭގެ އިގުތިސާދީ ހާލާތްތަކާ ގުޅިގެން ދެއްކެވި ވާހަކަފުޅުގައި ޔާމީން ވިދާޅުވީ ރާއްޖޭގެ މިހާރު އޮތް އިގުތިސާދީ ހާލަތު ރަނގަޅު ކުރެވޭނީ މިހާރު އޮތް ހާލަތު ރަނގަޅު ކުރުމަށް ޓަކައި ކުރެވޭ ކަންތައްތަކެއްގެ ސަބަބުން ކަމަށެވެ.

ޕީޕީއެމްގެ މެނިފެސްޓޯގައި އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި ކަނޑައަޅާފައި ވާނީ ސަރުކާރުގެ ރިކަރެންޓް ހަރަދު ކުޑަކޮށް، ބައެއް ކަހަލަ އިސްރާފު ހުރި މައްސޫރޫއުތައް ދޫކޮށްލުން ކަމަށް ޔާމީން ވިދާޅުވި އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ޕީޕީއެމްގެ ސަރުކާރުގެ ދެ އަހަރު ނިމޭ އިރު ބަޖެޓް ޑެފިސިޓް ޒީރޯ އަށް ހެދޭނެ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.