ލިވަޕޫލް އަށް ކޯޗުކޮށްދިނުން ހުވަފެނެއްގެ ގޮތުގައި ދެކެމުންދިޔަ ނަމަވެސް މިހާރު އެކަމުގެ އުންމީދުތައް ގެއްލިފައިވާ ކަމަށް އިނގިރޭސި ގައުމީ ޓީމްގެ ކުރީގެ ކޯޗް ސްވެން ގޯރާން އެރިކްސަން ބުނެފި އެވެ.

ލިވަޕޫލްގެ ކޯޗުކަމުން 2010 ވަނަ އަހަރު ރަފާ ބެނިޓޭޒް ދުރަށް ދިއުމުން އެރިކްސަން އަށް އެމަގާމް ލިބޭނެ ކަމަށް މީޑިއާގައި ވާހަކަތައް ދެކެވެމުންދިޔަ އެވެ. ނަމަވެސް އެރިކްސަން އަށް އެކަން ނިމުމަކަށް އައީ އެމަގާމަށް މިހާރުގެ އިނގިރޭސި ގައުމީ ޓީމްގެ ކޯޗު ރޯއީ ހޮޑްސަން ހަމަޖެއްސުމާއި ގުޅިގެންނެވެ.

"ލިވަޕޫލްއަށް ކޯޗުކޮށްދިނުމަކީ ކުރިން އަހަރެންގެ ހުވަފެނެއް. ނަމަވެސް ދެން އެކަމެއް ނުވާނެ. އަހަރެންނަކީ އަބަދުވެސް ލިވަޕޫލްގެ ސަޕޯޓަރެއް. އަދި އަހަރެންގެ ބައްޕައަކީ ވެސް ލިވަޕޫލް އަށް ވަރަށް ބޮޑަށް ސަޕޯޓްކުރާ މީހެއް. އެއީ އާއިލީ ކަމެއް ކަމަށްވެސް ވެދާނެ. ލިވަޕޫލް އިން މިހާރު ވަރަށް ރަނގަޅު ކުޅުމެއް ދައްކާ." އެރިކްސަން ބުންޏެވެ.

މިހާރު ޗައިނާގެ ގުއަންގްޒޫ އާރް އެންޑް އެފް އަށް ކޯޗުކަން ކޮށްދެމުންދާ އެރިކްސަން ވަނީ ބޮޑު ތިން މުބާރާތެއްގެ ކުއާޓާ ފައިނަލަށް އިނގިރޭސި ގައުމީ ޓީމް ގެންގޮސްދީފަ އެވެ. އިނގިރޭސި ގައުމީ ޓީމަށް ތައްޓެއް ހޯދައިދޭން ބޭނުން ނަމަވެސް ދެން އެޓީމްގެ ކޯޗުކަން ލިބޭނެކަމުގެ އުންމީދެއް ނެތްކަމަށް އެރިކްސަން ބުނެފައި ވެއެވެ.

"އިނގިރޭސި ގައުމީ ޓީމާއެކު ހާސިލްނުވި ކަންތައްތަކެއް އެބަހުރި. ނަމަވެސް އަހަރެންނަށް އަލުން އިނގިރޭސި ޓީމްގެ ކޯޗުކަން ލިބޭނެކަމުގެ އުންމީދެއް ނެތް. އިނގިރޭސި ގައުމީ ޓީމްގެ ކޯޗުކަމަކީ ފުޓްބޯޅައިން ލިބޭނެ އެންމެ ބޮޑު ވަޒީފާ." އެރިކްސަން ބުންޏެވެ.

އެރިކްސަންގެ ކޯޗިންގް ކެރިޔަރުގައި އޭނާ ވަނީ ސްވިޑަން އާއި ޕޯޗުގަލް އަދި އިޓަލީ ގައި ވެސް ލީގު ތަށިތަކެއް ކާމިޔާބުކޮށްފަ އެވެ.