04 Dec 2010, 15:41
މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކަކީ ހަގީގަތެއް ނޫން ކަމަށް ބުނެ އެ ހިޔާލު ފެތުރުމަށް ކެމްޕެއިން ކުރަމުންދާ ފަރާތްތަކަށް މާލީ އެހީދޭ ތެޔޮ ކުންފުނިތަކަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިކަމަށް ފާޑުވިދާޅުވެ ވާހަކަފުޅުދެއްކެވީ، އެކިއެކި މައުޟޫތަކަށް ބަހުސް ކުރުމަށް އުފައްދާފައިވާ ޖަމްއިއްޔާތަކުގެ ތެރެއިން އެންމެ ދުވަސްވީ، އެންމެ ޝަރަފްވެރި އެއް ޖަމްއިއްޔާ ކަމުގައިވާ އޮކްފާޑް ޔޫނިއަންގައި ވާހަކަފުޅުދައްކަވަމުންނެވެ.
"ކްލައިމެޓްގޭޓް" ގެ މައްސަލައާ ބެހޭގޮތުން ވާހަކަފުޅުދައްކަވަމުން، މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކާ ބެހޭގޮތުން ހޭލުންތެރިކަން އުފައްދަން މަސައްކަތް ކުރަމުން ގެންދާ އައިޕީސީސީގެ ޗެއާމަން ޑޮކްޓަރ ޕަޗޯރީ އާއި، އެމެރިކާގެ ކުރީގެ ނައިބު ރައީސް އަލްގޯފަދަ ބޭފުޅުންގެ އަގުވައްޓާލުމަށް ބަޔަކު މަސައްކަތްކުރާތަން ފެންނަމުންދާ ކަމުގައި ރައީސް ނަޝީދު ވިދާޅުވި އެވެ. އެހެންނަމަވެސް، އެފަދަ ހަމަލާތަކުގެ ފަހަތުގައި ބަލިކަށި ކަމެއްވެސް އެމަނިކުފާނަށް އިހްސާސް ކުރެއްވޭ ކަމަށާއި، އެފަދަ ނުބައި މަޢްލޫމާތު ފަތުރާ ކެމްޕެއިންތަކަކީ "މަރުވަމުންއަންނަ" ތެލުގެ ވިޔަފާރީގެ "ވޭނީ ހަޅޭކެއް" ކަމުގައި ރައީސް ސިފަކުރެއްވި އެވެ.
ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ ތެލާއި ދެލީގެ ސިނާއަތަކީ ނިމެމުން އަންނަ ސިނާއަތްތަކެއް ކަމަށާއި، ދުނިޔޭގެ އިޤްސާދުގައި އެ ސިނާއަތްތަކުގެ ބާރު މިހާރުދަނީ ފަނޑުވަމުން ކަމަށެވެ. ދާދި އަވަހަށް ދުނިޔޭގެ ސިޔާސީ ލީޑަރުން ހޭފުޅުލައްވައި، ދުނިޔޭގެ ޖައްވަށް ވިހަގޭހާއި އެހެނިހެން ނުސާފުތަކެތި ބޭރުކުރުން ހުއްޓުވާނެ ކަމުގައި ވެސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ދެލިނަގާ ކުންފުނިތަކުން ދެލިނެގުން ކުރިއަށް ގެންދާނެ ކަމަށާއި، ތެޔޮނަގާ ކުންފުނިތަކުން ތެޔޮ ނަގަމުންދާނެ ކަމަށާއި އިޔާދަކުރަނިވި ހަކަތައަށް ބަދަލުވުމަށް ބާރުއަޅާ ފަރާތްތަކަށް މިފަދަ ކުންފުނިތަކުން ތަފާތު ހަމަލާތައް ދިނުމަކީ ހައިރާންވާންވީ ކަމެއްނޫން ކަމަށެވެ.
"އަޅުގަނޑުމެންނަށް އޮތް ގޮންޖެހުމަކީ ފޮސިލް ފިއުލްއަށް ކެމްޕެއިންކުރާ ފަރާތްތަކުން އެބައިމީހުންނާއެކީ ދުނިޔޭގެ ތިމާވެށިވެސް ހަލާކުވެދިޔުން ހުއްޓުވުން" ރައީސް ވިދާޅުވި އެވެ.