މަޖިލީހުގެ ސެކިއުރިޓީ އޮފިސަރުންގެ މަގާމަށް ހޮވުމަށް ހަމަ ޖެހިފައިވާ 100 މީހުންގެ ތެރެއިން 25 މީހަކަށް ވަޒީފާ ދިނުމަށް ނިންމައިފި އެވެ.

މަޖިލީހުގެ ސެކިއުރިޓީ ބެލެހެއްޓުމަށް 100 އޮފިސަރުން ނެގުމަށް ހަމަ ޖައްސާ އިއުލާން ކުރުމުން 267 މީހަކު ވަނީ ވަޒީފާއަށް ކުރިމަތިލާފަ އެވެ. އޭގެ ތެރެއިން ވަޒީފާ ދިނުމަށް މިއަދު ނިންމާފައިވާ 25 މީހުނަކީ ކުރިމަތިލި ފަރާތްތަކުގެ ތެރެއިން އިންޓަވިއުކޮށް ލިޔެކިއުންތައް ލިބިފައިވާ 25 މީހުނެވެ.

އާންމު ކޮމެޓީގެ މެންބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ އިއުލާން ކޮށްފައިވާ އަދަދަށް 100 ސެކިއުރިޓީ އޮފިސަރުން ނަގާނެ ކަމަށާއި ކުރިމަތިލި ހުރިހާ ފަރާތްތަކަށް ވެސް އިންޓަވިއުކޮށް ނިމިފައިވާ ކަމަށެވެ. އަދި މި ވަގުތު ނަގާފައިވާ 25 މީހުނަކީ އިންޓަވިއުކޮށް ހުރިހާ ލިޔެކިއުންތަކެއް ލިބިފައިވާ މީހުން ކަމަށެވެ.

މިއަދު ބޭއްވި އާންމު ކޮމެޓީން ނިންމާފައިވަނީ ވަޒީފާއަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން އެ ކޮމެޓީން އިންޓަވިއު ކުރުމަށް ނެގި ކޮމެޓީން ވަޒީފާ ދިނުމަށް ނިންމާ ފަރާތްތަކުގެ ނަންތައް އަބުރާ ކޮމެޓީއަށް ނުގެނެސް ވަޒީފާ ހަމަ ޖެއްސުމަށް މަޖިލީހުގެ އިދާރާއަށް ފޮނުވުށެވެ. އަދި މިހާރު ވަޒީފާ ދިނުމަށް ފެންނަ ކަމަށް އިންޓަވިއުކުރި ކޮމެޓީން ނެގި 25 މީހުނަށް އަވަހަށް ވަޒީފާ ހަމަ ޖައްސަދިނުމަށް ކޮމެޓީން ވަނީ ނިންމާފަ އެވެ.