އެމްއެމްއޭގައި އޮންނަ ޕަބްލިކް ބޭންކް އެކައުންޓް (ޕީބީއޭ)ގެ ދަރަނި ހައްދެއް ނެތި މައްޗަށް ދިއުން ހުއްޓުވުމުގެ ގޮތުން ސަރުކާރުގެ ދަރަނިތައް އަދާކުރުން ފިޔަވައި އެހެން ބޭނުންތަކަށް ފައިސާ ދޫކުރުން ހުއްޓާލަން މަރުކަޒީ ބޭންކުން ނިންމައިފި އެވެ.

އެމްއެމްއޭ އިން ނެރުނު ނޫސްބަޔާނެއްގައި ވަނީ ޕަބްލިކް ބޭންކް އެކައުންޓް ހައްދެއް ނެތި އޯވާޑްރޯ ވަމުންދިއުން ކޮންޓްރޯލްކޮށް އިގްތިސާދީ ހާލަތު އިތުރަށް ގޯސްވިޔަ ނުދިނުމަށް ފިޔަވަޅުތަކެއް އެޅުމަށް އެމްއެމްއޭގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާ ކަމަށެވެ. އަދި އެ ފިޔަވަޅުތައް ތަންފީޒުކުރުމަށް އެމްއެމްއޭގެ މެނޭޖްމަންޓަށް ވެސް އަންގާފައިވާ ކަމަށް އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

އެމްއެމްއޭގެ ނޫސްބަޔާނުގައި ބުނެފައި ވަނީ މި މަހުގެ ނިޔަލަށް އޮންނަ ޕީއޭބީގެ ދަރަނި ބާކީ ހައްދެއް ނެތި މައްޗަށް ދިޔަ ނުދިނުމަށް ޓަކައި އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ސަރުކާރުގެ ދަރަނި އަދާކުރުން ފިޔަވައި އެހެން އެއްވެސް ބޭނުމަކަށް އިތުރަށް ޕީބީއޭ އިތުރަށް އޯވަޑްރޯ ވިޔަނުދިނުމަށް ނިންމާފައިވާ ކަމަށެވެ. އޭގެ އިތުރުން ޕީބީއޭ އޯވާޑްރޯ ވެފައި އޮތްހައި ހިނދަކު އެއަށް ޖަމާކުރެވޭ ފައިސާ އެއްކޮށް އޯޑީ އަދާކުރުމުގެ ބަދަލުގައި އެ ކައުންޓަށް ޖަމާކުރާ ފައިސާގެ ތެރެއިން، ހިނގާ މަސައްކަތު ދުވަހުގެ ކުރީ މަސައްކަތު ދުވަހު ޖަމާކުރި ފައިސާގެ ފަސް ޕަސެންޓާއި ދިހަ ޕަސެންޓާ ދެމެދުގެ އަދަދެއް މިމަހުގެ ނިޔަލަށް އޮންނަ ޕީބީއޭގެ ދަރަނި ބާކީ އަދާކުރުމަށް ބޭނުންކުރަން ވެސް ނިންމާފައިވެ އެވެ.

އެމްއެމްއޭގެ ނޫސްބަޔާނުގައި ވަނީ އަންނަ ޖެނުއަރީ އެއްވަނަ ދުވަހުން ފެށިގެން ޑޮމެސްޓިކް މާކެޓަށް ބޭރު ފައިސާގެ ސެކިއުރިޓީ ވިއްކުން އެމްއެމްއޭ އިން ހުއްޓާލަން ވެސް ނިންމާފައިވެ އެވެ. އޭގެ އިތުރުން ސެޕްޓެމްބަރު،30، 2009ގައި ފިނޭންސް މިނިސްޓްރީއާ ދެމެދު ސޮއިކޮށްފައިވާ އެޖެންސީ އެގްރިމަންޓްގައި ބުނާ އިލްތިޒާމްތަކަށް ފުރިހަމަޔަށް އަމަލުކުރަމުން ނުދާތީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެ އެއްބަސްވުން އުވާލަން ނިންމާފައިވާ ކަމަށް އެ ނުސްބަޔާނުގައި ބުނެފައިވެ އެވެ.

މަރުކަޒީ ބޭންކުން ބުނީ އެ އެއްބަސްވުން އުވާލި ނަމަވެސް އެއްބަސްވުމުގެ ދަށުން ކުރަމުން އައި ސަރުކާރަށް ޓްރެޝަރީ ސެކިއުރިޓީ ވިއްކައިދިނުމަށް އެޖެންސީއެއްގެ ދައުރު އަދާކުރަން ނިންމާފައިވާ ކަމަށެވެ. އަދި ސަރުކާރަށް ޓްރެޝަރީ ސެކިއުރިޓީ ވިއްކައި ދިނުމުގެ އެޖެންސީ ދައުރު އަދާކުރުމަށް އެކަނި އަމާޒުކުރާ އާ އެޖެންސީ އެގްރިމަންޓެއް ސޮއިކުރަން ހުށަހަޅަން ވެސް އެމްއެމްއޭ އިން ނިންމާފައިވެ އެވެ.

އެ ނޫސްބަޔާނުގައި ވަނީ އެމްއެމްއޭގެ ބޯޑުން އަޅަން ނިންމި ފިޔަވަޅުތައް މިމަހުގެ ހަތް ވަނަ ދުވަހު ފިނޭންސް މިނިސްޓްރީ އަށް އަންގާފައިވާނެ ކަމަށެވެ.