13 Nov 2013, 18:43
ހުކުރު ހުތުބާގައި ސިޔާސީ ވާހަކަތައް ނުހިމެނުމަށް މާލޭ ސިޓީ ކައުންސިލުން އިސްލާމިކް މިނިސްޓްރީގައި އެދިފައި ވާތީ ޖަމިއްޔަތުއްސަލަފުން އެކަމަށް ރައްދުދީފި އެވެ.
ސިޔާސީ މަގުސަދެއްގައި މާލޭ ސިޓީ ކައުންސިލުން ހުކުރު ހުތުބާ އަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރަމުން ގެންދާ ކަމަށް ބުނެ އެކަން ކުށްވެރިކޮށް ސަލަފުން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ ހުކުރު ހުތުބާ އަކީ އެ އިރެއްގައި މުސްލިމުންނަށް އެންމެ އެކަށީގެންވާ އަދި ބޭނުންތެރި މައުލޫއުތަކަށް އަމާޒުކޮށްގެން ދިރި ތިބި މީސްތަކުންނަށް ދެވޭ ނަސޭހަތެއް ކަމަށެވެ. އަދި ހުތުބާ އޮންނަން ޖެހޭނީ މުޖުތަމައުގެ އެއިރެއްގެ ހާލަތާ ގުޅޭ ގޮތަށް ދިރިތިބީންނަށް ލާބަޔާއި މަންފާ ހުރި އެއްޗެއްގެ ގޮތުގައި ކަމަށެވެ.
"ޝަރުއީ ގޮތުން ހައިސިއްޔަތެއް ނެތި ސިޔާސީ ޕާޓީއެއްގެ ކެމްޕޭން ކުރުމުގެ ބީދައިން ދީނުގެ ޝިއާރުތަކާ މެދު ކުޅިވަރުކުޅެ ހެދުމަކީ ގޮތްކުޑަ ކަމެއް ކަމުގައި ނޫނީ ނުބެލެވޭ ހުއްޓެވެ. އެހެންކަމުން ހުކުރު ހުތުބާގެ މައްޗަށް މާލޭ ސިޓީ ކައުންސިލުން ސިޔާސީ ނުފޫޒު ފޯރުވައި، ހުތުބާތައް ހިސޯރުކުރުމަށް މަސައްކަތް ކުރާ ކުރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ،" ސަލަފްގެ ބަޔާނުގައިވެ އެވެ.
ގައުމުގެ ސުލްހަ މަސަލަސްކަން ހިފެހެއްޓުމުގެ ޒިންމާ އެބައެއްގެ ބޮލުގައި އެޅިފައިވާ އެންމެ އިސް ފަރާތްތަކަކީ ވެރީންނާއި އިލްމުވެރީން ކަމުގައިވާ އިރު ހުކުރު ހުތުބާ އަކީ ހުކުރު ނަމާދުގެ އަޅުކަމާ ސީދާ ގުޅުން ހުރި އޭގައި ވަކި ރުކުންތަކަކާއި ޝަރުތުތަކެއް ހަމަވާން ޖެހޭ ޝަރުއީ އަޅުކަމުގެ ކަމުގައި ސަލަފުން ބުންޏެވެ.
ސިޓީ ކައުންސިލުން ހުތުބާއާ ގުޅިގެން އިސްލާމިކް މިނިސްޓްރީ އަށް ފޮނުވާފައިވާ ސިޓީ އަށް އިޖާބަ ދިނުމަކީ ހޮޔޮވެގެންވާ ވަރުގެ ކަމެއް ނޫން ކަމަށް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަކީ ގައުމުގެ މިސްރާބު ބައްޓަން ވެގެންދާނެ އިންތިހާބެއް ކަމުގައިވާ އިރު އޭގެ ކުރިން އަންނަ ހުކުރު ދުވަހުގެ ހުތުބާގައި އިސްލާމް ދީން ތިމާމެންނަށް ދެއްވާފައިވާ އިރުޝާދުގެ ދަށުން ކަންކަން ނުކޮށްފި ނަމަ ދުނިޔެ އާއި އާ ހިރަތުގައި ކުރިމަތިވެދާނެ ނުރައްކަލާ ގެއްލުމުގެ މައްޗަށް އަލިއަޅުވާލެއްވުމަށް އިސްލާމިކް މިނިސްޓަރަށް ސަލަފުން ވަނީ އިލްތިމާސްކޮށްފަ އެވެ.