13 Nov 2013, 18:13
ގައުމީ ޕާޓީގެ ކައުންސިލް މެންބަރުންގެ ނަމުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑެޓުންނަށް ތައީދު ކުރާ ކަމަށް ރޭ ނިންމީ އެ ޕާޓީގެ މެންބަރުންގެ ގޮތުގައި ތިބި ބައެއް ނޫން ކަމަށް އެ ޕާޓީގެ އާ ރައީސް މިއަދު ވިދާޅުވެއްޖެ އެވެ.
ސަން އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ގައުމީ ޕާޓީގެ އާ ރައީސް އަދި ވިލުފުށީ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ރިޔާޒު ރަޝީދު ވިދާޅުވީ އެ ބޭފުޅުންނަކީ ގައުމީ ޕާޓީގެ ބޭފުޅުން ނޫން ކަމަށެވެ. އަދި އެއީ ވަރަށް ބޮޑު އޮޅުވާލުމެއް ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ.
ގައުމީ ޕާޓީގެ ކައުންސިލް މެންބަރުންގެ ނަމުގައި ރޭ ބޭއްވި ނޫސްކޮންފަރެއްސެއްގައި ވާހަކަ ދައްކަވާފައި ވަނީ ފިނޭންސްގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ލަތީފާއި ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އަނިލް އަދި ޔާސިރު ވަސީމާއި އަހުމަދު ޒަރީރެވެ.
ރިޔާޒު ވިދާޅުވީ އެއިން އެއްވެސް ބޭފުޅެއްގެ ނަން ޕާޓީގެ ރަޖސްޓްރީގައި ނެތް ކަމަށެވެ.
ނަމަވެސް އޭނާ ވިދާޅުވީ އެ ޕާޓީގެ ކައުންސިލްގެ ދެ ގޮނޑިއެއް ހުސްވުމުން ލަތީފާއި ޔާސިރު ކައުންސިލަށް ގެންނަން މަޝްވަރާކޮށްފައިވާ ކަމަށެވެ. ނަމަވެސް އެކަން ފައިނަލްވެ އެ ބޭފުޅުން ކައުންސިލްގެ ބައްދަލުވުމެއްގައި މިހާތަނަށް ބައިވެރިވެފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
'
ގައުމީ ޕާޓީން ވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޕީޕީއެމް އަށް ތާއީދު ކުރުމަށް ނިންމައިފަ އެވެ. ރިޔާޒު ވިދާޅުވީ ޕީޕީއެމަށް ތާއީދުކުރަން އެ ޕާޓީން ނިންމީ ކައުންސިލްގެ ވަރަށް ފުރިހަމަ އަގުލަބިއްޔަތަކުން ކަމަށެވެ.
ގައުމީ ޕާޓީގެ ކުރީގެ ރައީސް ޑރ. ހަސަން ސައީދު ވަނީ ތަފާތު ޕާޓީތަކާ އެކު އެ ޕާޓީން ހެދި ކޯލިޝަންތަކުން ކުރިއެރުމެއް ލިބިވަޑައިނުގަތުމުން ޕޮލިޓިކްސް އިން ދުރަށް ޖެހިވަޑައިގެން ޕާޓީގެ ރައީސް ކަމުން އިސްތިއުފާ ދެއްވައިފަ އެވެ.