13 Nov 2013, 18:08
އެގާރަ ކޯޓަކަށް އިސް މެޖިސްޓްރޭޓުން އައްޔަންކޮށް މަގާމުގެ ފަތްކޮޅު ހަވާލުކުރައްވައިފި އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަންގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ފަނޑިޔާރުންނަށް މަގާމުގެ ހުވައި ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފް އެވެ. ފަނޑިޔާރުންނަށް މަގާމުގެ ފަތްކޮޅު ހަވާލުކޮށްދެއްވީ ޝަރަފުވެރިމެހުމާމް ރައީސުލްޖުމްހޫރިއްޔާ ޖުޑީޝަލް ސާވިސް ކޮމިޝަނަށް އައްޔަންކުރައްވާފައިވާ މެމްބަރު ލަތީފާ ގާސިމް އެވެ.
އިސް މެޖިސްޓްރޭޓުން އައްޔަން ކުރައްވާފައި ވަނީ ބ. ތުޅާދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް ކަމަށް މއ. ވެލަބުލިގޭ އިބްރާހީމް މައުމޫރު އާއި އދ. ދަނގެތީ ކޯޓުގެ އިސް މެޖިސްޓްރޭޓް ކަމަށް އެ އަތޮޅު ހަންޏާމީދޫ ބޯގަންވިލާ އަހްމަދު ރިޒުހާން މުހައްމަދާއި ހދ. ކުމުންދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް ކަމަށް އެ ރަށު ފިނިވާގޭ އިބްރާހީމް އަބްދުލްވާހިދު އާއި ލ. މާވަށު ކޯޓުގެ އިސް މެޖިސްޓްރޭޓް ކަމަށް އެ ރަށު އެންދެރިމާގޭ އިސްމާއީލް މާހިރާއި ނ. މިލަދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް ކަމަށް އެ ރަށު ހިރާ އިބްރާހީމް ޝިފާއު އާއި ވ. ކެޔޮދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް ކަމަށް ކ. ގާފަރު ދޫރެސް އަހްމަދު ވިރުޝާން އާއި ށ. ފޭދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް ކަމަށް އެ ރަށު ޗަނބޭލީގޭ އަހްމަދު ޒިޔާދު އާއި ތ. ކިނބިދޫ ކޯޓުގެ އިސް މެޖިސްޓްރޭޓްކަމަށް ލ. އިސްދޫ މުރިގު އަހްމަދު މުނާޒު އާއި ރ. ވާދޫ ކޯޓުގެ އިސް މެޖިސްޓްރޭޓްކަމަށް އެ ރަށު އަޅިވިލާ ނަޒީރު މުހައްމަދުގެ އިތުރުން އެއަތޮޅު ރަސްގެތީމް ކޯޓުގެ އިސް މެޖިސްޓްރޭޓްކަމަށް އެ އަތޮޅު ހުޅުދުއްފާރު ކުރިކީލަގޭ އަހްމަދު ޝިހާމް އާއި ތ. މަޑިފުށީ ކޯޓުގެ އިސް މެޖިސްޓްރޭޓްކަމަށް ލ. އިސްދޫ ޒުނޯރިޔާ އަހްމަދު ނިޔާޒެވެ.
އެ ރަސްމިއްޔާތުގައި ޖޭއެސްސީގެ ރައީސް އާދަމް މުހައްމަދު ދެއްކެވި ވާހަކަފުޅުގައި ކޯޓުތައް މެދުވެރިކޮށް ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ އަދުލުއިންސާފުގެ ޚިދުމަތް ފުރިހަމަ ގޮތުގައި ފޯރުކޮށް ދިނުމަށް އެ ހުރިހާ ފަނޑިޔާރުންގެ ކިބައިން ވެސް އެދިވަޑައިގަ އެވެ.
އެ ރަސްމިއްޔާތުގައި ޖޭއެސްސީގެ މެމްބަރު އަހްމަދު ހަމްޒާ އާއި އަހްމަދު ރަޝީދު ވެސް ބައިވެރިވެވަޑައިގަތެވެ.