13 Nov 2013, 17:24
ދެހާސް އަށް ވަނަ އަހަރު ފެށި ރިޔާސީ ދައުރު މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ނިމުމަކަށް އައިސްފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު ޑރ. ފަޒީލް ނަޖީބަށް އަންގަވާއިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ސޮއި ކުރައްވައި ގަވަރުނަރަށް މިއަދު ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ އެފަދަ ސިޓީއެއް ގަވަރުނަރަށް ފޮނުއްވަވަން ޖެހިވަޑައި ގަތީ، ޤާނޫނު އަސާސީއާ އެއްގޮތަށް ޢަމަލުކުރުމަކީ ދައުލަތުގެ ވާޖިބެއް ކަމުގައި ރާއްޖޭގެ ގާނޫނު އަސާސީގެ 18 ވަނަ މާއްދާގައި ބަޔާންކޮށްފައި ވާތީ ކަމަށެވެ.
ޝާހިދުގެ ސިޓީގައި ވިދާޅުވެފައި ވަނީ ގާނޫނު އަސާސީގެ 107 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާކަމުގެ ދައުރަކީ ފަސް އަހަރު ދުވަސް ކަމަށެވެ. އަދި ޤާނޫނު އަސާސީގެ 262 ވަނަ މާއްދާ އަށް ބަލާ އިރު، ރައީސުލްޖުމްހޫރިއްޔާކަމުގެ ދައުރަށް އެއްވެސް ބަދަލެއް ގެނައުމަށް ޓަކައި ގާނޫނު އަސާސީގެ 107 ވަނަ މާއްދާ އިޞްލާޙު ކުރަން ޖެހޭ ކަމަށާއި އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރުބައިކުޅަ ތިންބައިގެ އަޣުލަބިއްޔަތުން ފާސްކުރާ އެއްވެސް ބިލެއް ރައީސުލްޖުމްހޫރިއްޔާ އަށް ތަސްދީޤު ކުރެވެނީ، އެ އިޞްލާޙު ގެނައުމަށް ރައްޔިތުން ރުހޭތޯ ބެލުމަށް ނަގާ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓެއްގައި، އެ އިޞްލާޙު ގެނައުމަށް، ވޯޓުދިން މީހުންގެ އަޣުލަބިއްޔަތު ލިބިގެން ކަމަށް ގާނޫނު އަސާސީގައި ބުނެފައިވާ ކަމަށް މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ގަވަރުނަރަށް ފޮނުއްވި ސިޓީގައި ވިދާޅުވެދައިވެ އެވެ.
ޝާހިދުގެ ސިޓީގައި އިތުރަށް ވިދާޅުވެފައި ވަނީ ގާނޫނު އަސާސީގައިވާ އެންމެހައި ކަންތައްތަކަށް ފުރިހަމައަށް ކިޔަމަންވެ ޢަމަލުކުރުމަކީ ދައުލަތުގެ ތިން ބާރުގެ މައްޗަށް ލާޒުމް ކަމެއް ކަމަށެވެ.