Last Updated:
1 decade 2 year ago

ޔާމީނަށް ވޯޓު ދެއްވުމަށް ގާސިމް އާދޭހާއެކު އެދިވަޑައިގެންފި

    ބުލޮގު ޚުލާސާ
    ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރަށް ގޮސްފައިވާ ރާއްޖޭގެ އެންމެ ބޮޑު ދެ ޕާޓީގެ ރިޔާސީ ދެ ކެންޑިޑޭޓުންގެ ތެރެއިން ތާއިދު ކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ޖުމްހޫރީ ޕާޓީގެ ކައުންސިލް ބައްދަލުވުމެއް މ. ކުނޫޒުގައި ފަށައިފި އެވެ.
    '
    މިއަދު ހަވީރު 4:15ގެ ފަހުން ކުނޫޒުގައި ފެށި އެ ބައްދަލުވުމުގައި ޖޭޕީ ލީޑަރު ގާސިމް އިބްރާހިމާއި އެ ޕާޓީގެ ރައީސް ޑރ. އިބްރާހިމް ދީދީ (ޑީޑީ) އާއި އެ ޕާޓީގެ ނައިބު ލީޑަރު އިލްހާމް އަހުމަދު ބައިވެރިވެވަޑައިގަންނަވަ އެވެ. އަދި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ގާސިމަށް ތާއިދު ކުރައްވަން ނިންމެވި ޕާޓީތަކުގެ އިސް ބޭފުޅުން ވެސް މިވަގުތު ތިއްބެވީ ކުނޫޒުގަ އެވެ.

    އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާމް އަބްދުﷲ އާއި ގައުމީ ޕާޓީ ހިންގެވުމާ ހަވާލުވެ ހުންނެވި ރިޔާޒު ރަޝީދު ވެސް ހުންނެވީ ކުނޫޒުގަ އެވެ.

    ޖޭޕީގެ ކައުންސިލަށް އަލުން ތާއިދު ކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމުގެ ބައްދަލުވުން ކުރިއަށްދާ އިރު، ޖޭޕީން ކުރިން ނިންމާފައި ވަނީ އެއްވެސް ކެންޑިޑޭޓަކަށް ތާއިދު ނުކޮށް "ނިއުޓްރަލްކޮށް" ތިބުމަށެވެ.

    ގާސިމާ އެކު ބޮޑު ދެ ޕާޓީން ވޭތުވެ ދިޔަ ތިން ދުވަހު ބޭއްވި ބައްދަލުވުންތަކަށް ފަހު މީޑިއާއާ ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދާއި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން އަށް ވެސް ތާއީދު ކުރައްވާނެ ކަމެއް ގާސިމް ވިދާޅެއް ނުވެ އެވެ. އަދި އެއްވެސް ރިޔަސީ ކެންޑިޑޭޓަކަށް ތާއިދު ކުރައްވާނެ ކަމުގެ އިޝާރާތެއް ވެސް އެމަނިކުފާނު ނުކުރައްވަ އެވެ.

    މިދިޔަ ހޯމަ ދުވަހުގެ ރޭ މާފަންނުވިލާގައި ގާސިމާ އެކު ބޭއްވި ބައްދަލުވުމަށް ފަހު މާފަންނުވިލާ އިން ނުކުމެވަޑައިގެން ގާސިމްގެ އަރިހުގައި ހުންނަވައި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާޙިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވީ އިސްލާހީ މަސައްކަތް ކުރި ގޮތަށް ގާސިމާ އެކު އެމްޑީޕީ އަށް ދެން މަސައްކަތް ކުރެވޭނެ ކަމުގެ ޔަގީންކަށް އެބަ އޮތް ކަމަށެވެ. އަދި މުސްތަގުބަލުގައި ގާސިމްއާ އެކު މަސައްކަތް ކުރެވޭނެކަން އެރޭގެ ބައްދަލުވުން ކަށަވަރުވެފައިވާ ކަމަށް އިބޫ ވިދާޅުވި އެވެ.

    ގާސިމް ވަނީ އެމްޑީޕީގެ އިގްތިސާދީ މެނިފެސްޓޯއަށް ތައުރީފު ކުރައްވައި ވާހަކަފުޅު ދައްކަވާފަ އެވެ.

    ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާ އެކު މާފަންނު ވިލާގައި ބޭއްވި ބައްދަލުވުމަށް ފަހު، ގާސިމް ވިދާޅުވީ ތާއިދު ކުރާނެ ރިޔާސީ ކެންޑިޑޭޓަކު ކަނޑައެޅުމަށް ޓަކައި އެ ހުށަހެޅުން ޖުމްހޫރީ ޕާޓީގެ ގައުމީ މަޖިލީހަށް ގެންގޮސް، މަޝްވަރާކުރަން ނިންމާފައިވާ ކަމަށެވެ. އެ ބައްދަލުވުމަށް ފަހު މައުމޫނާއި ގާސިމް ވަނީ އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ތައުރީފު ކުރައްވާއި ވާހަކަފުޅު ދައްކަވާފަ އެވެ.

    00:05އަބްދުﷲ ޔާމިން

    ވަރަށް ސާބިތުކަމާއެކު މި ދަންނަވަނީ އަލުގަނޑުމެންގެ ސަރުކާރެއް ލާއިންސާނީއެއް ނުވާނެ. ބަދަލު ހިފުމާއި ކަންތައްތައް ކުރަންވެއްޖެނަމަ އަޅުގަނޑުމެންނާ ކުރިމަތިވެފައިވާ ޗެލެންޖުތައް ކާމިޔާބީއެއް ނުވެވޭނެ.
    23:48މައުމޫން އަބްދުލް ގައްޔޫމް

    އެއްބަސްވި ކަންތަކަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ގުޅިގެން މަސައްކަތް ކުރުމަށް. ގާސިމް އިބްރާހިމް އެއްވެސް ޑިމާންޑުތަކެއް ހުށަހަޅުއްވާފައެއް ނެތް. މާތްﷲ ރަހުމަތްފުޅާއެކު ޔާމިން އާއި ޑރ. ޖަމީލު ވެރިކަމަށް ވަޑައިގެންފިނަމަ އަޅުގަނޑުމެން މަސައްކަތް ކުރާނީ ޖޭޕީއާއެކު.
    23:37ގާސިމް އިބްރާޙިމް

    އަޅުގަނޑަށް ދެ ބުރުގައި ވެސް، އެއީ 7 ސެޕްޓެންބަރު ގައި ބޭއްވި އިންތިހާބާއި 9 ނޮވެމްބަރުގައި ބޭއްވި އިންތިހާބުގައި ވެސް އަޅުގަނޑު ބަލިވެގެންދިޔައީ. ޖަޒުބާރުގައި އެއްޗެހިތަކެއް ބަޔަކު ކިޔަސް. އަޅުގަނޑުމެން ގަބޫލު ކުރަންޖެހޭ އެ ނިންމުން. ގައުމުގެ ކުރިމަތީގައި ތިމާ ބޮޑުވެގެން ނުވާނެ.

    އަޅުގަނޑަށް ވޯޓު ދެއްވި ހުރިހާ ބޭފުޅުން ވެސް އަވަހަށް ނަމާދު ކުރައްވައިގެން ވޯޓު ދެއްވާށޭ އަޅުގަނޑުމެންގެ ކާބަފައިން އަޅުގަނޑުމެންނަށް ގެނެސް ދެއްވި އިސްލާމް ދީނައި ދިވެހި ވަންތަކަމަށްޓަކައި ޔާމީނަށް.

    ނިކަމެތި ކަމެއް އަންނަ ނަމަ ޔާމިން ކައިރީގައި ދަންނަވާނަން، އަދި އިންޒާރު ވެސް ދޭނަން އެކަން ރަނގަޅު ކުރުމަށް. މި އުންމަތުގެ ސަލާމަތައްޓަކައި ޔާމީނަށް ވޯޓު ދެއްވާށޭ. އަޅުގަނޑު އަނބިދަރިންނަށް ވިޔަސް ދުރު ރައްޓެއްސަކަށް ވިޔަސް އަޅުގަނޑު ދަންނަވަނީ މިކަން.

    23:32ޑރ. މުހައްމަދު ޖަމީލް އަހުމަދު

    ގާސިމް ވަނީ ހިއްވަރާއެކު ނިންމުންތަކެއް ނިންމާފައި. މިގޮތަށް ހިތްވާރާއެކު ނިންމުންތައް ނިންމުމުން ޕޮލިސް ސްޓޭޝަންތަކަށް ހާޒިރު ކުރިތަން އަޅުގަނޑުމެންނަށް ފެނިގެންދިޔަ. އެކަމަކުވެސް އެމަނިކުފާނު އެ މަސައްކަތްޕުޅު ކުރައްވަނީ ޖެހިލުމެއް ނެތި ހިތްވަރާއެކު.

    އެއްވެސް ބޭފުޅެއްގެ ސިޔާސީ ވިސްނުމާ ފިކުރަށް ތަފާތު ކުރުމެއްނެތި އަޅުގަނޑުމެން މަސައްކަތް ކުރާނަން. 16 ވަނަ ދުވަހު ބާއްވާ އިންތިހާބުގައި ޕީޕީއެމް ވެރިކަމަށް ގެނައުމަކީ ޑިމޮކްރަސީ މި ގައުމުގައި އާރާސްތުކުރުމަށް ކުރުމަށް މަސައްކަތެއް.

    23:21އަބްދުﷲ ޔާމިން

    ކުރީގޭ ކޯލިޝަންތަކުގައި ގާސިމަށް ދިމާވި ހިތި ކަންތައްތައް ދިމާވިޔަކަ ނުދޭނަން. އިރާދަ ކުރެއްވިއްޔާ ދިވެހިން އެދޭ ދިވެހި ރާއްޖެ ހޯދުމަށް ގުޅިގެން މަސައްކަތް ކުރާނަން.

    މި ނިމުނީ ތާރީހީ ނިންމުމެއް. މި ނިންމުމަކީ ދީނާއި ގައުމަށްޓަކާ ނިންމެވި ނިންމެވުމަށް. އަޅުގަނޑުގެ ދަންނަވާނީ ފިކުރުގެ ގޮތުން އެއްގޮތް ބޭފުޅުން ޖުމްހޫރީ ޕާޓީގައި އެބަތިބި. އެއީ އަޅުގަނޑުމެންނާ ފިކުރުގެ ގޮތުން. އެހެންވީމާ މިރޭ މި ނިންމި ނިންމުމަކީ އަޅުގަނޑަށް ހައިރާންކަން ލިބިގެންދާ ނިންމުމެއް ނޫން.

    މި ހުރިހާ ޕާޓީތައް މިތިބީ އެކުލެވިފައި. ދެން އަޅުގަނޑުމެން ވިސްނާލަންވީ ތަހުޒީބީ ވިސްނުމަކަށްތޯ. ނޫނީ ތިން އަހަރުގެ ނާތަހުޒީބި ކަންތަކަށްތޯ.

    ގާސިމް ފުރަތަމަ ނިއުޓްރަލްކޮށް ހުންނެވުމަށް ކުރިން ނިންމެވީ، އެއީ ކުރިން ހެދި ކޯލިޝަންތަކުގެ ނަތީޖާ. ނަމަވެސް މި ނިންމުމަކީ ރައްޔިތުންނަށް ވަރަށް ހިންހަމަޖެހުމެއް ގެންނަ ނިންމުމެއް. ރައީސް މައުމޫންގެ ވާހަކަފުޅުގައި އަޅުގަނޑަށާއި ޖަމީލަށް ވޯޓު ހޯއްދެވުމަށް އެމަނިކުފާނު ކުރައްވާ މަސައްކަތްޕުޅަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

    23:17

    މި ކޯލިޝަންގެ ސަބަބުން ހެޔޮ ގޮތްތައް ރައްޔިތުންނަށް މެދުވެރިވެގެންދާނެ އިރާދަ ކުރެއްވިއްޔާ. ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ވަޑައިގަންނަވާނެ. ޑރ. ޖަމީލް ނައިބު ރައީސް ކަމަށް ވަޑައިގަންނަވާނެ މި ކޯލިޝަނާއެކު.
    23:12މައުމޫން އަބްދުލް ގައްޔޫމް

    މި އިންތިހާބަކީ 2008 ވަނަ އަހަރުގެ އަހަރުގެ އިންތިހާބަށް ވުރެ މުހިއްމު އިންތިހާބެއް. އަދި 2018 ވަނަ އަހަރު ބާއްވާ އިންތިހާބަށް ވުރެ މުހިއްމު އިންތިހާބެއް. މިއިންތިހާބު މުހިއްމު ވަނީ ދެ ކަމެއް މިއޮތީ. އެއީ އިސްލާމް ދީނާއި ދިވެހިވަންތަކަން އެއްކޮޅެއްގައި މިއޮތީ އަނެއް ކޮޅުގައި އޮތީ އެހެން އެއްޗެއް.

    މިފަހަރާތުގައި މި އޮތީ މާތްވެގެންވާ އިސްލާމްދީނުގެ ގޮތްތައް. އަނެއް ފަރާތުގައި އޮތީ އެހެން ގޮތްތަކެއް. އަހަރުމެންގެ ތެރެއަށް އެހެން ދީން އަތުވެއްޖެނަމަ އަޅުގަނޑުމެންގެ ތެރޭގައި ފިތުނަ ފަސާދަ އުފެދި، އަޅުގަނޑުމެންގެ އިސްތިގުލާލު ގެއްލިގެންދާނެ.

    23:07މައުމޫން އަބްދުލް ގައްޔޫމް

    ޕީޕީއެމްގެ ކައުންސިލް ކުއްލި ބައްދަލުވުމެއް މިއަދު ބޭއްވިން. ޖުމްހޫރީ ޕާޓީއާ ގުޅިގެން ދެ ފަރާތުން މެންޑޭޓުގެ ދަށުން ކުރަންޖެހޭ ކަމެއް ކުރަމަށް އަޅުގަނޑު ހުށަހެޅިން. ކައުންސިލްގެ ހުއްދަޔާއެކު ޖުމްހޫރީ ޕާޓީގެ ލީޑަރަށް ހުށަހެޅިން.

    އަޅުގަނޑުމެންނާ ރަސްމީކޮށް ނުގުޅުނަށް އަޅުގަނޑުމެންނާ ތާއިދު ކުރުމަށް ނިންމި ޕާޓީތަކަށް ވެސް، އަދި ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. މި ދަނޑިވަޅުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށް ވެސް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ވަރަށް ދަތި އުނދަގޫ ދަނޑިވަޅެއްގައި ރައީސް ނިންމެވުމެއް ނިންމެވި. އެ މަނިކުފާނަށް އޮތް ދައުރު ނިމުމުގެ ކުރިން އިސްތިއުފާ ދެއްވުމަށް ވެސް. އެއީ އެމަނިކުފާނަށް ފަސޭހަ ގޮތަކަށް ވެސް ވާނެ. އެކަމަކު ގައުމުގެ މަސްލަހަތައްޓަކައި އެމަނިކުފާނު ނިންމެވީ ސުޕްރީމް ކޯޓުންގެ ހުކުމާ އެއްގޮތަށް ވެރިކަމުގައި ދެމިހުންނަނަވް. ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އުސޫލަކީ ދުސްތޫރީ ގޮތުން ދުނިޔެ ޕްރެކްޓިސް ކުރަމުންދާ އުސޫލެއް.

    23:04

    މިއަދު ހަވީރުގެ ވަގުތެއްގައި ގައުމީ ހިންގާ ކޮމެޓީގެ ބައްދަލުވުން ފެށި، ހަތަރު ގަޑިއެއްހާއިރު ފަހުން މި ނިންމެވީ ޔާމިންއަށް ދެ ވަނަ ބުރުގައި ތާއިދު ކުރުމަށް. މި މުނާސަބަތުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށާއި ގައުމީ ހިންގާ ކޮމެޓީގެ މެންބަރުންނަށް ޝުކުރު ދަންނަވަން.

    މިއަދު ފެނިގެން އެދިޔައީ ގާސިމްގެ ގައުމީ ހިދުމަތް.

    22:58ގާސިމް އިބްރާހިމް

    އަޅުގަނޑުމެން މިތިބީ މާތްﷲ ރަހުމަތްފުޅުން އެކަތިގަނޑަކަށް ވެގެން މިކަން ކާމިޔާބު ކުރަން. އަޅުގަނޑު އެދެނީ ޖޭޕީއަށް ތާއިދު ކުރާ ބޭފުޅުންނާއި އަޅުގަނޑުގެ އާއިލާ އާއި އަޅުގަނޑަށް ހެޔޮ ކަމެއް ކުރެވުނު ބޭފުޅަކު ނަމަވެސް އަބްދުﷲ ޔާމީނަށް ވޯޓު ދެއްވުން. މިއީ އަޅުގަނޑުގެ އާދޭސް.

    އަޅުގަނޑުމެނަށް ޑިމޮކްރަސީ ގެނެސްދެއްވި މައުމޫން އަބްދުލް ގައްޔޫމްގެ އިރުޝާދާއެކު މިކަން ގޯޅި އަޅައިގެންދާނެ ކަމަކަށް ނުބެލެވޭ.

    22:52ކުނޫޒުން

    ގާސިމް އިބްރާހިމާއެކު ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމިންއާއެކު މ. ކުނޫޒުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ.
    ޖޭޕީ ކައުންސިލް މެންބަރު

    މިރޭ ބޭއްވި ޖޭޕީ ކައުންސިލް ބައްދަލުމުގައި ބައިވެރިވި ކައުންސިލް މެންބަރަކު ވިދާޅުވީ އެމްޑީޕީއަށް ތާއިދު ކުރުމާ ބެހޭ ގޮތުން ވޯޓަށް ނުވެސް އަހާ ކަމަށް. އެކަމަކު ފުޅާ ދާއިރާއެއްގައި ކައުންސިލްގެ މެންބަރުން ހިޔާލުފާޅު ކުރި ކަމަށް އޭނާ ވިދާޅުވި.

    ޖޭޕީ ކައުންސިލްގައި މިރޭ ބައިވެރިވި 20 މެންބަރުންގެ ތެރެއިން 15 މެންބަރުންގެ އަގުލަބިއްޔަތު ލިބުނީ ޔާމީނަށް ތާއިދު ކުރުމަށް. ފަސް މެމްބަރަކު ވަކިކޮޅަކަށް ވޯޓު ނުދެއްވައި ތިއްބެވި. އެ ފަސް މެންބަރުންނަކީ ކުރީގެ ޓްރާސްޕޯޓް މިނިސްޓަރު ޑރ. އަހުމަދު ޝަމްހީދާއި ޕާޓީގެ ރައީސް ޑރ. އިބްރާހިމް ދީދީ (ޑީޑީ) އާއި ސެކަރެޓަރީ ޖެނަރަލް ހަސަން ޝާހު އާއި މޫސާ ރަމީޒު އަދި ޑރ. ހުސައިން ރަޝީދު.

    ގާސިމްގެ ފާޅުގައި އެއްވެސް ކޮޅަށް ތާއިދު ކުރައްވައި ވާހަކަ ނުދައްކަވާ. ނަމަވެސް ކައުންސިލް މެންބަރުން ހިޔާލަށް ބައްލަވާފައި ވޯޓަށް އެއްސެވީ. އެ ވަގުތު 15 މެންބަރުން ތާއިދު ކުރެއްވީ ޕީޕީއެމްއަށް ތާއިދު ކުރުމަށް. ފަސް މެންބަރަކު ވަކިކޮޅަކަށް ވޯޓު ނުދެއްވައި ތިއްބެވި.
    20:35

    ޔާމިންއަށް ތާއިދު ކުރަން ޖޭޕީ ކައުންސިލުން ނިންމައިފި. އެގޮތަށް ނިންމީ ކައުންސިލްގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން 15 ބޭފުޅުންގެ އަގުލަބިއްޔަތުން.
    19:42

    ޖޭޕީގެ ބައްދަލުވުން ބައި ގަޑިއެއްހާއިރަށް މެދުކަނޑާލުމަށްފަހު، އަލުން ފަށައިފި. ޖޭޕީން ތާއިދު ކުރާނެ ކެނޑިޑޭޓަކު ކަނޑަނޭޅި ބައްދަލުވުން ކުރިއަށްދާތާ މިހާރު ތިން ގަޑިއިރު ވެއްޖެ
    18:57ކުނޫޒުން:

    ކުނޫޒުގައި ކުރިއަށްދާ ޖޭޕީ ކައުންސިލް ބައްދަލުވުން ދޫކުރައްވައި މޫސާ އަންވަރު ވަޑައިގެންފި. ނޫސްވެރިން ސުވާލު ކުރުމުން އެއްވެސް ޖަވާބެއް އޭނާ ނުދެއްވި.
    18:32

    ޖޭޕީގެ ނިންމުމުގެ އިންތިޒާރުގައި އެ ޕާޓީގެ ސަޕޯޓަރުންނާއި މީޑިއާތަށް މ. ކުނޫޒް ބޭރުގައި. ޖޭޕީ ކައުންސިލްގެ ބައްދަލުވުމަށްފަހު މީޑިއާއަށް މައުލުމާތު ދެއްވާނެ ކަމަށް ގާސިމްގެ ތަރުޖަމާން އިބްރާހިމް ހަލީލު ވިދާޅުވި.

    މިއަދު ހަވީރު 4:15 ގެ ފަހުން ފެށި ޖޭޕީ ކައުންސިލްގެ ސިއްރު ބައްދަލުވުގައި ރިޔާސީ ކެންޑިޑޭޓަކަށް ތާއިދު ކުރުމާމެދު އެއްބަސްވުމަކަށް ނާދެވިގެން އުޅޭ ސަބަބެއް އަދި ސާފެއް ނުވޭ.

    18:19ކުނޫޒުން

    ޖުމްހޫރީ ޕާޓީގެ ޒުވާނުން ގޮފީގެ ރައީސް މޫސާ އަންވަރު ގޮވައިގެން ރިޔާޒު ރަޝީދު އެނބުރި ކުނޫޒަށް ވަޑައިގެންފި. ޖޭޕީގެ ކައުންސިލް ބައްދަލުވުން ފެށިއިރު، މޫސާ އަންވަރު އެ ބައްދަލުވުމުގައި ބައިވެރިއެއް ނުވޭ. ނަމަވެސް ރިޔާޒު ރަޝީދު ވަނީ އޭނާ ގޮވައިގެން ކުނޫޒަށް ވަޑައިގެން ބައްދަލުވުމުގައި ބައިވެރިކޮށްފައި.

    ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން ގާސިމަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހިވަޑައިގެންނެވުމުން މޫސާ އަންވަރު ތާއިދު ކުރައްވަން ފެއްޓެވީ ޕީޕީއެމްއަށް.

    17:25

    ޖޭޕީގެ ބައްދަލުވުން ފެށުމުގެ ކުރިން އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ވެސް ކުނޫޒަށް ވަޑައިގެންނެވި. އަދި ގައުމީ ޕާޓީ ހިންގެވުމާ ހަވާލުވެ ހުންނެވި ރިޔާޒު ރަޝީދުވެސް ކުނޫޒަށް ވަޑައިގެންނެވި. އެކަމަކު އެ ދެ ބޭފުޅުން ވެސް މިހާރު ވަނީ ވަޑައިގެންފައި.
    17:12މ. ކުނޫޒުން:

    ޖޭޕީގެ ބައްދަލުވުން ކުރިއަށްދާ މ. ކުނޫޒް ކައިރީއަށް ޕީޕީއެމް އާއި އެމްޑީޕީގެ ސަޕޯޓަރުންތަކެއް ޕިކަޕްތަކުގައި އައިސް ލަވަޖަހައި އަޑުގަދަކޮށްފައިވޭ. ދެ ޕާޓީގެ އިސް އެކްޓިވިސްޓުން ދަނީ ކުނޫޒް ކައިރީގައި ހަރަކާތްތެރިވަމުން.
    16:36

    ޖޭޕީން ތާއިދު ކުރާނެ ކެންޑިޓޭކު ކަނޑައެޅުމުގެ ބައްދަލުން ފެށުމުގެ ގަޑިއެއްހާއިރު ކުރިން ޕީޕީއެމްގެ ކައުންސިލްގެ ސިއްރު ބައްދަލުވުމެއް ވެސް ބޭއްވި. "ސަން"އަށް އެނގިފައިވާ ގޮތުގައި އެ ބައްދަލުވުމުގައި މަޝްވަރާކޮށްފައި ވަނީ ޖޭޕީން ޕީޕީއެމްއާ ގުޅިއްޖެނަމަ، ކުރާނެ ކަންތައްތަކާ ގުޅޭ ގޮތުން.