13 Nov 2013, 16:27
އާސަންދަ ޕްރައިވެޓް ލިމިޓެޑާއި އޭޑީކޭ ފާމަސީތަކާ ދެމެދު އުފެދިފައިވާ މައްސަލަތައް ހައްލުކުރެވެންދެން "އާސަންދަ"އިގެ ހިދުމަތް އޭޑީކޭގެ ބޭސްފިހާރަތަކުން ހުއްޓާލި މައްސަލައާ ގުޅޭ ގޮތުން އާސަންދައިން ރައްދުދީފި އެވެ.
އާސަންދައިގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އާސަންދައިގެ އެމްޑީ މުހައްމަދު ނިޔާޒް މިއަދު ވިދާޅުވީ މާޗު މަހުން ފެށިގެން އާސަންދައިން "އީ ޕްރެސް ކްރިޕްޝަން"ގެ ހިދުމަތް ބޭނުންކޮށްގެން ނޫނީ ބޭސް ދޫނުކުރެވޭ ގޮތަށް ހަދާފައިވާ ކަމަށެވެ. އަދި އޭޑީކޭ އިން ވަގުތު ނުދޭ ކަމަށް ބުނާ އިރު ތައްޔާރުވުމަށް ބޭނުންވާ ވަގުތު ދެވިފައިވާ ކަމަށް ނިޔާޒް ވިދާޅުވި އެވެ.
"އޭޑިކޭ ހޮސްޕިޓަލުން ބުނަނީ ތިމަންނަމެންގެ ސޮޕްޓްވެއާއެއް އެބައޮތޭ އޭތި މޮޑިފައި ކުރަން ޖެހެއޭ. އެ ސޮޕްޓުވެއާ މޮޑިފައި ކުރަން ޓައިމެއް ނުދެއޭ. އަޅުގަނޑުމެން މިދަންނަވަނީ މިދިޔަ އަހަރުގެ އޮގަސްޓް، ސެޕްޓެމްބަރު މަހުން ފެށިގެން ވެއްޖިއްޔާ މިއަދާ ހަމަ އަށް ވެސް އެކަށީގެންވާ މުއްދަތެއް ނުދެވޭތޯއޭ،" ނިޔާޒް ވިދާޅުވި އެވެ.
ނިޔާޒު އިތުރަށް ވިދާޅުވީ އޭޑީކޭ ކޮމްޕެނީ އިން އެދުނު އެހީތެރިކަމެއް އާސަންދައިގެ ފަރާތުން ނުދެވިގެން ކަމެއް ނުވެފައި ނޯންނާނެ ކަމަށާއި އާސަންދައިގެ ފަރާތުން އޭޑީކޭ އަށް އެހީތެރިކަން ފޯރުކޮށްދޭ ކަމަށެވެ. އަދި އާސަންދައިން 180 ކުންފުންޏަކަށް ހިދުމަތްދޭ އިރު އޭޑީކޭ ފިޔަވައި އިތުރު ކުންފުންޏަކުން އެ މައްސަލަތައް ނުޖެހޭ ކަމަށް ނިޔާޒް ވިދާޅުވި އެވެ.
އޭޑީކޭގެ ބޭސް ފިހާރަތަކަށް އާސަންދައިގެ ހިދުމަތުން ދައްކަން ޖެހޭ އެއްވެސް އައުޓްސްޓޭންޑިންގްއެއް މިހާރު ނެތް ކަމަށާއި 7.4 މިލިއަން ރުފިޔާގެ ބިލްތަކެއް މިހާރު ފޮނުވާފައި ވާނެ ކަމަށް އޭޑީކޭ އިން ވަނީ ބުނެފައިވެ އެވެ.
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ހިންގެވުމާ ހަވާލުވެ ހުންނެވި ސްޓޭޓް މިނިސްޓަރު ފޯ ހެލްތު ތޯރިގު އަލީ ލުތުފީ ވިދާޅުވީ އެއްބަސްވުމާ ހިލާފަށް ކަންކަންދާ ނަމަ ބިލްތައް ރިޖެކްޓް ކުރާނެ ކަމަށެވެ. އަދި ބިލެއްގައި މައްސަލައެއް އުޅޭ ނަމަ ރަނގަޅު ކުރުމަށް ފަހު އަލުން ފޮނުވުމުގެ ފުރުސަތުދޭ ކަމަށް ވެސް ތޯރިގް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ އާސަންދައިން ހިދުމަތްދޭ އުސޫލުތައް ގަބޫލުނުކޮށް އެކަމާ ދެކޮޅު ހަދާ ފަރާތްތައް އެ ސްކީމުން އުނިކުރުމަށް ފަސް ނުޖެހޭނެ ކަމަށެވެ.