ބައިނަލް އަގުވާމީ އެއިޑްސް ދުވަހާ ގުޅިގެން ރާއްޖޭގައި ކުރިއަށް ގެންދާ ހަރަކާތްތަކުގައި ބައިވެރިވުމަށް ބޮލީވުޑްގެ މަޝްހޫރު ޖޯޑު، އަދި ބަތަލާއިން ކަމުގައިވާ ކާޖޮލް އާއި އަޖޭ ރާއްޖެ އަންނަ ގޮތަށް ހަމަޖެހިއްޖެ އެވެ.

ކާޖޮލް މުކަރުޖީ އާއި އަޖޭ ދޭވްގަން ރާއްޖެ އައުމަށްފަހު، އެއިޑްސްއާ ދެކޮޅު ހަރަކާތުގައި ބައިވެރިވުމަށް ދާނީ އެއް ފަސްގަނޑަކަށް އޮންނަ 12،000 މީހުންގެ އާބާދީގެ ފުވައްމަލަކަށެވެ.

ފުވައްމުލަކު އަތޮޅު އޮފީހުގެ ޒިންމާދާރުވެރިޔާ އަދި އިވެންޓް ކޯޑިނޭޓަރު އަހުމަދު މުހައްމަދު މިއަދު ވިދާޅުވީ އަންނަ މަހުގެ އެއްވަނަ ދުވަހު ދެ ތަރިން ރާއްޖެ އައިސް ފުވައްމުލަކަށް ޒިޔާރަތް ކުރުމަށްފަހު އެ ރަށުގައި މަޑުކުރާނީ ކިތައް ދުވަހު ކަމެއް އަދި ނޭނގޭ ކަމަށެވެ.

އޭނާ ވިދާޅުވީ ކާޖޮލް އާއި އަޖޭ ރާއްޖެ އަންނަނީ ސާކްގެ ދެ މަންދޫބުންގެ ގޮތުގައި ކަމަށެވެ. އަދި އެޗްއައިވީ ދުވަހާ ގުޅިގެން ފުވައްމުލަކުގައި އޮންނަ ޖަލްސާގަޔާއި ލައިޓް އިވެންޓްގައި އެ ދެމަފިރިން ބައިވެރިވާނެ އެވެ. ލައިޓް އިވެންޓްގައި ރެޑް ރިބަން ހިމެނޭ 200 ލައިޓް މައްޗަށް ފޮނުވުމަށް ވަނީ ހަމަޖެހިފަ އެވެ.

އަހުމަދު މުހައްމަދު ވިދާޅުވީ ފުވައްމުލަކު ރައްޔިތުންގެ އެދުމުގެ މަތިން އެރަށުގެ ކޮންމެ އަވަށެއްގެ ވެސް ރައްޔިތުންނާއެކު އަޖޭއާއި ކާޖޮލް ވަގުތުކޮޅެއް ހޭދަކޮށްލުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެއިޑްސް ދުވަހާ ގުޅިގެން އެޗްއައިވީ ސާވޭއެއް ފުވައްމުލަކުގައި ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ފުޓްބޯޅަ މެޗެއް ވެސް އެދުވަހު އޮންނާނެ ކަމަށް އެ އިވެންޓް ކުރިއަށްގެންދާ ފަރާތުން މައުލޫމާތު ދެއެވެ.

މީގެ 14 އަހަރު ކުރިން 1999 އަހަރުން ފެށިގެން ކައިވެނިކޮށް މިހާރު ދެ ކުދިން ލިބިފައިވާ އެ ދެތަރިން އެކުގައި ރާއްޖެ އަންނަ މިއީ ފުރަތަމަ ފަހަރެވެ. ނަމަވެސް އަދި ޑޭޓްތައް ކޮންފާމް ނުވާތީ ދެތަރިން ފުރަން ހަމަޖެހިފައި ވަނީ ކޮން ދުވަހަކު ކަމެއް ނޭންގޭ ކަމަށް އިވެންޓް އިންތިޒާމް ކުރާ ފަރާތުން މައުލޫމާތުދެ އެވެ.