ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މާލޭގެ ބައެއް ސަރަހައްދުތަކުގައި އުފެދުނު ފެންގަނޑު ހިއްކުމުގެ މަސައްކަތް ސިފައިން ފަށައިފި އެވެ.


އެމްއެންޑީއެފްގެ މޭޖާ އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މިއަދު މެންދުރު ފަހުން ފެށިގެން މާލެއަށް ކުރަން ފެށި ވިއްސާރައިގެ ސަބަބުން މާފަންނުގެ ބައެއް ސަރަހައްދާއި އަމީނީ މަގު ޣިޔާސުއްދީން ސްކޫލް ކައިރީގައި ފެންބޮޑުވެފައިވާ ކަމަށެވެ. ފެން ހިއްކުމުގެ މަސައްކަތް ހަވީރުން ފެށިގެން ސިފައިން ކުރަމުން އަންނަ ކަމަށެވެ.


އޭނާ ވިދާޅުވީ މިއަދު ކުރި ވިއްސާރައިގައި މާލޭގެ ބޮޑު ބައެއްގައި ފެންބޮޑުވި ނަމަވެސް ގޭގެއަށް ފެންވަދެ ދަތިތައް ކުރިމަތިވެފައިވާކަން އެއްވެސް ފަރާތަކުން އަންގާފައި ނުވާ ކަމަށެވެ.


ޑިޕާޓްމަންޓް އޮފް މީޓިއޮރޮލޮޖީގެ އޮފިޝަލަކު ވިދާޅުވީ ރާއްޖޭގެ އެކި ހިސާބުތަކަށް ކުރަން ފެށި ވިއްސާރައަކީ ބޭ އޮފް ބެންގޯލްގައި އުފެދިފައިވާ ލޯ ޕްރެޝާ އޭރިއާ އެއްގެ ސަބަބުން ކުރަމުންދާ ވިސްސާރައެއް ކަމަށެވެ. އަދި މި ވައްސާރައި މުޅި ރާއްޖެއަށް ކުރާނެކަމަށާއި ކުރިއަށް ތިން ދުވަހު ވެސް މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ ކަމަށެވެ.


މިއަދު މެންދުރުފަހު ކުރި ވިއްސާރާގައި ދެ ގަޑިއިރު ތެރޭގައި 50 މިލިމީޓަރުގެ ވާރޭ މެދުރާއްޖެތެރެއަށް ވެހުނެވެ. މެޓުން ބުނީ އެއީ ގިނަ މިންވަރެއް ކަމަށެވެ.


"ބައެއްފަހަރު 24 ގަޑިއިރު ވާރޭ ވެހޭއިރުވެސް 50 މިލިމީޓަރު ހަމަނުވޭ. ވަރަށް ބޯކޮށް ވެހުނީމަ ދެ ގަޑިއިރު ތެރޭގައި މިހާ ބައިވަރު ވާރޭ ވެހޭނީ." މެޓްގެ އޮފިޝަލު ވިދާޅުވި އެވެ.


މެޓުން ބުނީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ކަނޑުތައް އާދައިގެ ވަރަކަށް ގަދަކަމަށާއި މިއަދު ހަވީރު އައި ކޮޅިގަނޑުގައި 38 މޭލު ބާރުމިނުގައި ވައި ގަދަވެފައިވާކަމަށެވެ.  ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ވެސް މެޓުން ވަނީ ބުނެފަ އެވެ.