13 Nov 2013, 14:36
"ރައީސް މީހާ"
ގެ ނަމުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އެންޑްރޮއިޑް އެޕްލިކޭޝަނެއް ތަޢާރަފުކޮށްފި އެވެ.މާލޭ ސިޓީ ކައުންސިލް ހޯލުގައި މިއަދު ހެނދު ބޭއްވި ރަސްމީއްޔާތެއްގައި އެ އެޕްލިކޭޝަން ލޯންޗު ކޮށްދެއްވީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެވެ.
"ރައީސް މީހާ"ގެ ނަމުގައި ތަޢާރަފް ކުރި އެއެޕްލިކޭޝަންގައިހިމެނެނީ އެމްޑީޕީގެ ތިން އަހަރުގެ ސަރުކާރުގައި ކޮށްދީފައިވާ ކަންތައްތަކާ ގުޅޭ މައުލޫމާތުތަކާއި ތަފާތު އެކި ޖަލްސާތަކުގައި ނަޝީދު ދައްކަވާފައިވާ ވާހަކަފުޅުތަކުގެ ވީޑިއޯ އެވެ. މީގެ އިތުރުން އެމްޑީޕީގެ މެނިފެސްޓޯ އާއި ރައީސް ނަޝީދާ ގުޅޭ ތަފާތު އެކި މައުލޫމާތު އެއެޕްލިކޭޝަންހިމަނާފައިވެ އެވެ.
އެއެޕްލިކޭޝަންއިފްތިތާހު ކޮށްދެއްވުމަށް ފަހު ނަޝީދު ވިދާޅުވީ އަދުގެ ދުނިޔޭގައި ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން މައުލޫމާތު ވީހާ ވެސް އަވަހަކަށް ލިބޭނެ ނިޒާމްތައް ގާއިމް ކުރުމަކީ ގައުމެއް ތަރައްގީވެ ކުރިއަރައިގެން ދިއުމުގެ އަސްލު ކަމަށެވެ. ހާއްސަ ގޮތެއްގައި ޒަމާނީ ގޮތްތައް ބޭނުންކޮށްގެން ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށް ދިނުމަކީ ގައުމު ތަރައްގީ ކުރުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުވެގެންދާނެ ކަމެއްގެ ގޮތުގައި އެމަނިކުފާނު ވިދާޅުވި އެވެ.
މިއަދުގެ ރަސްމީއްޔާތުގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބާއި ގުޅޭ ގޮތުން ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ ރައީސް ވަޙީދު ހުންނަވައިގެން އިންތިހާބު ބޭއްވިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި ރައީސް ވަހީދު މަގާމުން އިސްތިއުފާ ދެއްވަން ނޫޅުއްވާ ކަމަށާއި އެ މަނިކުފާނު އުޅުއްވަނީ އިސްތިއުފާ ނުދެއްވައި ފުރާވަޑައިގަންނަވަން ކަމަށެވެ.