13 Nov 2013, 14:26
އދ.ގެ އިންސާނީ ޙައްގުތަކާ މަޖިލީހުގެ ގޮނޑިއެއް ވިދިވިދިގެން ދެ ވަނަ ފަހަރަށް ރާއްޖެ އިން ކާމިޔާބު ކުރުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދު މަރުޙަބާ ވިދާޅުވެއްޖެ އެވެ.
އެ ގޮނޑި ރާއްޖެ އަށް ކާމިޔާބުކޮށްދެއްވުމުގައި، އދ.ގައި ހުންނަ ދިވެހިރާއްޖޭގެ ޕަމަނަންޓް މިޝަނާއި، ޖެނީވާގައި ހުންނަ ޕަމަނަންޓް މިޝަނާއި ރާއްޖެ އިން ބޭރުގައި ހުރި ރާއްޖޭގެ ހައި ކޮމިޝަންތަކުންނާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ކޮށްދެއްވާފައިވާ މަސައްކަތްތައް ފާހަގަކުރައްވައި އެ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ މަރްޙަބާ ވިދާޅުވެ، ޝުކުރު އަދާކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
އަންނަ އަހަރުން ފެށިގެން ކުރިއަށް އޮތް ތިން އަހަރަށް ރާއްޖެ އިން އެ ގޮނޑި ކާމިޔާބުކޮށްފައި ވަނީ، ނިއުޔޯކުގައި ހުންނަ އދ.ގެ މައި މަރުކަޒުގައި ރޭ ނެގި ވޯޓުގައި 164 ގައުމުގެ ތާއީދާ އެކުގަ އެވެ.
.
އިންސާނީ ޙައްޤުތަކާ ބެހޭ މަޖިލީހުގެ ގޮނޑި، ރާއްޖެ އިން ފުރަތަމަފަހަރަށް ކާމިޔާބުކުރީ 2010 ވަނަ އަހަރު އެވެ. އެ މަޖިލީހުގެ މެންބަރު ކަމުގެ ގޮނޑި 2011 ވަނަ އަހަރު ރާއްޖެ އިން ފުރަން ފެށީއްސުރެ މިއަދާ ހަމައަށް، ބައިނަލްއަގްވާމީ މުޖްތަމަޢުގައި ދިމާވާ ބޮޑެތި މައްސަލަތަކުގައި، ވަކިން ޚާއްޞަކޮށް، އިސްލާމީ ޤައުމުތަކަށާއި ކުދި ޤައުމުތަކަށް ދިމާވާ މައްސަލަތަކުގައި، ރާއްޖެ އިން ވަނީ އަޑު އުފުލައި ވަކާލާތުކޮށްފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި 2012 ވަނަ އަހަރު ރާއްޖޭގެ ވެރިކަމަށް ބަދަލެއް އައި ނަމަވެސް، އިންސާނީ ޙައްގުތަކާ ބެހޭ މަޖިލީހުގައި ރާއްޖެ އިން ގެންގުޅެމުންދާ ސިޔާސަތުތަކަށް ބަދަލެއް ނުގެނެސް، މިހާރު ވެސް ގެންދަނީ އެ ސިޔާސަތުތައް ކުރިއަރުވަމުން ކަމަށް ރައީސް އޮފީހުން ބުންޏެވެ. އެ މަޖިލީހުގެ ގޮނޑި ދެވަނަ ދައުރަކަށް ރާއްޖެ އިން ފުރަން ފަށާނީ 2014 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެންނެވެ.