ފަލަސްތީނުގެ ރާމަﷲ ގައި މިމަހުގެ 11 އިން 15 އަށް ކުރިއަށްދާ ހަރަކާތެއް ކަމަށްވާ " ޕެލަސްޓައިން ޔޫތު ވީކް" ނުވަތަ ފަލަސްތީނު ޒުވާނުންގެ ހަފުތާގައި ރާއްޖޭގެ ދެ ޒުވާނަކު ބައިވެރި ވެއްޖެ އެވެ.

ރާއްޖޭގެ ފަރާތުން އެހަރަކާތުގައި ބައިވެރި ވީ ފަލަސްތީނާއި ދިވެހިންނާ ދެމެދު ގުޅުން ބަދަހި ކުރުމަށް އުފައްދާފައިވާ ދެ ޖަމިއްޔާއެއް ކަމަށްވާ "މޯލްޑިވްސް-ޕެލަސްޓައިން ބްރަދަހުޑް އެސޯސިއޭޝަން" ގެ ދެ މަންދޫބުންނެވެ. އެ ޖަމިއްޔާގެ ފަރާތުން ހަރަކާތުގައި ބައިވެރިވީ އަބްދުﷲ ޝާކިރާއި އައްޝައިޚު މުޙައްމަދު މައުމޫނެވެ.

ޕެލަސްޓީނިއަން ނެޝަނަލް އޮތޯރިޓީން އިންތިޒާމު ކުރި އެހަރަކާތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ޒުވާން ނޫސްވެރިންނާއި ސިޔާސީ ޕާޓީތަކުގެ ޒުވާން މަންދޫބުންނާއި އެކްޓިވިސްޓުން ބައިވެރި ވިއެވެ.

ހަރަކާތުގެ މަގުސަދަކީ ފަލަސްތީނުގެ ޒުވާނުންނާއި މުޅި އާބާދީ ވެސް ދިރިއުޅެމުން އަންނަ ހާލަތު ދުނިޔޭގެ ޒުވާނުންނަށް ދެއްކުމެވެ.

ފަލަސްތީނު ޒުވާނުންގެ ހަފުތާ ފާހަގަކޮށްފައި މި ވަނީ އެގައުމުގެ ރައްޔިތުންނަށް ވަރަށް ހަނދާން ކުރާ ތާރީހުތަކަކާ ދިމާވާ ދުވަސްވަރެއްގައެވެ. އެގޮތުން ނޮވެމްބަރު 11 ވަނަ ދުވަހަކީ ފަލަސްތީނުގެ ކުރީގެ ލީޑަރު ޔާސިރު އަވަހާރަވީ ދުވަހެވެ. އަރަފާތު އަވަހާރަވީ 2004 ވަނަ އަހަރުގެ ނޮވެމްބަރު 11 ވަނަ ދުވަހުއެވެ.

ޒުވާނުންގެ ހަފުތާގެ ހަރަކާތްތަކުގެ ތެރޭގައި ފަލަސްތީނުގެ އަވަށް ތަކަށް ޒިޔާރަތްކުރުމާއި ނޫސްކޮންފަރެންސްތަކާއި ބައްދަލުވުންތައް ހިމެނެއެވެ.