އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ވޯޓު ދިނުމުގެ ޙައްޤުލިބިފައިވާ މީހުންގެ ރެޖިސްޓަރީގެ ސޮފްޓް ކޮޕީ ޕާޓީތަކަށް ފޮނުވިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.

ދެ ވަނަ ބުރުގެ ފައިނަލް ވޯޓާސް ލިސްޓު، ޕާޓީތަކަށް ފޮނުވިއިރު، އިންތިހާބުގެ ދެވަނަ ބުރަށް އިލެކްޝަންސް ކޮމިޝަނުން ނެރެފައިވާ ޓައިމްލައިންގައި ބުނެފައި ވަނީ ވޯޓާސް ލިސްޓުގައި ސޮއިކުރާނީ މާދަމާއިން ފެށިގެން ހުކުރު ދުވަހުގެ ނިޔަލަށް ކަމަށެވެ. އިލެކްޝަނުން ބުނީ ވޯޓާސް ލިސްޓުގައި ސޮއި ކުރަން ފެށޭނީ މާދަމާ މެންދުރުފަހު 2:00 ފެށިގެން ހުކުރު ދުވަހުގެ ރޭ 12:00 ގެ ނިޔަލަށެވެ.

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރަށް ދިޔަ ކެންޑިޑޭޓުން ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީއާއި ޕީއެމުން ވަނީ ވޯޓާސް ލިސްޓުގައި ސޮއި ކުރަން ތައްޔާރުވެފަ އެވެ. ޕާޓީތަކުން ވަނީ މިއަދު އެ ޕާޓީތަކަށް ލިބުނު ވޯޓާސް ލިސްޓު ޗެކް ކުރުމުގެ މަސައްކަތް ފަށާފަ އެވެ.

ސެޕްޓެމްބަރުގައި ހަތެއްގައި ބޭއްވި ރިޔާސީ އިންތިހާބު ބާތިލު ކުރި ސުޕްރީމް ކޯޓުގެ ހުކުމްގައި ބުނެފައި ވަނީ އިލެކްޝަންސް ކޮމިޝަނާއި ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުންގެ މަންދޫބުން ފައިނަލް ވޯޓާސް ލިސްޓު ސައްހަ ކަމަށް އެއްބަސްވާން ޖެހޭނެ އެވެ.