ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގް) ގެ ރަސްމީ އެޖެންޑާގައި ރާއްޖެ އަނެއްކާވެސް ހިމަނަން އެ ގްރޫޕުން ނިންމައިފި އެވެ.

ސީމެގުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގައި ފަހަކަށް އައިސް ހިނގައި ދިޔަ ކަންތައްތަކަށް ބަލައި ފޯމަލް އެޖެންޑާގައި ރާއްޖެ ހިނަމަނަން ނިންމީ ކަމަށެވެ.

"ފަހަކަށް އައިސް ހިނގައި ދިޔަ ކަންތައްތަކަށް ބަލައި ފޯމަލް އެޖެންޑާގައި ރާއްޖެ އަނެއްކާ ވެސް ހިމަނަން ސީމެގުން ވަނީ ނިންމާފަ އެވެ. ނޮވެމްބަރު 16 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައި އޮތް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ބާއްވައި އާ ރައީސަކު ހުވާކުރަން ދެން، ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ކަންތައްތައް މިނިސްޓަރުން ކައިރިން ބައްލަވާނެއެވެ،" ސީމެގްގެ ބަޔާނުގައިވެ އެވެ.

ސްރީލަންކާގައި މިހާރު ހިނގަމުންދާ ކޮމަންވެލްތު ގައުމުތަކުގެ ވެރިނަނަށް ރާއްޖެއާ ބެހޭ މައުލޫމާތު މިމަހުގެ 15 ވަނަ ދުވަހު ދޭނެ ކަމަށް ވެސް އެބަޔާނުގައި ވެއެވެ.

ރާއްޖޭގައި ހިނގި ކަންތައްތަކެއްގެ ގޮތުގައި ސީމެގުން ފާހަގަކޮށްފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ހަތް ވަނަ ދުވަހު ބޭއްވި މިއަހަރުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ބާތިލުކުރުމާއި އޭގެ ފަހުން ހަމަޖެއްސި ތިން ތާރީހެއް ފަހަނަ އަޅައި ދިއުމެވެ.

ގާނޫނު އަސާސީއާ ހިލާފުވެ، 11 ނޮވެމްބަރުގައި އާ ރައީސަކަށް ހުވާ ނުކުރެވުނީ ސުޕްރީމްކޯޓުން އިންތިހާބު ބާތިލުކޮށް، އަދި އޭގެ ފަހުން އިންތިހާބުގެ ކަންކަން ތަކުރާރުކޮށް ލަސްވުމުން ކަމަށް ސީމެގަށް ފާހަގަ ކުރެވުނު ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ.

ސީމެގްގެ އެޖެންޑާގައި ރާއްޖެ ކުރިން ހިމެނީ ރާއްޖޭގެ ވެރިކަން މިދިޔަ 2012 ވަނަ އަހަރު ފެބްރުއަރީ މަހުގެ ހަތް ވަނަ ދުވަހު ބަދަލުވުމާ ގުޅިގެން ވެރިކަން ބަދަލުވި ގޮތާއި މެދު އުފެދުނު ނުތަވަނަސްކަމާ ގުޅިގެންނެވެ. އަދި ކޮމަންވެލްތުގެ ވެސް ބައިވެރިވުމާއި އެކު އެހާދިސާ ތަހުގީގުކުރުމަށް ފަހު އެޖެންޑާއިން ރާއްޖެ ނެގިއެވެ.