ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި، ވެރިކަމުން ދުރުކުރުމަށް އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ގަރާރު އަނބުރާ ފޮނުވާލައިފި އެވެ.

އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން ހުށަހަޅާފައިވާ މައްސަލަ މަޖިލީހުގައި ކުރިއަށް ނުގެންދެވޭނެ ކަމަށް އެ ޕާޓީއަށް މިއަދު އަންގަވާފައި ވަނީ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އެވެ. އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)އަށް ފޮނުއްވި ސިޓީގައި ޝާހިދު ވިދާޅުވެފައި ވަނީ މިދިޔަ އާދީއްތަ ދުވަހުގެ ނިޔަލަށް ނިއަލަށް ޤާނޫނު އަސާސީގައި ވާގޮތުގެ މަތިން ނޮވެމްބަރު 11، 2008، ގައި ފެށި ރިޔާސީ ދައުރު ނިމުމަކަށް އައިސްފައިވާތީ ހުށަހަޅުއްވާފައިވާ ގަރާރު މިހާރު ކުރިއަށް ނުގެންދެވޭނެތީ އެ ގަރާރު އަނބުރާ ފޮނުއްވާލެއްވީ ކަމަށެވެ.

ރިޔާސީ ދައުރު ނިމިފައިވާތީ، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ކާނަލް ރިޓަޔާޓް މުޙައްމަދު ނާޒިމްގެ މައްޗަށް ހުށަހެޅި އިތުބާރު ނެތް ކަމުގެ މައްސަލަ ވެސް މަޖިލީހުން ވަނީ ބޭރުކޮށްލާފަ އެވެ.

އެމްޑީޕީން ހުށަހެޅި އެ މައްސަލަ މަޖިލީހުގައި ދެން ކުރިއަށް ނުގެންދެވޭނެކަން ޝާހިދު ވަނީ އިބޫއަށް އަންގަވާފަ އެވެ.