ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ކަމުގެ މަގާމާ ހަވާލުވާން ތައްޔާރަށް ހުރި ކަމަށް އިނގިރޭސި ވިލާތުގެ ޒުވާން ކޯޗު ސައިމަން އެލެގްޒެންޑާ މެކްމެނެމީ ބުނެފި އެވެ.

ހުސްވި އޮކްޓޫބަރު މަހުގެ ތެރޭގައި ގައުމީ ކޯޗު ކަމުގެ މަގާމްގައި ހުރި ހަންގޭރީގެ އިސްތަވާން އުރުބާނީ އެމަގާމުން އިސްތިސުފާ ދިނުމުން، އެމަގާމަށް ކޯޗަކު ހޯދަން ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާއިން މަސައްކަތް ކުރަމުންދާއިރު މިހާތަނަށް "ޝޯޓްލިސްޓް" ކޮށްފައިވާ ނަންތަކުގެ ތެރޭގައި ސައިމަންގެ ނަންވަނީ ހިމަނާފަ އެވެ.

ސައިމަން ބުނީ، ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވުމުގެ ޝައުގުވެރިކަން ފާޅުކޮށް އެކަމާ ބެހޭ ހުރިހާ މައުލޫމާތެއް ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާއަށް ފޮނުވާފައި ކަމަށާއި "އެ މަގާމަށް ހަމަޖައްސައިފާނެ ކަމުގެ އިޝާރާތެއް ލިބިފައިވާ" ކަމަށް ރާއްޖޭގެ ނޫހަކަށް ފުރަތަމަ ފަހަރަށް ދިން އިންޓަވިއުގައި "ސަން" އިން ކުރި ސުވާލެއްގެ ޖަވާބުގައި ސައިމަން ބުންޏެވެ.
http://www.sun.mv/albums/l_21193.jpg
"އަހަރެން މިހާރު އިންތިޒާރު މިކުރަނީ ރާއްޖޭގެ އެފްއޭގެ ނިންމުމަކަށް. އަހަރެން އެ މަގާމަށް ހަމަޖައްސައިފާނެ ކަމުގެ އިޝާރާތެއް ލިބިފައި ވަނީ،" ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ހުސްވެފައިވާ ކޯޗު ކަމުގެ މަގާމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ޒުވާން ކޯޗު ބުންޏެވެ.

މަދު ދުވަސް ކޮޅެއްގެ ތެރޭގައި ޕިލިޕީންސްގެ ފުޓްބޯޅައަށް ސަރަހައްދީ އެހެން ގައުމުތަކުން ޖެހިލުންވާފަދަ ރަނގަޅު ބަދަލުތަކެއް ގެނެސްދިން، ޒުވާން "ތަޖްރިބާކާރު" ކޯޗު ބުނީ، ރާއްޖެފަދަ ފުޓްބޯޅައަށް ލޯބިކުރާ ގައުމެއްގެ ފުޓްބޯޅަ ކުރިއަރުވަން ފުރުސަތު ލިބިއްޖެނަމަ އެކަން އުފަލާއެކީ ގަބޫލް ކުރާނޭ ކަމަށެވެ.

"ރާއްޖޭގެ ގައުމީ ޓީމާ ހަވާލުވާން އަހަރެންގެ ޝައުގުވެރިކަން ވަރަށް ބޮޑު،" ސައިމަން ބުންޏެވެ. "ހަގީގަތުގަ ވެސް އަހަންނަށް ލިބޭނޭ ވަރަށް ބޮޑު އުފަލެއް، ފުޓްބޯޅަ ކުރިއަރުވަން ބޭނުންވާ ގައުމެއްގެ ފުޓްބޯޅަ، އާ އުސްމިންތަކަކަށް ގެންގޮސްދިނުމަށް އެހީތެރިވެދިނުމާ އަދި އެފަދަ ފަހުރުވެރި ގައުމެއްގެ ކޯޗުކަން ކުރުމުގެ ފުރުސަތު ލިބުމަކީ،"އުމުރުން 35 އަހަރުގެ ޒުވާން ކޯޗު ބުންޏެވެ.
http://www.sun.mv/albums/l_21195.jpg
ސައިމަން ބުނީ، ރާއްޖެފަދަ ރީތި ހިތްގައިމު ގައުމެއްގެ ކޯޗުކަން ކުރުމުގެ ފުރުސަތު ލިބުމަކީ ހަގީގަތުގައި ވެސް "ވަރަށް ބޮޑު ޝަރަފެއް" ކަމަށެވެ.

ފިލިޕީންސްގެ ގައުމީ ޓީމާ 2010 ވަނަ އަހަރު ހަވާލުވި ސައިމަން ވަނީ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގައި ބާއްވާ އެންމެ ވަރުގަދަ އެއް ފުޓްބޯޅަ މުބާރާތް ކަމަށްވާ "ސުޒުކީ ކަޕް 2010"ގައި ވާދަކޮށް ގްރޫޕް ސްޓޭޖްގައި އެއްވެސް މެޗަކުން ބަލިނުވެ ފިލިޕިންސް އެ މުބާރާތުގެ ސެމީ ފައިނަލާ ހަމައަށް ގެންގޮސްފަ އެވެ. މިއީ ފިލިޕީންސްގެ ފުޓްބޯޅައިގެ ތާރީހުގައި އެހިސާބައް ދަތުރުކުރި ފުރަތަމަ ފަހަރެވެ.

"ފިލިޕިންސްގެ ފުޓްބޯޅަ ތަރައްގީކޮށް އެގައުމު، ދެކުނު އިރުމަތީ އޭޝިއާގެ ފުޓްބޯޅައިގެ ގަދަ ބާރަކަށް ހެދުމުގައި އެހީތެރިވެ ލިބުނު ތަޖުރިބާގެ އަލީގައި ފުޓްބޯޅަ ތަރައްގީކޮށް އެފަދަ ފާހަގަކޮށްލެވޭ ކާމިޔާބެއް ތަކުރާރުކުރުމުގެ ޝައުގުވެރިކަން އަދިވެސް ވަރަށް ބޮޑު،" ސައިމަން ބުންޏެވެ.

އިންޑޮނީޝިއާގެ ސުޕަލީގު ކްލަބެއް ކަމަށްވާ ޕެލީޓާ ބަންޑުން ރާޔާގެ ކޯޗުކަމުގައި މިހާރު ހުރި ސައިމަން ވަނީ އިނގިރޭސި ވިލާތުގެ ވޯތިން ފުޓްބޯލް ކްލަބްގެ އެސިސްޓެންޓް ކޯޗު ކަމާއި ވިއެޓްނާމްގެ ޑޮންޓަމް ލޯން އާންގެ ކޯޗު ކަމާއި އެޓީމުގެ ޓެކްނިކަލް ޑައިރެކްޓަރު ކަމާއި އަދި އިންޑޮނީޝިއާގެ މިޓްރާ ކޫކަރު ފުޓްބޯޅަ ޓީމުގެ ކޯޗުކަން ކޮށްފަ އެވެ.
http://www.sun.mv/albums/l_21194.jpg
ފުޓްބޯޅައަށް ލޯބިކުރާ ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މި ސަރަހައްދުގެ ގައުމުތައް ޖެހިލުންވާފަދަ ފުޓްބޯޅައިގެ ބާރެއްގެ ގޮތުގައި ރާއްޖެ އޮވެ ސަރަހައްދީ މުބާރާތެއްގެ ތަށީގައި ބީހިލުމުގެ ފުރުސަތު އެންމެ ފަހަރުކު ލިބި އެކަން ތަކުރާރު ނުކުރެވިގެން އުޅޭ އެންމެ ބޮޑު އެއް ސަބަބަކީ އެފަދަ ކާމިޔާބެއް ހޯދައި ދެވޭވަރުގެ ރަނގަޅު މޭސްތިއަކު ނެތުމެވެ.

އުމުރުން 32 އަހަރުގައި ފިލިޕީންސްގެ ގައުމީ ޓީމާ ހަވާލުވި ސައިމަން މެކްމެނަމީ މަޝްހޫރުވެފައި ވަނީ ގައުމީ ޓީމެއްގެ އެންމެ ޒުވާން ހެޑް ކޯޗުގެ ގޮތުގައެވެ.

"ސްޕޯޓްސް ސްޑަޑީޒް"އިން ބެޗެލާސް ޑިގްރީ ހާސިލްކުރުމަށް ފަހު ސައިމަން އޭނާގެ ކޯޗިން އެރިއަރު ފެށީ އިނގިރޭސި ވިލާތުގެ ސަސެކްސް ކަންޓްރީ ލީގު ކްލަބެއް ކަމަށްވާ ހޭވާޑްސް ހީތު ޓައުންގެ މެނޭޖަރެއްގެ ގޮތުގަ އެވެ.