13 Nov 2013, 12:38
އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ކަނޑައަޅާފައިވާ ރިޔާސީ އިންތިޚާބުގެ ދެ ވަނަ ބުރުގައި ނޫސްވެރިންނަށް ކިޔޫގައި ނުޖެހި ވޯޓުލެވޭނެ އިންތިޒާމެއް ހަމަޖައްސައި ދިނުމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން އިލެކްޝަންސް ކޮމިޝަނުގައި އެދިއްޖެ އެވެ.
އެމްޖޭއޭ އިން އިއްޔެ އިލެކްޝަންސް ކޮމިޝަނަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު މިދިޔަ ސެޕްޓެމްބަރު ހަތެއްގައި ބޭއްވި އިރު، ނޫސްވެރިންގެ ގޮތުގައި މަސައްކަތް ކުރި މޮނިޓަރުންނަށް ކިޔޫގައި ނުޖެހި ވޯޓުލެވޭ ގޮތަށް އިންތިޒާމު ކޮށްދީފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ވަރަށް ބޮޑަށް ފަސޭހަ ވެގެން ދިޔަ ކަމަށެވެ.
އަދި ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވެސް އެ އިންތިޒާމު އެ ގޮތަށް ހަމަޖައްސައި ދިނުމަށް އެ ޖަމިއްޔާ އިން އެދޭ ކަމަށެވެ.
އެމްޖޭއޭ އިން އެގޮތަށް އެދިފައިވާ އިރު މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ބައެއް ފޮށިތަކަށް ވޯޓުލާން ދިޔަ ނޫސްވެރިންނަށް ޖެހުނީ ކިޔޫގައި ޖެހިގެން ތިބެ ވޯޓުލާށެވެ. އެގޮތަށް ކިޔޫގައި ތިބެންޖެހުމުން ބައެއް މޮނިޓަރުންނަށް ވޯޓުނުލެވި ވެސް ދިޔަ އެވެ. ނަމަވެސް ބައެއް ވޯޓު ފޮށިތަކަށް ފާސް ދައްކާފައި ގޮސް ވޯޓުލެވުނެ އެވެ.
އެމްޖޭއޭ އިން އިލެކްޝަނަށް ފޮނުވި ސިޓީގައި އަދި ބުނެފައި ވަނީ ނޫސްވެރިންނަކީ ވަރަށް ބުރަކޮށް މަސައްކަތް ކުރާ ބަޔަކަށް ވާތީ ކިޔޫގައި ތިބެން ޖެހިއްޖެ ނަމަ އިންތިހާ އަށް އުނދަގޫ ވެގެން ދާނެ ކަމަށެވެ. އަދި މަދު ބަޔަކާ އެކު މަސައްކަތް ކުރާ މީޑިއާ އިންސްޓިއުޓްތަކުގެ ނޫސްވެރިންނާއި މޮނިޓަރުން ގިނަ އިރުތަކެއް ވަންދެން ކިޔޫގައި ތިބެން ޖެހޭ ގޮތަކަށް ކަންކަން އިންތިޒާމު ކުރާ ނަމަ އެބޭފުޅުން ވޯޓުން މަހުރޫމުވުމަކީ ވެދާނެ ކަމަކަށް ވާތީ އެކަމާ އެ ޖަމިއްޔާ އިން ކަންބޮޑުވާ ކަމަށެވެ.
ނޫސްވެރިންނަކީ އާންމުންނަށް ބޭނުންވާ ހަބަރާއި މައުލޫމާތު ފޯރުކޮށްދިނުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރަން ޖެހޭ ބަޔަކަށް ވާތީ އެމީހުން ކުރާ ގައުމީ އަދި ޒިންމާދާރު މަސައްކަތަށް ހުރަސްނޭޅޭ ގޮތަށް އަދި ވޯޓު ވެސް ފަސޭހަ ގޮތަކަށް ލެވޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަށް އިލެކްޝަންސް ކޮމިޝަނަށް އެމްޖޭއޭގެ ސިޓީގައި ވަނީ އިލްތިމާސްކޮށްފަ އެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ އެމްޖޭއޭގެ ހުށަހެޅުން އެ ކޮމިޝަނަށް ލިބިފައިވާ ކަމަށާއި ނަމަވެސް އަދި އެކަމާ ބެހޭ ގޮތުން ގޮތެއް ނުނިންމާ ކަމަށެވެ.