ޕްރޮސެކިއުޓާ ޖެނެރަލް އަހްމަދު މުއިއްޒުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމަށް އެމްޑީޕީން ހުށަހަޅާފައިވާ މައްސަލަ އެހެން ދުވަހަކަށް ފަސްކޮށްފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު އަހްމަދު މުހައްމަދު މިއަދު ވިދާޅުވީ ކުރިން އެ މައްސަލަ އެޖެންޑާކޮށްފައި ވަނީ މިއަދަށް ކަމަށާއި ނަމަވެސް އެހެން ދުވަހަކަށް އެ މައްސަލަ ފަސްކޮށްފައިވާކަން މެމްބަރުންނަށް އަންގާފައިވާ ކަމަށެވެ.

އެ މައްސަލަ އެޖެންޑާ ކުރާނެ ދުވަހެއް އަދި ކަނޑައަޅާފައިނުވާ ކަމަށް ވެސް އަމީން އާންމު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ އިތުބާރު ނެތް ކަމުގެ ވޯޓެއް މަޖިލީހުން ނުނަގާނެ ކަމަށެވެ.

ޕީޖީ އޮފީހުން ޖިނާއީ ދައުވާ ކޮށްފައިވާ މަޖިލީހުގެ ފަސް މެމްބަރުން އެބަ ތިއްބެވި ކަމަށާއި އިމްތިޔާޒު ގާނޫނު ބުނާ ގޮތުން އެ މެމްބަރުންނަށް އެ ވޯޓުގައި ބައިވެރިނުވެވޭނެ ކަމަށް އެމްޑީޕީ ފިޔަވައި އެހެންޕާޓީތަކުގެ މެމްބަރުން ވަނީ ވިދާޅުވެފަ އެވެ.