13 Nov 2013, 12:18
އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގައި ދެ ކެންޑިޑޭޓުންގެ ނަން ހިމަނައިގެން އަލުން ވޯޓު ކަރުދާސް ޗާޕްކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ ދެ ކެންޑިޑޭޓުންގެ ނަން ހިމަނައިގެން އަލުން ވޯޓު ކަރުދާސް ޗާޕުކޮށްފައިވާ ކަމަށާއި ދެ ކެންޑިޑޭޓުން ވެސް ބޭނުން ކުރާނީ ހަމަކުރިން ބޭނުން ކުރި ނަމްބަރު ކަމަށެވެ. އެއީ، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، ކެންޑިޑޭޓް ނަމްބަރު ތިނެއް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، މުހައްމަދު ނަޝީދު ކެންޑިޑޭޓް ނަމްބަރު ހަތަރެކެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު އިއްޔެ ސަން އަށް ވިދާޅުވީ ދެވަނަ ބުރަށް ގޮސްފައިވާ ކެންޑިޑޭޓުން ފުރަތަމަ ބުރުގައި ބޭނުންކުރި ނަންބަރުތައް ދިނުމަށް ނިންމީ ކެންޑިޑޭޓުންގެ މަންދޫބުންނާ މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ.
އިލެކްޝަނުން ބުނެފައި ވަނީ ވޯޓު ކަރުދާސްތައް ޕްރިންޓްކޮށް ނިމިފައިވާ ކަމަށާއި އަދި މާދަމާ ރަށްތަކަށް ވޯޓު ކަރުދާސްތައް ފޮނުވަން ފަށާނެ ކަމަށެވެ.