ރާއްޖޭގެ ކުދިންނަށް ހުޅަނގުން ތައުލީމު ހާސިލުކުރެވޭނެ ފުރުސަތު ފުޅާކުރެވިއްޖެ ނަމަ، ޕާކިސްތާނާއި މިސުރު ފަދަ ގައުމުތަކުގެ އިސްލާމީ ސްކޫލުތަކުން ތައުލީމު ހާސިލުކޮށް، ހަރުކަށި ހިޔާލު ގެންގުޅުމުގެ ފުރުސަތު ދިވެހިންގެ ކިބައިން ހުއްޓުވޭނެ ކަމަށް ރާއްޖެ އިން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ ސަފީރު އަބްދުލްޣަފޫރު މުހައްމަދު ވިދާޅުވެފައިވާ ކަމަށް ވިކީލީކްސް އިން ހާމަކޮށްފި އެވެ.


ފެބްރުއަރީ 24، 2010 ގައި އެމެރިކާ ސަރުކާރުގެ ސަފީރު ކަމުގެ ފަތްކޮޅު އެރުވުމުގެ ކުރިން، އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލުންނާ އެކު ޣަފޫރު ބޭއްވި ބައްދަލުވުންތަކެއްގެ ޚުލާސާ ހިމެނޭ ސިއްރު ލިޔެކިޔުންތަކެއް ވިކީލީކްސް އިން ވަނީ ލީކުކޮށްލާފަ އެވެ.


އެގޮތުން އެ ޑޮކިއުމެންޓުތަކާ ހަވާލާދީ ގާޑިއަން ނޫހުގައި އިއްޔެ ޝާއިއުކޮށްފައިވާ ލިޔުމެއްގައި ވަނީ، ދިވެހި ޒުވާނުންނަށް ޕާކިސްތާނާއި މިސްރުން އިސްލާމިކް ސްޓަޑީސް އިން ހިލޭ ކިޔެވުމުގެ ފުރުސުތު އޮންނަ ކަމަށް އެމެރިކާގެ ޑެޕިއުޓީ އެސިސްޓަންޓް ސެކްރެޓަރީ އޮފް ޑިފެންސް ފޯ ސައުތު އެންޑް ސައުތު އީސްޓް އޭޝިޔާ، ރޮބާޓް ޝިއާ އަރިހު ޣަފޫރު ވިދާޅުވި ކަމަށެވެ.


އަދި އެގޮތަށް މިސްރަށާއި ޕާކިސްތާނަށް ކިޔަވަންދާ ދިވެހި ކުދިން އެ ގައުމުތަކުގައި ހަރަކާތްތެރިވާ ހައްދުފަހަނައަޅާފައިވާ ޖަމާއަތްތަކުގެ ތެރެއަށް ވައްދާ ކަމަށާއި އަދި އެކަމުގެ ސަބަބުން ހަރުކަށި ޚިޔާލުތައް ގެންގުޅޭ މީހުން ރާއްޖޭގައި އިތުރުވަމުންދާ ކަމަށް، ކެނެޑާ އާއި އެމެރިކާގެ ނޮން-ރެޒިޑެންޓް ސަފީރު ކަމުގެ މަގާމު ވެސް ފުރުއްވާ ޣަފޫރު ވިދާޅުވެފައިވެ އެވެ.


އަދި ހަރުކަށި ޚިޔާލުތައް ގެންގުޅުމުގެ ސަގާފަތް އިތުރަށް ފުޅާވުމުން ހުއްޓުވޭނީ، ހުޅަނގުގެ "ލިބަރަލް" ތައުލީމު ހާސިލްކުރުމަށް އިތުރު ފުރުސަތުތައް ފޯރުކޮށްދިނުމުން ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.


އިސްލާމީ ގައުމުތަކަށް ދާ ކިޔަވާ ކުދިންނަށް އެނޫން ފުރުސަތުތައް ހޯދުމަށްޓަކައި، އެމެރިކާ އާއި ރާއްޖެއާ ދެމެދު ތައުލީމީ ރޮނގުން އިތުރަށް ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން، އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޯ ސައުތު އެންޑް ސެންޓްރަލް އޭޝިޔަން އެފެއާޒް ރޮބާޓް ބްލޭކްއާ ޣަފޫރު ވާހަކަފުޅު ދައްކަވާފައިވާ ކަން ހާމަވާ ބައެއް ލިޔެކިޔުންތައް ވެސް އާއްމުކޮށްފައިވެ އެވެ.


އެމެރިކާ އާއި ރާއްޖެއާ ދެމެދު ތައުލީމީ ފުރުސަތުތައް ޕްރޮމޯޓްކޮށް، އެ ދާއިރާ އިން އިތުރު އެއްބަސްވުންތަކެއް ގާއިމް ކުރެވިއްޖެ ނަމަ، މިހާރު މިސްރަށާއި ޕާކިސްތާނަށް ކިޔަވަންދާ ދިވެހިން ދީނީ ގޮތުން ހަރުކަށި ޚިޔާލު ގެންގުޅޭ ބަޔަކަށް ވުމުން ފަރުޖެއްސޭނެ ކަމަށް ޣަފޫރު ވަނީ ބްލޭކް އަރިހު ވިދާޅި ކަމަށް ވެސް އެ ލިޔެކިއުންތަކުން ދައްކަ އެވެ.


ޣަފޫރާ ވާހަކަފުޅުދައްކަވަމުން އެމެރިކާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރުގެ މަގާމު ވެސް ކުރިން ފުރުއްވި ރޮބާޓް ބްލޭކް ވަނީ، ރާއްޖޭގެ ޕަބްލިކް-ޕްރައިވެޓް ޕާޓްނަޝިޕް ސިޔާސަތުގެ ދަށުން، އެމެރިކާގެ ހޮޓެލް އަދި ރެސްޓޯރަންޓް މެނޭޖްމަންޓް ސްކޫލްތަކާ ގުޅިގެން މަސައްކަތްކުރުމަށް ލަފާ ދެއްވައިފަ އެވެ.


ބްލޭކް އާ އެއްކޮށް ބޭއްވި ބައްދަލުކުރެއްވުމާ ގުޅޭ ގޮތުން ލީކުވި ލިޔެކިޔުންތަކަށް ބަލާއިރު، ޣަފޫރު ވަނީ، އައިއެމްއެފްގެ އެހީ ހޯދައިދިނުމަށް އެމެރިކާ އިން ކުރާ މަސައްކަތަށް ޝުކުރުވެރިވާ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް، އައިއެމްއެފް އިން އެހީ ވަނީ ވަރަށް ބޮޑު ޝަރުތެއްގައި ކަމަށާއި މުސާރަ ކުޑަކުރުމަކީ ރާއްޖެ އަށް ސިޔާސީ ގޮތުން ވަރަށް ދަތި ކަމެއް ކަމަށް އޭނާ ފާހަގަކުރައްވާފައިވެ އެވެ.


އެ ޑޮކިއުމެންޓުގައިވާ ގޮތުގައި، އދ. ގެ ހިއުމަން ރައިޓްސް ކައުންސިލްގެ ގޮނޑި ހޯދުމަށް އެމެރިކާ އިން ރާއްޖެ އަށް އެހީވާން ބްލޭކް ހުށަހެޅުއްވި އެވެ. ނަމަވެސް، އެ ހުށަހެޅުމަށް ޝުކުރުއަދާކުރައްވައި ޣަފޫރު ވިދާޅުވެފައި ވަނީ، ރާއްޖެ އިން އެ ގޮނޑި ކާމިޔާބުކުރެވޭނީ އަމިއްލަ މަސައްކަތުން ކަމަށެވެ. އަދި އެ މަސައްކަތުގެ ތެރޭގައި ކޮސޯވޯގެ މިނިވަން ކަން ރާއްޖެ އިން ގަބޫލު ކުރުން ހިމެނެ އެވެ.