13 Nov 2013, 12:14
ލަނޑު ޖެހުމަށް ފަހު، އިޚްވާނުލް މުސްލިމޫން ޖަމާޢަތާ ގުޅުން ހުރި އަތުގެ އިޝާރާތެއް ކުރުމާ ގުޅިގެން، މިޞުރުގެ އަލްއަހްލީ ފުޓުބޯޅަ ކުލަބުގެ ސްޓްރައިކަރ އަޙްމަދު ޢަބްދުއްޡާހިރު ސަސްޕެންޑްކޮށް އޭނާގެ މުސާރަ ހިފަހައްޓާން އަލްއަހްލީގެ ފަރާތުން ނިންމައިފިއެވެ.
އެސޯޝިއޭޓެޑް ޕްރެހުން ޚަބަރު ދީފައިވާ ގޮތުގައި، މިދިޔަ ހޯމަ ދުވަހު އަޙްމަދު ޢަބްދުއްޡާހިރު ސަސްޕެންޑް ކުރެވުނީ އޭގެ ކުރީ ދުވަހު ޤާހިރާގައި ކުޅެވުނު އެފްރިކަން ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗުގައި، އަލްއަހްލީގެ ދެވަނަ ލަނޑު ޖެހުމަށް ފަހު އުފާ ފާޅު ކުރަމުން، އަތުގެ އިޝާރާތުން ރާބިޢާ ނިޝާން ދެއްކުމާ ގުޅިގެންނެވެ.
ރާބިޢާ ނިޝާނަކީ ބޮޑުވައި އިނގިލި އަތްތިލައިގެ ބަނޑަށް ލަންބައިލުމަށް ފަހު، އަނެއް ހަތަރު އިނގިލި ދައްކައިގެން ކުރާ އިޝާރާތެކެވެ. މި އިޝާރާތް މިހާރު ބެލެވެނީ މިޞުރުގެ ވެރިކަމުން ދުރު ކުރެވިފައި ވާ ރައީސް ޑރ. މުޙައްމަދު މުރްސީއަށް ތާއީދު ކުރާ އިސްލާމީ ޚިޔާލުގެ ޙަރަކާތުގެ އިޝާރާތީ ރަމްޒެއްގެ ގޮތުގަ އެވެ. މި އިޝާރާތުގެ ރަމްޒު ކޮށްދެނީ، މުރްސީ ވެރިކަމުން ވައްޓައިލުމާ ގުޅިގެން އިޚްވާނުލް މުސްލިމޫން ޖަމާޢަތާއި ދެން ވެސް އިސްލާމީ ޚިޔާލުގެ އެކި ފަރާތްތަކުން ޤާހިރާގެ ރާބިޢާ އަލްޢަދަވިއްޔާ މައިދާނުގައި ބޭއްވި އެއްވުމެވެ. މިޞުރުގެ ބަޣާވާތުގެ ސިފައިން ވަނީ އެ މައިދާނަށް އަރައިގަނެ، އެތަނުގައި ތިބި މީހުންގެ ތެރެއިން އެތައް ސަތޭކަ ބަޔަކު މަރައިފަ އެވެ.
އުމުރުން 28 އަހަރުގެ ސްޓްރައިކަރ އަޙްމަދު ޢަބްދުއްޡާހިރު ސަސްޕެންޑް ކުރުމަށް އޭނާގެ ކްލަބުން ނިންމުމާ ގުޅިގެން، އަންނަ މަހު މޮރޮކޯގައި ބާއްވާ ފީފާ ވޯރލްޑް ކްލަބް ކަޕްގައި އޭނާއަކަށް ނުކުޅެވޭނެ އެވެ.
އަލްއަހްލީގެ އިސް އޮފިޝަލަކު، ނަން ހާމަ ނުކުރުން ޝަރުޠު ކުރުމަށް ފަހު، އޭއެފްޕީއަށް ބުނެފައި ވާ ގޮތުގައި، ސްޓްރައިކަރ އަޙްމަދު ޢަބްދުއްޡާހިރު ސަސްޕެންޑް ކުރުމަށް ކްލަބުން ނިންމީ އޭނާ "ކުޅިވަރާއި ސިޔާސަތު އެއްކޮށްލުމުން" ނެވެ.
އާދީއްތަ ދުވަހުގެ މެޗުން 2 ލަނޑު 0 ލަނޑުން މޮޅުވެ، 3 ލަނޑު 1 ލަނޑުގެ އެގްރިގޭޓުން މިޞުރުގެ އަލްއަހްލީ ވަނީ ދެކުނު އެފްރިކާގެ އޯރލަންޑޯ ޕައިރެޓްސް ބަލިކޮށް، އެފްރިކަން ޗެމްޕިއަންސް ލީގް ކާމިޔާބު ކޮށްފައެވެ. މިއީ އަލްއަހްލީ މި މުބާރާތް ކާމިޔާބު ކުރި 8 ވަނަ ފަހަރެވެ.
މި ޙާދިސާއާ ގުޅިގެން، މިޞުރުގައި މިހާރު ވެރިކަން ކުރާ ޢަސްކަރީ ސަރުކާރުގައި މިނިސްޓަރ އޮފް ސްޕޯރޓްސްގެ މަޤާމު އަދާ ކުރައްވަމުން ގެންދަވާ ޠާހިރު އަބޫ ޒައިދު ވިދާޅުވެފައި ވަނީ މިޞުރުގެ ކުންގ ފޫ ތެޅުންތެރިޔާ މުޙައްމަދު ޔޫސުފާ މެދު އެޅުނު ފަދަ ފިޔަވަޅުތަކެއް އަޙްމަދު ޢަބްދުއްޡާހިރާ މެދު ވެސް އެޅޭނޭ ކަމަށް އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.
މިޞުރުގެ ކުންގ ފޫ އެސޯސިއޭޝަނުން ވަނީ ދެ އަހަރުގެ މުއްދަތަށް، މުޙައްމަދު ޔޫސުފަށް ބައިނަލްއަޤްވާމީ އެއްވެސް ކުންގ ފޫ މުބާރާތެއްގައި ބައިވެރި ނުވެވޭ ގޮތަށް އޭނާ ސަސްޕެންޑް ކޮށްފައެވެ. އެއީ މިދިޔަ މަހު ރަޝިއާގައި އޮތް ކުންގ ފޫ މުބާރާތެއްގައި މިޞުރު ތަމްސީލު ކުރުމުގެ ތެރޭގައި، ރާބިޢާ ނިޝާން ކުރަހައިފައި ހުރި ޓީޝާޓެއް ލުމާ ގުޅިގެންނެވެ.