13 Nov 2013, 12:05
މިދިޔަ އަހަރުގެ ފެބްރުއަރީ އަށް ވަނަ ދުވަހު ގދ. ތިނަދޫ ޕޮލިސްޓޭޝަންގައި ހުޅުޖެހި މައްސަލައިގެ ތުހުމަތުގައި ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ހަތަރު ކުދީންގެ ދިފާއުގައި ހުށަހެޅި ހުރިހާ ހެކީންގެ ހެކިބަސް ނަގައި ނިމިއްޖެ އެވެ.
ޖުވެނައިލް ކޯޓުގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ ދިފާއުގައި ހުށަހެޅި ހުރިހާ ހެކީންގެ ހެކިބަސް ނަގައި ނިމިފައި ވަނީ އިއްޔެ 11:00ގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ކަމަށެވެ. ނަމަވެސް މައްސަލައިގެ ބާވަތުން ހެކިބަސް ލިބުނު ގޮތެއް ކޯޓުން ނުބުނެ އެވެ.
ދައުވާ ލިބޭ ދެ ކުއްޖެއްގެ ފަރާތުން ހުށަހެޅި ޖުމްލަ ހަތް މީހެއްގެ ހެކިބަސް އިއްޔެ ނަގާފައިވާ ކަމަށް ޖުވެނައިލް ކޯޓުގެ އޮފިޝަލް ވިދާޅުވި އެވެ.
"އިއްޔެ ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުވާ ލިބޭ އެއް ކުއްޖެއްގެ ފަރާތުން ހުށަހަޅާފައިވާ އެއް ހެއްކެއްގެ ހެކިބަސް ނަގާފައި ވަނީ. އަދި އިތުރު ކުއްޖަކު ހުށަހަޅާފައިވާ ހަ މީހުންގެ ހެކިބަސް ވެސް ވަނީ ނަގާގައި. މިހާ ހިސާބުން ދިފާއީ ހުރިހާ ހެކީންގެ ހެކިބަސް ނަގައި ނިމުނީ،" އޮފިޝަލް ވިދާޅުވި އެވެ.
އެ މައްސަލައިގެ އިތުރު އަޑުއެހުމެއް ދެން އޮންނާނީ އަންނަ ހޯމަ ދުވަހު ކަމަށާއި އެދުވަހުގެ ޝަރީއަތުގެ މަޖިލީހުގައި ދައުވާ ކުރާ ފަރާތާއި ދައުވާ ލިބޭ ފަރާތްތަކަށް ޚުލާސާ ބަޔާން ހުށަހަޅައި ފަހުބަސް ބުނުމުގެ ފުރުސަތު ދެވޭނެ ކަމަށް ވެސް ޖުވެނައިލް ކޯޓުގެ އޮފިޝަލް ވިދާޅުވި އެވެ.
އެ މައްސަލައިގެ ހުކުމް އިއްވުމަށް ބާއްވާ ޝަރީއަތުގެ މަޖިލީސް އަދި ޝެޑިއުލްކޮށްފައިނުވާ ކަމަށް ވެސް ޖުވެނައިލް ކޯޓުން ބުންޏެވެ.
މިހާރު އުމުރުން 18 އަހަރު ފުރިފައިވާ އެ ހަތަރު ކުދީންގެ މައްޗަށް ދައުލަތުން ކުރި ޓެރަރިޒަމްގެ ދައުވާގައި ބުނެފައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ އަށް ވަނަ ދުވަހުގެ ހަވީރު 4:30 އާއި ރޭގަނޑު 8:30އާ ދެމެދުގެ ވަގުތެއްގައި އިތުރު ބަޔަކާ އެކު އެ ހަތަރު ކުދީން ތިނަދޫ ޕޮލިސްޓޭޝަން ދޮށަށް އެއްވެ ފުލުހުންނަށް ހަމަލާދީ ޕޮލިސްޓޭޝަންގެ އިމާރާތަށާއި މުދަލަށް ގެއްލުންދީފައިވާ ކަމަށެވެ.
މިދިޔަ އަހަރުގެ ފެބްރުއަރީ އަށް ވަނަ ދުވަހު ތިނަދޫ ޕޮލިސްޓޭޝަނާއި އެތަނުގައި ބޭނުންކުރަމުންދިޔަ އެންމެހައި ވެހިކަލްތަކާއި ގދ. އަތޮޅު ކައުންސިލްގެ އިދާރާ އާއި ތިނަދޫ ކޯޓުގައި ވެސް ވަނީ ހުޅުޖަހައި އަންދާލައިފަ އެވެ.