ނިއުދިއްލީ (ނޮވެމްބަރު 13): ކުށުގެ ރިކޯޑް އޮންނަ ފަރާތްތަކާއި ޝަރީއަތުގައި ނުރައްކާތެރި މައްސަލަ އޮންނަ ފަރާތްތައް އިންޑިޔާގެ އިންތިޚާބުތަކުގައި ބައިވެރިވުމާއި ވާދަކުރުން މަނާކުރާ ބިލެއް ޕާލަމެންޓަށް ހުށަހެޅުމަށް ތައްޔާރުވަމުންދާކަން އިންޑިޔާގެ ޤާނޫނުތަކާ ބެހޭ ވަޒީރު ކަޕިލް ސިބާލް ހާމަކުރައްވައިފި އެވެ.

ނިއުދިއްލީގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކަޕިލް ސިބާލް ވިދާޅުވީ، މިޤާނޫނުގެ ޑްރާފްޓް އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި ޕާލަމެންޓަށް މި ބިލް (ގާނޫނުގެ ޑްރާފްޓް) ހުށަހެޅުމަށް އަދި ދުވަސްތަކެއް ނަގާނަކަމުގަ އެވެ. މިގޮތުން މިބިލް ޕާލަމެންޓަށް ހުށަހެޅޭވަރު ވާނީ ޕާލަމެންޓްގެ ކުރިޔަށް އޮތް ދައުރުގައި ކަމަށް ވެސް ސިބާލް ވިދާޅުވި އެވެ.
ބޮޑެތި ކުށްތައް ސާބިތުވެ ހަތް އަހަރަށް ވުރެ ދިގު މުއްދަތެއްގެ ޖަލު ހުކުމް އަންނާނެ ކަމަށް ބެލެވޭ މީހުންނާއި މިފަދަ ޙުކުމްތައް މާޒީގައި ކުރެވިފައިވާ މީހުންނަކީ އިންތިޚާބު ކުރެވޭ މަޤާމްތަކަށް ކުރިމަތިލުމަށް ކުފޫ ހަމަވާ މީހުން ކަމަށް އިންޑިޔާ ސަރުކާރުން ނުދެކޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ޝަރީއަތުގައި މައްސަލަ އޮންނަ ފަރާތްތައް ވެސް ޝަރީޢަތުން ރެކިގަތުމަށް ޓަކައި ނޫނީ ކޯޓްތަކަށް ނުފޫޒު ފޯރުވުމަށް ޓަކައި އިންތިޚާބީ މަގާމްތަކަށް އައުމަށް މަސައްކަތް ކުރަމުންގެންދާ ކަމަށާ މިކަން ވެސް މިގޮތަށް ވެގެންނުވާނެ ކަމަށް ސިބާލް ވިދާޅުވި އެވެ. އެހެންކަމުން ކުށުގެ ރިކޯޑް އޮންނަ ފަރާތްތަކުގެ އިތުރުން ބޮޑެތި ޖިނާއީ ކުށްތަކާއި ކޮރަޕްޝަންފަދަ ބޮޑެތި މައްސަލަތަކުގެ ޙުކުމް ތަންފީޒުކުރެވިފައިވާ ފަރާތްތަކާއި އެފަދަ މައްސަލަތަކުގެ ޝަރީއަތް ކޯޓުތަކުގައި ހިނގަމުންދާ ފަރާތްތައް ވެސް އިންތިޚާބުތަކުގައި ބައިވެރިވުން މަނާކުރުން މިބިލްގައި ހިމެނުމަށް މަސައްކަތް ކުރަމުންދާކަމަށް އޭނާ ވިދާޅުވި އެވެ.

އިންޑިޔާގައި ކުރިޔަށް އޮތް އާންމު އިންތިޚާބުގެ ކުރިން ޕާލަމެންޓުން މިބިލް ފާސްކޮށްފި ނަމަ، އާންމު ގޮތެއްގައި އިންތިޚާބުތަކުގައި ވާދަކުރާ ބޮޑެތި ކުށްވެރިންނާއި ގޭންގް ލީޑަރުންނާއި ސްމަގްލަރުންނާއި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންނާއި އެނޫން ވެސް މުޖްރިމުންނަށް އެފުރުޞަތު ގެއްލިގެންދާނެ ކަމަށް ގާނޫނީ ތަޖްރިބާކާރުން ދެކެ އެވެ. އިންޑިޔާގެ އިންތިޚާބުތަކުގައި ބޮޑެތި ކުށްވެރިންނާއި މުޖްރިމުން ވާދަކޮށް ރައްޔިތުންނަށް އެމީހުންގެ ހަގީގަތް އޮޅުވާލައިގެން ޕާލަމެންޓްގެ ގޮނޑިތައް ފަދަ މުހިއްމު މަގާމްތައް ކާމިޔާބު ކުރުމަކީ ވަރަށް އާންމު ކަމެކެވެ.

އިންޑިޔާގެ ޕާލަމެންޓް މެންބަރުންގެ ގޮތުގައި މިހާރު ވެސް ގޭންގް ލީޑަރުންނާއި އަންހެނުން ރޭޕްކޮށްފައިވާ ކަމަށް ބެލެވޭ މުޖްރިމުން ތިބި ކަމަށް ރިޕޯޓްތައް ބުނެ އެވެ. ނަމަވެސް އިންޑިޔާގެ އިދިކޮޅު ޕާޓީތަކުން ވަނީ މިބިލަށް ދެކޮޅު ހަދާފަ އެވެ. އެ ޕާޓީތަކުން ބުނަނީ މިއީ އިންތިޚާބާ ދިމާކޮށް ކޮންގްރެސް ޕާޓީ އަޑީގައި އޮވެގެން އިދިކޮޅު ކެންޑިޑޭޓުންނަށް ފުރްސަތު ހަނިކުރުމުގެ ސިޔާސީ ރޭވުމެއްގެ ދަށުން ޕާލަމެންޓަށް ހުށަހަޅާ ބިލެއް ކަމާށާ މިބިލް ހުށަހެޅުމުގައި ސަރުކާރުގެ އިޚްލާސްތެރިކަން ނެތްކަމުގަ އެވެ. (ނޫސްއެޖެންސީތައް)