13 Nov 2013, 11:23
ޕޯޓް ލުއިސް (ނޮވެމްބަރު 13): މި ނޮވެމްބަރު މަހުގެ 15 އިން 17 އަށް ސްރީލަންކާގެ ވެރިރަށް ކޮލަންބޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންވެލްތުގެ ގައުމުތަކުގެ އިސްވެރިންގެ ސަމިޓްގައި ބައިވެރިވެ ވަޑައިނުގަންނަވާނެކަން މޮރިޝަސްގެ ބޮޑުވަޒީރު ނަވީން ރަމްގުލާމް ވިދާޅުވެއްޖެ އެވެ.
މޮރިޝަސްގެ ޕާލަމެންޓްގައި ވާހަކަ ދައްކަވަމުން ބޮޑުވަޒީރު ރަމްގުލާމް ވިދާޅުވީ ކޮލަންބޯ ސަމިޓްގައި ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށާއި އެސަމިޓްގައި ބައިވެރިވާ މޮރިޝަސްގެ ވަފްދުގެ އިސްބޭފުޅަކަށް ހުންނަވާނީ އޭނާގެ ބަދަލުގައި ޚާރިޖީ ވަޒީރު އަވިން ބުލެލް ކަމުގަ އެވެ. ރަމްގުލާމަކީ ކޮލަންބޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންވެލްތުގެ ގައުމުތަކުގެ އިސްވެރިންގެ ސަމިޓް ބޮއިކަޓް ކުރެއްވި ތިންވަނަ ގައުމުގެ ބޮޑުވަޒީރެވެ.
ރަމްގުލާމްގެ ކުރިން ކެނެޑާގެ ބޮޑުވަޒީރު ސްޓެފަން ހެޕާ އާއި އިންޑިޔާގެ ބޮޑުވަޒީރު މަންމޯހަން ސިންގް ވަނީ ކޮލަންބޯ ސަމިޓްގައި ބައިވެރިވެވަޑައި ނުގަންނަވާނެ ކަމަށް ވިދާޅުވެ ސަމިޓް ބޮއިކަޓް ކުރެއްވިކަން އިޢްލާންކުރައްވާފަ އެވެ. އިންޑިޔާ އިން ބުނެފައިވަނީ ބޮޑުވަޒީރު މަންމޯހަން ސިންގްގެ ބަދަލުގައި ކޮލަންބޯ ސަމިޓްގައި އިންޑިޔާ ތަމްސީލް ކުރައްވާނީ ޚާރިޖީ ވަޒީރު ސަލްމާން ޚޫރަޝީދު ކަމުގަ އެވެ.
ރިޕޯޓްތައް ބުނާގޮތުން ކޮލަންބޯ ސަމިޓްގައި ބައިވެރި ނުވުމަށް އިންޑިޔާ އާއި މޮރިޝަސްގެ ބޮޑުވަޒީރުން ނިންމެވީ އެދެގައުމުގެ ތަމަޅަ ދަރިކޮޅުގެ ރައްޔިތުންގެ ފިއްތުންތަކުގެ ސަބަބުންނެވެ. އިންޑިއަށް ބަލާއިރު އެގައުމުގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ ބީޖޭޕީން ވަނީ ކޮލަންބޯ ސަމިޓް ބޮއިކަޓް ކުރެއްވުމަށް ބޮޑުވަޒީރު މަންމޯހަން ސިންގް އަށް އިލްތިމާސް ކޮށްފަ އެވެ. އިންޑިއާގެ ދެކުނުގެ ޓެމިލް ނާޑޫ ސްޓޭޓްގެ އާބާދީގައި ހިމެނޭ ގާތްގަނޑަކަށް 62 މިލިޔަން މީހުންނަކީ ނަސްލީ ގޮތުންނާއި ދީނީގޮތުންނާ އަދި ސަގާފީ ގޮތުން ސްރީލަންކާގެ ތަމަޅައިންނާ ގުޅިފައިވާ އެއް ދަރިކޮޅެއްގެ ބައެއްކަމުން ޓެމިލްނާޑޯގެ ރައްޔިތުން ވެސް ވަނީ މިސަމިޓްގައި އިންޑިޔާ ބައިވެރި ނުވުމަށް ގޮވާލައި އެތަށްފަހަރަކު މުޒާހަރާކޮށްފަ އެވެ.
ތަމަޅަ ދަރިކޮޅުގެ ބައެއް މީހުން މޮރިޝަސްގައި ވެސް ވަޒަންވެރިވެ އެގައުމުގެ ރައްޔިތުންގެ ގޮތުގައި ދިރިއުޅެމުން ގެންދާއިރު އެމީހުން ވެސް ވަނީކޮލަންބޯ ސަމިޓްގައި ބައިވެރިނުވުމަށް އެގައުމުގެ ބޮޑުވަޒީރު ނަވީން ރަމްގުލާމް އަށް އެކިގޮތްގޮތުން އިލްތިމާސްތައް ކޮށްފަ އެވެ. މިއާއެކު ކޮލަންބޯ ސަމިޓްގައި ބައިވެރިނުވުމަށް މޮރިޝަސްގެ ބޮޑުވަޒީރު ނިންމެވި ނިންމެވުމަށް މޮރިޝަސްގެ ތަމަޅަ ދަރިކޮޅުގެ މީހުންވަނީ ހޫނު މަރްޙަބާއެއް ކިޔާފަ އެވެ.
ކޮލަންބޯގެ ސަމިޓުގައި ސްރީލަންކާގެ ދާޚިލީ ހަނގުރާމައިގެ ދުވަސްވަރު ހިނގި ކަމަށް ތުހުމަތު ކުރެވޭ ހަނގުރާމައިގެ ޖަރީމާތަކާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ބައެއް ގައުމުތަކުން ބޭނުންވި ނަމަވެސް އެކަމާބެހޭ ގޮތުން ސަމިޓްގައި މަޝްވަރާ ނުކުރެވޭނެ ކަމަށާ އެކަމަށް ކުޑަވެސް ޖާގައެއް ނުދެވޭނެ ކަމަށް ސްރީލަންކާ ސަރުކާރުން ވަނީ ބުނެފަ އެވެ.
ސްރީލަންކާގެ ޚާރިޖީ ވަޒީރު ޑރ. ލަކްޝަމަން ޕީރިސް ވަނީ ކޮމަންވެލްތު ސަމިޓްތަކަކީ މެންބަރު ގައުމުތަކުގެ ދާޚިލީކަންކަމާބެހޭ ގޮތުން މަޝްވަރާކޮށް ގޮތްކިޔާ ސަމިޓް ތަކެއްނޫން ކަމަށް ވިދާޅުވެ ކޮލަންބޯގެ ސަމިޓްގައި ސްރީލަންކާގެ ދާޚިލީ ކަންކަމާބެހުމުގެ ފުރްސަތު ނޯންނާނެކަން ހާމަކުރައްވާފަ އެވެ. އަދި ކޮމަންވެލްތުން ސްރީލަންކާގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަންނަނަމަ އެޖަޢާތުން ސްރީލަންކާ ވަކިވާނެޖެހިދާނެ ކަމުގެ އިންޒާރު ސްރީލަންކާގެ ބައެއް ނޫސްތަކުންނާއި ސިޔާސީ ބައެއް ބޭފުޅުން ވެސް ވަނީ ނުސީދާ ގޮތެއްގައި ދެއްވާފަ އެވެ.
ކޮމަންވެލްތުން މެންބަރު ގައުމުތަކުގެ ދާޚިލީ ކަންކަމާއެޖަމާއަތުން ބެހޭނަމަ އެޖަމާއަތް ރޫޅިގެން ދިޔުމުގެ ފުރަސްތު ބޮޑުވާނެ ކަމަށް ބައެއް މީޑިޔާ ރިޕޯޓްތައް ބުނެއެވެ. (ނޫސްއެޖެންސީތައް)