ރާއްޖޭގެ މިހާރުގެ ހާލަތާ މެދު މަޝްވަރާކޮށް، އަޅާނޭ ފިޔަވަޅުތަކާ ބެހޭ ގޮތުން ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގް)ގެ ބައްދަލުވުމުގައި ގޮތެއް ނިންމާނޭ ކަމަށް ކޮމަންވެލްތުން ބުނެފި އެވެ.

ހުކުރު ދުވަހު ސްރީލަންކާގައި ފަށާ ކޮމަންވެލްތު ގައުމުތަކުގެ އިސް ވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް މިހާރު އެގައުމުގައި ހުންނެވި ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ކަމަލޭޝް ޝަރުމާ ވިދާޅުވީ ރާއްޖޭގެ މިހާރުގެ ހާލަތާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް އެ ގްރޫޕްގެ ވެރިން މިއަދު ބައްދަލުކުރައްވާނޭ ކަމަށެވެ.

ރިޔާސީ ދައުރު ހަމަވެފައިވީ ނަމަވެސް އާ ރައީސަކު އިންތިހާބު ކުރެވިފައި ނުވާތީ އެކަމާ ގުޅޭ ގޮތުން ޝަރުމާ ވިދާޅުވީ، ރާއްޖެ މިވަގުތު އޮތީ ގާނޫނީ ހުސްކަމެއްގެ ތެރޭގައި ކަމަށެވެ.

"އަޅުގަނޑު އުންމީދުކުރަން އެކަމަށް ވެސް އަދި ފަހުން ހައްލެއް ހޯދޭނޭ ކަމަށް،" ޝަރުމާ ވިދާޅުވި އެވެ.

ރިޔާސީ ދައުރު މި މަހުގެ 11 ވަނަ ދުވަހަށް ހަމަވި އިރު ވެސް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ގާނޫނު އަސާސީގައި ބުނާ ފަދައިން އާ ރައީސަކު އިންތިހާބު ކުރެވިފައި ނުވާ އިރު ރާއްޖޭގެ ސުޕްރީމް ކޯޓުން ވަނީ، އާ ރައީސަކު އިންތިހާބު ކުރެވެންދެން ސަރުކާރު ދެމިއޮންނާނޭ ކަމަށް ކަނޑައަޅައި ހުކުމެއް ކޮށްފަ އެވެ.

ކޮމަން ވެލްތުގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވީ ރިޔާސީ ދައުރު ހަމަވި އިރު ވެސް ރާއްޖޭގައި އާރައީސަކު އިންތިހާބު ކުރެވިފައި ނުވާތީ އެކަމާ ގުޅޭ ގޮތުން އެކަށޭނަ ނިންމުން ތަކެއް މިއަދު އެ ގްރޫޕުން ނިންމާނެ ކަމަށެވެ.