13 Nov 2013, 10:45
ސްކޫލު ބަންދާ ދިމާކޮށް އައިޖީއެމް ހޮސްޕިޓަލްގައި ކުރިއަށްގެންދާ "ހިތާނުޕެކޭޖް" މި އަހަރު ނޯންނާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.
އައިޖީއެމްއެޗްގެ ޒިންމާދާރު އިސްވެރިޔާ ޑރ. މުހައްމަދު ހަބީބު "ސަން" އަށް މިއަދު ވިދާޅުވީ ހިތާނުޕެކޭޖް މިފަހަރު ދޫކުރެވެން ނެތީ ހޭނައްތާ ޑޮކްޓްރުން މަދުވުވުމުގެ ސަބަބުން ކަމަށެވެ. ނަމަވެސް ޑޮކްޓަރުންނަށް ދައްކާ އުސޫލުން ވަކިވަކި ކުދިން ހިތާނުކޮށްދެއްވާނެ ކަމަށް ޑރ. ހަބީބް ވިދާޅުވި އެވެ.
"ވެއިޓް ލިސްޓް ކޮށްގެން ހިތާނު ކުރާނެ ހަމަ. ކުރީގައި ވާގޮތަކީ 20 ނުވަތަ 40 ކުދިން ހިތާނު ކުރޭ އެއްދުވަހާ. އެގޮތަށް ނުކުރެވޭ ވާހަކަ މިބުނަނީ،" ޑރ. ހަބީބް ވިދާޅުވި އެވެ.
އައިޖީއެމް ހޮސްޕިޓަލްގައި ހޭނައްތާ ޑޮކްޓަރުން މަދުވެ ހިތާނު ކުރުމަށް ވެސް ދަތިތަކަކާ ކުރި މަތިވެފައިވާ އިރު އެ ހޮސްޕިޓަލަށް މިހާރު ވެސް ދަނީ ޑޮކްޓަރުންގެ ދަތިކަމާއި ބަޖެޓްގެ ދަތިކަން ދިމާވުމުގެ ސަބަބުން ބޮޑެތި ދަތިތަކާ ކުރިމަތިވަމުންނެވެ. އަދި އިއްޔެ ވެސް ވަނީ އައިޖީއެމްއެޗަށް ދޫކޮށްފައިވާ ކްރެޑިޓް ހަމަވެގެން އެސްޓީއޯ އިން އެހޮސްޕިޓަލަށް ބޭސް ދޫކުރުން ހުއްޓާލާ ފައެވެ. ނަމަވެސް ފަހުން އެހިދުމަތް ދިނެވެ.