13 Nov 2013, 10:26
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ރާއްޖޭގެ ބޭންކުތަކުގައި ހުރި ހުރިހާ ފައިސާއެއް ގެންދިއުމުން ރާއްޖޭގެ ރައްޔިތުން މިހާރު ކުރިއަށް ވުރެ ބޮޑަށް ސަލާންޖަހަން ޖެހިފައިވާ ކަމަށް އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމު މުހައްމަދު ވިދާޅުވެއްޖެ އެވެ.
"ގުޅިގެން ނިންމައިފިން"ގެ ނަމުގައި ކާނިވާ ސަރަހައްދުގައި ޕީޕީއެމާއި ގުޅިފައިވާ ހުރިހާ ސިޔާސީ ޕާޓީތަކާއި އެކީގައި ފުރަތަމަ ފަހަރަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ސިޔާމު ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަށް ފައިދާ އާއި މަންފާ ލިބޭނީ ގައުމުގެ އިގްތިސާދު ކުރިއަރުވައިގެން ކަމަށާއި ނަމަވެސް ވޭތުވެ ދިޔަ ތިން އަހަރު ރާއްޖޭގެ ރައްޔިތުންގެ އިގްތިސާދީ މިންގަނޑު އޮތީ ވަރަށް ދަށަށް ގޮސްފައިވާ ކަމަށެވެ.
"ރާއްޖޭގެ އެއްވެސް ބޭންކެއްގައި، ބޭރުގެ ބޭންކުތަކުގައި ހުރި ހުރިހާ ފައިސާއެއް ރާއްޖޭގައި ވިޔަފާރި ކުރާ ހުރިހާ ބޭންކެއްގައި ހުރި ހުރިހާ ފައިސާއެއް މިދިޔަ ތިން އަހަރު މިވަނީ އޭރު ރާއްޖޭގައި ވެރިކަން ކުރި ބަޔަކު ގެންގޮސް ހުސްކޮށްފައި. އޭގެ ސަބަބުން ޑޮލަރު އަގު މިވަނީ އަތް ނުފޯރާ ވަރަށް މައްޗަށް ގޮސްފައި. މިއަދު މިވަނީ ބޭސްފަރުވާ އަށް ދާންޖެހޭ މީހުން ޑޮލަރު ނުލިބިގެން ސަލާންޖަހަން ދާންޖެހިފައި. ސަލާންޖެހުން ނައްތާލާނަމޭ ބުނާ ބަޔަކު އައުމަށްފަހުގައި މި ޖެހުނީ ހަގީގަތުގައި ކުރިއަށް ވުރެއް ވެސް ބޮޑަށް ސަލާންޖަހަން،" އެމަނިކުފާނު ވިދާޅުވި އެވެ.
ސިޔާމު ވިދާޅުވީ ތަޖްރިބާ ނެތްބަޔަކު ވެރިކަމަށް އައިސްފި ނަމަ ރަނގަޅު ގޮތުގައި ޒުވާނުންނަށް މުއްސަނދިކަން ހޯދައިނުދެވި، ފަގީރުވެގެން ދާނެ ކަމަށެވެ. ސިޔާމު ވިދާޅުވީ ޕީޕީއެމް އެމްޑީއޭ އަދި ކޯލިޝަން ގުޅިގެން އުފައްދާ ސަރުކާރެއްގައި ކޮންމެ ޒުވާނަކަށް ވެސް މިލިއަނަރަކަށް ނުވަތަ ބިލިއަނަރަކަށް ވެވިދާނެ ކަމަށެވެ. ސިޔާމު ވިދާޅުވީ ރާއްޖޭގައި ހަދާފައިވާ ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން މަސައްކަތް ކުރުމަށް ހުރިހާ ޒުވާނުންނަށް އެމަނިކުފާނު ގޮވާލައްވާ ކަމަށެވެ.
"ޕީޕީއެމުގެ ފަސް އަހަރުގެ ސަރުކާރެއްގައި ޒުވާނުންގެ ތެރެއިން 20 މިލިއަނަރުން ހަމަޖައްސައިދޭނަން، އޭގެ ތެރޭގައި އަލަށް އުފެދޭ ކުންފުނިތަކުށް މަސައްކަތްކުރެވޭނެ ގޮތްތައް ހަމަޖައްސައިދޭނަން. އޭގެ ތެރޭގައި ވިޔަފާރީގައި މަސައްކަތްކުރަން ބޭނުންވާ ޒުވާނުންނަށް އޭގެ ފުރިހަމަ ތަމްރީންތައް އަޅުނގަޑުމެން ދޭނަން. އަދި އެކަމަށް ބޭނުންވާ މާލީ އެހީތެރިކަން ރާއްޖޭން ބޭރުގެ ބޭންކުތަކުން ހަމަޖައްސައިދޭނަން،" ސިޔާމު ވިދާޅުވި އެވެ.
އެ ޖަލްސާގައި ސިޔާމް އިތުރަށް ވިދާޅުވީ ގިނަ ބަޔަކު އެކަތި ގަނޑެއްގެ ގޮތުގައި މަސައްކަތްފި ނަމަ އެބަޔަކު ގަދަ ވެގެންދާނެ ކަމަށާއި އިސްލާމް ދީނަށާއި ގައުމިއްޔަތަށް ހިދުމަތް ކޮށްދޭނެ ހުރިހާ ސިޔާސީ ޕާޓީއެއް މިހާރު ޕީޕީއެމާއި އެކީގައި ތިބި ކަމަށެވެ. އަދި އެ ގުޅުމުގައި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން ނާކާމިޔާބުވެ ވަޑައިގެންނެވި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގުޅުމަށް ވެސް ސިޔާމު ވަނީ އެދިވަޑައިގެންފަ އެވެ.