ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރަށް ޕީޕީއެމްއާ ގުޅިވަޑައިގެންނެވި ފަރާތްތަކުން ސަރުކާރު ހިންގުމުގެ ހިއްސާއަކަށް އެދިވަޑައިނުގަންނަވާ ކަމަށާއި ނަމަވެސް ޕީޕީއެމާ ގުޅިވަޑައިގަންނަވާ ހުރިހާ ފަރާތްތަކަށް، ވެރިކަން ލިބިވަޑައިގެންފި ނަމަ ސަރުކާރު ހިއްސާ ކުރައްވާނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.

ދެ ވަނަ ބުރަށް ޔާމީނަށް ތާއިދު ކުރަން ނިންމި ޕާޓީތަކުގެ އިސް ބޭފުޅުންނާ އެކު ކާނިވާ ސަރަހައްދުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ އެމަނިކުފާނަށް ތާއީދު ކުރައްވަން ނިންމެވި ފަރާތްތަކަކީ "ވަރަށް އިހްސާންތެރިކަމާއި އިހްލާސްތެރިކަމާއެކީ" ދިވެހި ގައުމު ހިމާޔަތް ކުރައްވަން ތާއިދު ކުރެއްވި ބޭފުޅުން ކަމަށެވެ. އަދި އެ ބޭފުޅުން ވަޑައިގެންނެވީ އެއްވެސް ކަހަލަ މާއްދީ އެދުމެއް ނެތި، އިސްލާމް ދީނުގެ ހައްގުގައި ކަމަށް ޔާމީން ވިދާޅުވި އެވެ.

"ވަރަށް އިހްސާންތެރިކަމާއެކީ ވަރަށް އިހްލާސްތެރިކަމާއެކީ، މި ޕާޓީތައް ވަޑައިގެން ދިވެހި ގައުމު ހިމާޔަތް ކުރަން، ﷲގެ ދީން ރައްކާތެރިކުރުމަށް ޓަކައި ދިވެހި ރާއްޖެ އިސްލާމީ ހިދާޔަތުގެ މަތީގައި ތިބުމަށްޓަކާ މިބޭފުޅުން އަޅުގަނޑުމެންނާ ގުޅިވަޑައިގަތީ. އެއްވެސް ކަހަލަ މާއްދީ އެދުމަށް މި ބޭފުޅުން ނެތި. ސަރުކާރުން ހިންގުމުގެ ތެރެއިން އެއްވެސް ހިއްސާއަކަށް މި ބޭފުޅުން ނާއައްސަވާ،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ "އަޅުގަނޑުމެންނަކީ ވަރަށް ދީލަތި ބައެއް" ކަމަށާއި ޕީޕީއެމްއާ ގުޅިވަޑައިގަންނަވާ ހުރިހާ ބޭފުޅުންނާ ސަރުކާރު ހިއްސާ ކުރައްވާނެ ކަމަށެވެ.

"އެކަމަކު އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ. އަޅުގަނޑުމެންނަކީ ދީލަތި ބައެކޭ، އަޅުގަނޑުމެން ނިންމައިފިން ޕީޕީއެމާ ގުޅިވަޑައިގަންނަވާ ހުރިހާ ބޭފުޅުންނާ އަޅުގަނޑުމެންގެ ސަރުކާރު ހިއްސާ ކުރާނަން،" އެންމެން ގުޅިގެން ނިންމައިފިން މި ނަމުގައި މިރޭ ކާނިވަލުގައި ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން ރޭހުން ތިންވަނަ ލިބިވަޑައިގެންނެވި، ގާސިމަކީ ރާއްޖޭގައި ހުރި "އެންމެ ފުންނާބު އުސް ސިޔާސީ ޝަހައްސިއްޔަތު" ކަމަށް ޔާމީން މިރޭ ވިދާޅުވި އެވެ. އަދި ޔާމީން ވިދާޅުވީ އެމަނިކުފާނު ވެސް ޕީޕީއެމްއާ އެކު ޕާޓީތަކުން ކުރާ މަސައްކަތުގައި ބައިވެރިވެވަޑައިގަތުމަކީ މިވަގުތު ލިބޭނެ "އެންމެ ބޮޑު އުފާ" ކަމަށެވެ.

ރައީސް ނަޝީދުގެ ސަރުކާރުގައި ރާއްޖޭގެ ދަރަނި އިންތިހާއަށް އުފުލިގެން ދިއުމުން އެކަމާ ކަންބޮޑުވެވަޑައިގެން، ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ޔާމިން ވާހަކަފުޅު ދެއްކެވި އެވެ. ޔާމީން ވިދާޅުވީ ދައުލަތުގެ ދަރަނި މިހާރު 35 ބިލިއަން ރުފިޔާ އަށް އަރައި ކޮންމެ މީހެއްގެ ބޮލަށް ޖެހޭ ދަރަނި 180،000ރ. އަރާފައިވާ ކަމަށެވެ.

"ތިން އަހަރު ނިމިގެންދިޔަ އިރު، އަޅުގަނޑުމެން ކޮންމެ މީހެއްގެ ބޮލެއްގެ މައްޗަށް އަލަން އުފަންވާ ކޮންމެ ތުއްތު ކުއްޖެއްގެ ބޮލަކަށް ދަރަނީގެ ގޮތުގައި 180،000ރ. އެބަޖެހޭ. ކޮބައިތޯ އެ މައުސޫމް ކުއްޖާގެ ހައްގަކީ. ވެރިކަމުން ވަކިވެވަޑައިގެންނެވި ރައީސަކު ދެއްވި ހަދިޔާއަކީ އެ ދަރަނި އަޅުގަނޑުމެންގެ ބޮލުގައި އެޅުވުން. މުޅި ރާއްޖޭގެ ދަރަންޏަށް ބަލައިފިއްޔާ 35،000،000،000ރ. ބޮޑު ދަރަނި ދޫކުރައްވާފައި ވެރިކަމުން ވަޑައިގެންނެވީ،" ޔާމީން ވިދާޅުވި އެވެ.

ޔާމިންގެ މިރޭގެ ވާހަކަފުޅުގައި އެމްޑީޕީގެ މެނިފެސްޓޯ އަށް ފާޑުވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ޕީޕީއެމް މެނިފެސްޓޯގައިވާ ގޮތަށް ޓްރާސްޝިޕްމަންޓް ބަނދަރަކާއި ފަސިންޖާ ޓާމިނަލަކާއި ތެޔު ނެގުމާއި އިގްތިސާދީ ނާރެސްތަކެއް ރާއްޖޭގެ ހަތަރު ދިމާލެއްގައި ގާއިމް ކުރެވިއްޖެ ނަމަ އަތޮޅު ތެރެ ތަރައްގީވެގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެން ވިސްނާފައި މިވާ ބިޔަ މަޝްރޫއުތައް ކާމިޔާބުވެއްޖެ ނަމަ، އަޅުގަނޑުގެންގެ ބޮލަކަށް މިޖެހޭ ގައުމީ މުއްސަނދިކަން 6500 ޑޮލަރު، އަޅުގަނޑުމެން ފަސް އަހަރު ނިމިގެންދާ އިރު، ތިޔަ ބޭފުޅުންނަށް ހަދިޔާ ކުރާނަމޭ 12،000 ޑޮލަރުގެ އާންދަނީއަކަށް،" ޔާމީން ވިދާޅުވި އެވެ.

ރައީސް މުހައްމަދު ނަޝީދަށް ނިސްބަތް ކުރައްވައި ޔާމީން ވިދާޅުވީ ޕީޕީއެމްގެ މެނިފެސްޓޯގައިވާ ކަންތައްތަކަށް އެމަނިކުފާނު ވެސް ރުޖޫއަ ވެވަޑައިގަންނަވަން ޖެހޭ ކަމަށާއި އެފަދަ ކަމަށް ރުޖޫއަވާން "މިއީކީ ފަހު ވަގުތެއް ނޫން" ކަމަށެވެ.