04 Dec 2010, 11:36
އެފްރިކާގައި މަލަބޯގެ ބާޓާގައި އިންޖީނު ހަލާކުވެފައިވާ އޮތް މޯލްޑިވްސް ނެޝަނަލް ޝިޕިން ލިމިޓެޑް [އެމްއެންއެސްއެލް]ގެ ބޯޓް 2.6 މިލިއަން ޑޮލަރަށް[ ރަސްމީ ރޭޓުން 33.41 މިލިއަން ރުފިޔާ] ވިއްކާލުމަށް ނިންމައިފި އެވެ.
އެމްއެންއެސްއެލްގެ ޗެއާމަން ސެންކޯ މުހަންމަދު ޝަރީފު މިއަދު ވިދާޅުވީ އެފްރިކާގެ ބަނދަރެއްގައި އޮތް އެ ކުންފުނީގެ 10،000 ޓަނުގެ ބޯޓު "މޯލްޑިވްސް އެންޓާޕްރައިޒަސް" ވިއްކާލުމަށް ބަޔާކާ ވާހަކަ ދައްކަމުން އަންނަ ކަމަށާއި ނަމަވެސް އަދި އެއްބަސްވުމަކަށް އާދެވިފައި ނުވާ ކަމަށެވެ.
ބޯޓް ވިއްކާލުމަށް ވާހަކަ ދައްކަނީ ކޮންބަޔަކާ އެކު ކަމެއް ވެސް އޭނާ ވިދާޅެއް ނުވި އެވެ.
މިދިޔަ ސެޕްޓެމްބަރު 14 ވަނަ ދުވަހު އެފްރިކާގައި ހާލުގައި ޖެހުނު ދިވެހި ބޯޓް މަލަބޯގެ ބާޓާގެ ބަނދަރުގައި އޮންނަ ކޮންމެ ދުވަހަކަށް ބައިލައްކަ ރުފިޔާ ހަރަދުވާ އިރު، އެ ބޯޓްގެ އިންޖީނު ހެދުމަށް އެމްއެންއެސްއެލް އިން ކުރަމުންދާ މަސައްކަތް އަދި މިހާތަނަށް ކާމިޔާބު ވެފައި ނުވާ ކަމަށް ޝަރީފު ވިދާޅުވި އެވެ. އެނާ ވިދާޅުވީ އެ ބޯޓްގެ އިންޖީނު ހެދުމަށް ބޭނުންވާ ސަމާނު މަލަބާގެ ކަސްޓަމްސް މެދުވެރިކޮށް ބޯޓަށް ފޮނުވުމަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ އެ ބޯޓް ވިއްކާލާނީ ބޯޓްގެ އިންޖީނު މަރާމާތު ކުރުމަށް ފަހު، އެފްރިކާގެ ކޭޕް ޓައުނަށް ބައެއް ފަޅުވެރިން ބޭލުމަށް ފަހު، އިންޑިއާ އަށް އައުމަށް ފަހު ކަމަށެވެ.
އެ ކުންފުނީގެ ޑިރެކްޓާ ޖެނަރަލް ހަސަން މަނިކު މިއަދު ވިދާޅުވީ އެ ބޯޓުގައި ކުރިއަށް އޮތް ހަފްތާ އަށް ވާވަރަށް ބޭނުންވާނެ ކާބޯތަކެތި ހުންނާނެ ކަމަށާއި އަދި މިހާރު އެ ބޯޓަށް ތަރުކާރީ އާއި މޭވާ ފޮނުވުމުގެ މަސައްކަތް އެ ކުންފުނީގެ އެޖެންޓް މެދުވެރިކޮށް ކުރަމުން އަންނަ ކަމަށެވެ.
އެ ބޯޓްގައި ތިބި 19 ދިވެހި ފަޅުވެރިންގެ ތެރެއިން ފަސް މީހަކަށް މެލޭރިއާ ޖެހި، އެކެއްގެ ހާލު ގޯސްވެ ބާޓާގެ ހޮސްޕިޓަލުން ފަރުވާދިނުމަށް ފަހު އޭނާ ވަނީ ދޫކޮށްލައިފަ އެވެ. އަދި ބޯޓްގެ ފަޅުވެރިންނަށް ސިއްހީ ހިދުމަށް ފޯރުކޮށްދޭނެ ނިޒާމެއް ބޯޓުގައި ގާއިމުކޮށްފައި ހުންނާނެ ކަމަށް ހަސަން މަނިކު ވިދާޅުވި އެވެ.
ނަމަވެސް އެ ބޯޓްގެ ފަޅުވެރިން ސަން އޮންލައިނަށް މައުލޫމާތު ދިން ގޮތުގައި އެ މީހުންނަށް އެކަށީގެންވާ ވަރަށް ކާންބޯން ނުލިބޭ ކަމަށާއި އެ މީހުން ކައިބޮއި ހަދަނީ މަސްބާނައިގެން ލިބޭ މަހާއި ބޯޓްގައި ހުރި ހަލާކުވެފައިވާ ހަނޑުލުން ކަމަށެވެ.
ނަމަވެސް ފަޅުވެރިންގެ ޝަކުވާތައް ދޮގުކޮށް ހަސަން މަނިކު ވިދާޅުވީ އެ ބޯޓްގައި ކާބޯތަކެތި ހުންނާނެ ކަމަށާއި އެ މީހުން އެ އުޅެނީ "މޭބިސް ކަދުރާއި އަފަލް" ނުކެވިގެން ކަމަށެވެ.
ބޯޓުން ދެ މީހަކު ރާއްޖެ ގެންނަން ނިންމާފައިވާ ކަމަށް ވިދާޅުވެ، ޗެއާމަން ޝަރީފު ވިދާޅުވީ އޭގެ ތެރޭގައި އޭނާގެ ދަރިފުޅު ޝަންމޫން ޝަރީފު ހިމެނޭ ކަމަށާއި އޭނާ ރާއްޖެ ގެނައުމުގެ ކުރިން ސިއްހީ ހާލަތު ހުރި ގޮތުން ސްރީލަންކާ އިން ސިއްހީ ފަރުވާ ހޯދާނެ ކަމަށެވެ.
އެފްރިކާގެ މަލަބޯގެ ބާޓާގައި އެ ބޯޓް އޮންނަތާ ތިން މަސްވެފައިވާ އިރު އެ ބަނދަރުގައި ބާއްވާފައި އޮންނަ ކޮންމެ ދުވަހަކަށް ބައިލަންކަ ރުފިޔާ ހަރަދުވެ އެވެ. އަދި މިހާތަނަށް 3.5 މިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށް އެމްއެންއެސްއެލްއިން ބުނެ އެވެ.