ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޕީޕީއެމް އަށް ތާއިދުކުރަން ނިންމާފައިވާ ގައުމީ ޕާޓީގެ ކައުންސިލްގެ ބައެއް މެންބަރުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއިދުކުރަން ނިންމައިފި އެވެ.

މިރޭ މޫކާއީ ހޮޓެލްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދަށް ތާއިދުކުރައްވާކަން އިއުލާން ކުރައްވާފައިވާ ގައުމީ ޕާޓީގެ ކައުންސިލް މެންބަރުންނަކީ ޑެޕިއުޓީ ޓޫރިޒަމް މިނިސްޓަރު އަނީލް އާދަމާއި ކައުންސިލް މެންބަރު ޔާސިރު ވަސީމެވެ.

ފައިނޭންސް މިނިސްޓަރުގެ ނައިބު މުހައްމަދު ލަތީފް ވިދާޅުވީ ރައީސް ނަޝީދަށް ތާއިދު ކުރެއްވުމަށް ނިންމެވީ ގައުމަށް އެންމެ ފައިދާ ކުރާ ސިޔާސަތެއް ގެންގުޅުއްވާ ބޭފުޅަކީ ނަޝީދު ކަމަށް ގަބޫލުކުރެއްވޭތީ ކަމަށެވެ.

"އަޅުގަނޑު ވެސް ގަބޫލުކުރަން އެމްޑީޕީގެ އިގުތިސާދުގެ ހުރި ބައެއް ކަންކަން ތަންފީޒް ކުރެވިއްޖެ ނަމަ ކުރިއެރުމާއި ތަރައްގީ ލިބޭނެ." އޭނާ ވިދާޅުވި އެވެ.

ގައުމީ ޕާޓީގެ ވަގުތީ ރައީސް ރިޔާޒު ރަޝީދު ރޭ ވިދާޅުވީ އެ ބައްދަލު ކުރެއްވުމުގައި ތިއްބެވި ހުރިހާ ބޭފުޅުންނަކީ ގައުމީ ޕާޓީގެ ކައުންސިލް މެންބަރުން ނޫން ކަމަށެވެ. އެ ޕާޓީގެ ކައުންސިލް މެންބަރުންނަކީ، އެ ބައްދަލުވުމަށް ވަޑައިގަތް ބޭފުޅުންގެ ތެރެއިން އަނިލް އާއި ޔާސިރު އެކަނި ކަމަށެވެ.