12 Nov 2013, 23:19
އދ.ގެ ހިއުމަންރައިޓްސް ކައުންސިލްގެ ގޮނޑި ދެ ވަނަ ފަހަރަށް ރާއްޖެ މިރޭ ކާމިޔާބުކޮށްފި އެވެ.
ފޮރިން މިނިސްޓްރީގެ އޮފިޝަލަކު މިރޭ ސަން އަށް ވިދާޅުވީ އދ. މައިމަރުކަޒު، އެމެރިކާގެ ނިއުޔޯކްގައި މިރޭ ނެގި ވޯޓްގައި 47 މެންބަރު ގައުމުގެ މައްޗަށް އެކުލެވޭ، ޖެނީވާގައި މައި މަރުކަޒު ހުންނަ ކައުންސިލްގައި ރާއްޖެ ދެ ވަނަ ފަހަރަށް ހިމެނުމަށް 164 ގައުމަކުން ވޯޓު ދިން ކަމަށެވެ.
ރާއްޖެ އާ އެކު އޭޝިޔާ ގްރޫޕުން އެ ކައުންސިލަށް މިރޭ އަލަށް ހޮވުނު މެންބަރުންނަކީ ޗައިނާ އާއި ސައުދީ އެރެބިޔާ އާއި ވިއެޓްނާމެވެ.
ފޮރިން މިނިސްޓްރީގެ އޮފިޝަލް ވިދާޅުވީ ރާއްޖެ އިން މިފަހަރު ގޮނޑި ހޯދުމަށް ކެމްޕޭން ކުރީ ކެޕޭސިޓީ އުފެއްދުމުގެ މުހިންމު ކަމަށާއި ހިއުމަންރައިޓްސް ކަލްޓިވޭޓް ކުރުމުގެ މުހިންމު ކަމުގެ މައްޗަށް ކަމަށެވެ.
ރޮޓޭޓްވާ ގޮތަށް އިންތިހާބު ކުރާ ކައުންސިލަށް މިރޭ 14 ގައުމެއް އިންތިހާބު ކުރި އެވެ. ރާއްޖެ އެ ކައުންސިލަށް ދެ ވަނަ ފަހަރަށް އިންތިހާބު ކުރީ 2014 އިން 2016ގެ ނިޔަލަށެވެ.