ގައުމީ ޕާޓީގެ ރައީސް ކަމަށް އެޕާޓީގެ ނައިބް ރައީސް އަދި ރައްޔިތުން މަޖިލީހުގެ ވިލިފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު އައްޔަންކޮށްފި އެވެ.

ގައުމީ ޕާޓީގެ ރައީސް ރިޔާޒު މިއަދު އައްޔަންކޮށްފައި ވަނީ ކުރިއަށް އޮތް ކޮންގްރެސްއާ ހަމަ އަށް ރައީސްއަކު ހުންނަން ޖެހޭނެ ކަމަށް އެ ޕާޓީގެ ގަވާއިދުގައި ބުނެފައި ވާތީ، އެކަމަށް ބޭއްވި ކައުންސިލުން ބައްދަލުވުމެއްގައި ހާޒިރުވި ކައުންސިލް މެންބަރުންގެ އިއްތިފާގުން ކަމަށް އެ ޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ގައުމީ ޕާޓީގެ ރައީސް ކަމުގެ މަގާމު ހުސްވެފައި ވަނީ އެ ޕާޓީ އުފެއްދެވި ޑރ. ހަސަން ސައީދު އެ މާގާމުން މިދިޔަ އާދީއްތަ ދުވަހު އިސްތިއުފާ ދެއްވުމުންނެވެ. ހަސަން އިސްތިއުފާ ދެއްވުމަށް ފަހު އެ މަގާމު ވަގުތީ ގޮތުން ފުރުއްވަމުން ގެންދެވީ އެ ޕާޓީގެ ނައީބް ރައީސް އިމާދު ސޯލިހެވެ.

ރިޔާޒު މިއަދު "ސަން" އަށް ވިދާޅުވީ އެ ޕާޓީގެ ރައީސް ކަމުން ހަސަން ސައީދު އިސްތިއުފާދެއްވުމަކީ އެޕާޓީ އަށް ލިބުނު އުނި ކަމެއް ނަމަވެސް އެކަމަކީ ޕާޓީ ވުޖޫދުން ގެއްލިގެންދާވީ ސަބަބެއް ނޫން ކަމަށެވެ. އަދި ސިޔާސީ ގޮތުން ބަލާއިރު އެންމެ މުހިއްމު އެންމެ ގިނަ މަސައްކަތްތަކެއް ކޮށްފައި އޮންނާނީ ގައުމީ ޕާޓީ ކަމަށް ވިދާޅުވެ ރިޔާޒު ވިދާޅުވީ އެ ގޮތުގައި ގައުމީ ޕާޓީ އަބަދު ވެސް ދެމި އޮންނާނެ ކަމަށެވެ.

ރިޔާޒު ވިދާޅުވީ ރިޔާސީ ދެވަނަ ބުރުގައި ޕީޕީއެމަށް ތާއީދުކުރަން ގައުމީ ޕާޓީން ނިންމަވާފައި ވާތީ އެޕާޓީ އަށް ރިޔާސީ އިންތިހާބު ކާމިޔާބު ކޮށްދިނުމަށް އެޕާޓީން ކޮށްދެވެން އޮތް ކަމެއް ކޮށްދެއްވާނެ ކަމަށެވެ. އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ގައުމީ ޕާޓީން ވަނީ ޕީޕީއެމުގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީނަށް ތާއިދުކުރަން ވެސް ނިންމައިފަ އެވެ.