މަލާލާ ޔޫސަފްޒައީ އަކީ ޕާކިސްތާނުގެ އުމުރުން 16 އަހަރުގެ އަންހެން ކުއްޖެކެވެ. ދެ ހާސް ބާރަ ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 12 ވަނަ ދުވަހު، ޕާކިސްތާނުގެ ސްވާތު ވާދީގައި އޮންނަ މިންގޯރާ އެވެ ކިޔުނު އަވަށުގައި، ތަޙްރީކެ ޠާލިބާން ޖަމާއަތުގެ ހަނގުރާމަވެރިއެއް ކަމަށް ބުނެވޭ ކާކުކަން ނޭނގޭ މީހަކު،މަލާލާގެ ބޮލަށް ބަޑި ޖަހައި، ފުރާނަ އަށް ނުރައްކާ ވާ މިންވަރަށް އޭނާ ޒަޚަމް ކޮށްލި އެވެ.

ނަބީލާ ރަޙްމާނަކީ ވެސް ޕާކިސްތާނުގެ އަންހެން ކުއްޖެކެވެ. ޢުމުރުން 9 އަހަރުގެ އަންހެން ކުއްޖެކެވެ. ވަޒީރިސްތާނުގެ ޤަބީލާ ސަރަހައްދުގައި އޮންނަ ގުންޑީ ކާލާ އަވަށަށް ނިސްބަތް ވާ ކުއްޖެކެވެ. އޮކްޓޯބަރު، 24، 2012 މި ދުވަހު، އެމެރިކާގެ ޑްރޯންތަކުން ދިން ހަމަލާތަކުގައި ނަބީލާ ވަރަށް ބޮޑަށް ޒަޚަމްވި އެވެ. ޒަޚަމް ވެފައި އޮތް ކުޑަކުޑަ ނަބީލާގެ ހަށިގަނޑަށް ލިބުނު ޒަޚަމްތަކަށް ވުރެ ބޮޑު ވޭނެއް އެ ދުވަހު ލިބުނީ އޭނާގެ ހިތަށެވެ. ނަބީލާގެ ލޯބިވާ މާމަގެ ހަށިގަނޑަށް ޑްރޯން "ހެލްފަޔަރ" މިސައިލުގެ ދެ މިސައިލް އަރައި، މާމަގެ ހަށިގަނޑު ޗިސްޗިސް ވެގެންދިޔުމާ ގުޅިގެންނެވެ. އެ މާމައަކީ ނަބީލާ އެންމެ ތުއްތު އިރުއްސުރެ، ނަބީލާ ގެންގުޅުނު މާމަ އެވެ. ލޯބިން އޭނާ އުރައި، އޭނާއާ އެކު ކުޅެ، މަޖާކޮށް، އޭނާއަށް ކިޔަވައިދީ، ވާހަކަ ކިޔައިދީ ހެދި މާމައެވެ. ކޮންމެ ދުވަހަކު ވެސް ލޯބިން އޭނާގެ މޫނުގައި ބޮސް ދީ، ހިނިތުންވުމާއި ހުނުންތަކާ އެކު އޭނާގެ ދުނިޔެ އުފަލުން ފުރައިލައިދިން މާމައެވެ.

http://www.sun.mv/albums/l_21174.jpg

އުމުރުން 68 އަހަރުގެ މޫމިނާ ބީބީ އެ ދުވަހު ހުރީ އޭނާގެ މާމަ ދަރީންނާ އެކު، އެމީހުންގެ ކުޑަކުޑަ ޖިފުޓީގެ ކައިރީގައި އޮންނަ އާއިލީ ދަނޑުބިމުގައެވެ. ބާމިޔާ ބިންނާނޭ ގޮތް ކުދީންނަށް ދަސް ކޮށްދޭށެވެ. އެ ވަގުތު އިވޭން ފެށީ އެމެރިކާގެ ސެންޓްރަލް އިންޓެލިޖެންސް އޭޖެންސީ (ސީއައިއޭ) އިން ކޮންމެ ދުވަހަކު ވެސް އެ ސަރަހައްދުގައި އުދުއްސާ ޑްރޯންތަކުގެ ބޫން އަޑެވެ. ޑްރޯންތަކުގެ މިސައިލްތައް ވައި ކަފައިފައި އެ ދިމާޔަށް ފައިބާން ފެށީ އެ އަޑު އިވޭން ފެށިތާ މާކަ ގިނަ އިރެއް ނުވެއެވެ. ކުއްލި ބިރުވެރިކަމެއްގެ ތެރޭގައި، މޫމިނާ ބީބީއަށް ބެލުނީ ކައިރީގައި އުޅެއުޅެ ތިބި ކުދީންކޮޅު ކޮބައިތޯއެވެ. އެ ވަގުތަކީ މިސައިލްތައް އޮހެން ފެށުމުން، ނަބީލާ ވެސް ބިރުން އޭނާގެ މާމައާ ދިމާޔަށް ދުއްވައިގަތް ވަގުތެވެ. ނަމަވެސް ދެވަނަ ހިނދުކޮޅުގައި، މޫމިނާ ބީބީގެ ގަޔަށް ދެ މިސައިލް އެރިއެވެ. އެ ދެ މިސައިލް ގޮވުމާ އެކު، މޫމިނާގެ މުސްކުޅި ހަށިގަނޑު ވެސް ޗިސްޗިސް ވެ ބުރަބުރައިގެން ދިޔައެވެ.

މޫމިނާ ބީބީގެ ގަޔަށް އަރައި، ގޮވި ދެ މިސައިލުގެ ސަބަބުން ނަބީލާއަށް ވެސް ވަރަށް ބޮޑަށް އަނިޔާ ލިބުނެވެ. އޭނާގެ ގައިން އެތައް ތަނެއް ވަރަށް ބޮޑަށް ފިހުނެވެ. ގައިގެ އެތަން މިތަނަށް މިސައިލުގެ މައުދަނީ އެތިކޮޅުތައް ހެރުނެވެ. އޭނާގެ ބޭބެ، އުމުރުން ތޭރަ އަހަރުގެ ޒުބައިރު ރަޙްމާން ވެސް ވަރަށް ބޮޑަށް ޒަޚަމް ވިއެވެ. އެ ދެ ކުދީންގެ ހަނގު ކޮއްކޮ، އުމުރުން ހަތް އަހަރުގެ އަސްމާ ރަޙްމާނަށް ލިބުނު އަނިޔާތަކުގެ ސަބަބުން އޭނާގެ ކަންފަތް ވަނީ ބައް ވެ ވަރަށް ބޮޑަށް ބީރު ވެފައެވެ. ދެން ހުރި، އުމުރުން ހަތް އަހަރުގެ ކޮއްކޮ އަސްމާ އާއި، އުމުރުން 5 އަހަރުގެ ކޮއްކޮ ނަޢީމާ އަށް ވެސް ވަރަށް ބޮޑަށް އަނިޔާ ވިއެވެ. އެކުދީންގެ އެންމެ ޅަ ކޮއްކޮ، އުމުރުން 3 އަހަރުގެ ސަފްދާރު އެއިރު އިނީ ދުރުގައި ހުރި ޖިފުޓީގެ ފުރާޅުމަތީގައެވެ. މިސައިލްތައް ގޮވުމުން އެރި ގުޑުމުގައި، އެ ކުއްޖާ ވިއްސައިގެން ގޮސް ބިންމައްޗަށް ޖެހުނީ ދިހަ ވަރަކަށް ފޫޓު ދުރަށެވެ. ޖެހުނު ގޮތަށް، އެ ކުއްޖާގެ މެއާއި އަރިކަށްޓާއި އަތާއި ފައިގެ އެތައް ކަށިގަނޑެއް ބިންދައިގެން ދިޔުމުގެ ސަބަބުން އަދިވެސް ވަނީ ހަސްފަތާލުގައި އެނދުމަތި ކުރެވިފައެވެ.

ތަފާތު ދެ ވާހަކައެއް

ޠާލިބާން ހަނގުރާމަވެރިއަކު ކަމަށް ބުނެވޭ މީހަކު މަލާލާ ޔޫސަފްޒައީގެ ބޮލަށް ބަޑި ޖެހި ހާދިސާ އާއި، ނަބީލާ ރަޙްމާން ޒަޚަމް ވެ، މިސައިލް ހަމަލާތަކަކުން އޭނާގެ މާމަ ޗިސްޗިސް ކޮށްލެވުނު ހާދިސާ ހިނގީ 14 ދުވަހުގެ ތެރޭގައެވެ. ދެ ހަފުތާގެ ކުރު މުއްދަތެއްގެ ފެށުމާއި ނިމުމުގައެވެ. ދެ ކުދީންނަކީ ވެސް ކުޑަކުދީންނެވެ. ދެ އަންހެން ކުދީންނެވެ. މައުސޫމު ދެ ކުދީންނެވެ.

ނަމަވެސް، ދެ ކުދީންގެ ވާހަކަ ލިޔެވެމުން މި ދަނީ ވަރަށް ތަފާތު ކޮށެވެ.

2012 ވަނަ އަހަރުގެ އޮކްޓޯބަރު މަސް ނިމުނު އިރު، މުޅި ދުނިޔެ މަލާލާ ޔޫސަފްޒައީ ދަނެއެވެ. މަލާލާއަށް ދެވުނު ހަމަލައާ ވިދިގެން، ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ ސިއްހީ ފަރުވާ އޭނާއަށް ދެވުނެވެ. ޕާކިސްތާނުގެ ރާވަލްޕިންޑީގެ އަސްކަރީ ހަސްފަތާލެއްގައި ފަރުވާ ދިނުމަށް ފަހު، މަލާލާ ގެންދެވުނީ އިނގިރޭސި ވިލާތުގެ ބާރމިންގހަމްގައި ހުންނަ ކުއީން އެލިޒަބަތު ހަސްފަތާލަށެވެ. މަލާލާގެ ވާހަކަ ވަނީ އިނގިރޭސި ވިލާތުގެ މަޝްހޫރު ނޫސްވެރިޔާ ކްރިސްޓީނާ ލޭމްބްގެ ގަލަމުން ލިޔެފައި ވާ 276 ސަފުހާގެ ފޮތެއްގެ ސިފައިގައި ޝާއިއު ކޮށް، ދުނިޔޭގެ ހަތަރު ބިތަށް އާއްމު ކޮށްފައެވެ. ހޮލީވުޑްގެ ފިލްމު ކުޅޭ އަންހެނެއް ކަމަށް ވާ މެޑޯނާ ގެންދަނީ އޭނާގެ ބުރަކަށީގައި "މަލާލާ" މި ނަން ޓެޓޫއެއްގެ ގޮތުގައި ލިޔެ، އޭނާގެ މަޝްހޫރު އޮރިޔާންކަމުގެ ބޭނުން ކޮށްގެން އެ ނަން މާކެޓު ކުރަމުންނެވެ. ބައިނަލްއަޤުވާމީ ޝަޚުސިއްޔަތުތަކުގެ ތެރެއިން، އަލިފުދާލުގެ ސެކްރެޓަރީ ޖެނެރަލް ބާން ކީ މޫނާއި، އިނގިރޭސި ރާނީ އެލިޒަބަތު ދެވަނަ އާއި، އެމެރިކާގެ ރައީސް ބަރަކް އޮބާމާ އާއި، އިނގިރޭސި ބޮޑުވަޒީރު ގޯރޑަން ބްރައުނާއި، އެމެރިކާގެ ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް ހިލަރީ ކްލިންޓަންމަލާލާ އާއި ބައްދަލު ކުރެއްވިއެވެ. ހުޅަނގުގެ "ތަހުޒީބީ" ގައުމުތަކާއި އަލިފުދާލާއި ޔޫރަޕިއަން ޔުނިއަން ފަދަ ޖަމްޢިއްޔާތަކުގެ އެންމެ ޝާންދާރު މާލަންތަކުން، އެ ތަންތަނުގެ ރަތްދޫލަތައް މަތީން، އެ ތަންތަނުގެ ޕޯޑިއަމްތަކުން މަލާލާ އަށް ޖާގަ އާއި، ތަރުހީބާއި، ތައުރީފު ލިބުނެވެ. މަލާލާގެ ނަން ނޯބެލް ސުލްހައިގެ އިނާމަށް ވެސް ހުށަހެޅުނެވެ.

http://www.sun.mv/albums/l_21170.jpg

ނަމަވެސް ދުނިޔެއަކަށް ނަބީލާ ރަޙުމާނެއް ނޭނގެއެވެ. ނަބީލާއަށް ފަރުވާ ލިބުނީ އުތުރު ވަޒީރިސްތާނުގެ މީރާން ޝާހު ޝަހަރުގެ ހަސްފަތާލަކުންނެވެ. ސަރުކާރުން ހިންގާ، އާދައިގެ ތަނަކުންނެވެ. ޕިޝާވަރު ނުވަތަ އިސްލާމްއާބާދުގެ ރަނގަޅު ތަނަކުން ފަރުވާ ހޯދޭހައި ފައިސާ އޭނާގެ އާއިލާގެ "ތިޖޫރީގައި" ނެތުމުންނެވެ. އެ އާއިލާގެ އެތައް ކުދީންނަކަށް ލިބުނު އަނިޔާތަކަށް ފަރުވާ ކުރަން ފައިސާ ހޯދީ އާއިލާގެ ދަނޑުބިމުން ބައެއް ވިއްކައިލައިގެންނެވެ. ހުޅަނގުގެ ގައުމުތަކާއި ޖަމްޢިއްޔާތަކުގެ "ބޮޑުމީހުން" ނަބީލާއާ ބައްދަލު ކުރާ ހިތެއް ނުވިއެވެ. އެ ގައުމުތަކާއި ޖަމްޢިއްޔާތަކުގެ ރަން މާލަންތަކުގެ ތެރެއިން އެއްވެސް މާލަމެއްގައި ނަބީލާގެ ނަން ކިޔުނު އަޑެއް ނުއިވެއެވެ.

http://www.sun.mv/albums/l_21173.jpg

އެއީ ކީއްވެގެން ބާވައެވެ! މި ދެ ކުދީން މިހައި ބޮޑަށް ތަފާތު ކުރެވުނީ ކޮން ސަބަބަކާ ހުރެ ބާވައެވެ! ނަބީލާ އަކީ މަލާލާއަށް ވުރެ އިންސާނީވަންތަކަން ކުޑަ ކުއްޖަކީ ބާވައެވެ! އަޅިމުށި ކުލައިގެ ބޮޑުބޮޑު ދެ ލޮލާއި، މައުސޫމިއްޔަތުގެ މުޖައްސިމާއެއް ފަދަ ލޯބިލޯބި މޫނެއް ލިބިފައިވާ ކުޑަކުޑަ ނަބީލާ އަކީ ހަމްދަރުދީ އާއި ލޯތްބާއި އިންސާފާއި އަދުލުވެރިކަމުގެ ހިޔަލުން ބޭރުގައި ބަހައްޓާން ޖެހޭ ކުއްޖަކީ ބާވައެވެ! ނުވަތަ ހުޅަނގުގެ ޞަލީބީ ހަނގުރާމައިގައި އަނިޔާ ލިބޭ ކޮންމެ މުސްލިމް ކުޑަކުއްޖަކީ ވެސް ޓެރަރިސްޓަކަށް ވަނީ ބާވައެވެ!

އަންހެން ކުދީންގެ ތައުލީމަށް ޓަކައިތަ؟

ހުޅަނގުން މަލާލާ ޔޫސަފްޒައީ "މާކެޓު ކުރަމުން" ގެންދަނީ، އަންހެން ކުދީންގެ ތަޢުލީމަށް ޓަކައި މަލާލާ ކުރާ މަސައްކަތް ފާހަގަ ކުރުމުގެ ގޮތުން ކަމަށް ބުނެއެވެ. މި މޭރުމުން، ހުޅަނގުގެ އެކިވަރުވަރުގެ މީހުން ވާހަކަތައް ދައްކަމުން ގެންދާ އިރު، އަޑު އަހާ މީހަކަށް ހީވާނީ އެއުރެން އުޅެނީ މުސްލިމް އަންހެން ކުދީންނަށް ނުކިޔެވޭތީ، އެ ކުދީން ޖާހިލުކަންމަތީ ތިބޭތީ، އެކަމާ ހިތްދަތި ވެ ދެރަވެގެން ހެންނެވެ. މިއީ ހަމަ ހަގީގަތުގައި ވެސް ކަން އޮތް ގޮތް ބާވައެވެ!

އެއްގޮތަކަށް ވެސް އެހެންނެއް ނޫނެވެ. މަލާލާ ޔޫސަފްޒައީ ނަގައި ހުޅަނގުގެ އެންމެ އުސް މަންސާތަކުގައި ބައިންދައިގެން އުޅުމުގެ މަޤްޞަދަކީ، ކިޔަވާ ހިތުން އުޅުނު އަންހެން ކުއްޖަކަށް ހުރަސް އަޅައި އެ ކުއްޖާ މަރައިލާން "އިސްލާމީ" ޠާލިބާނުންހިންގި ރަހުމު ކުޑަ ޖަރީމާއެއްގެ ވާހަކަ ދުނިޔެއަށް ފަތުރައިގެން، އިސްލާމް ދީނާ މެދު ދުނިޔޭގެ މީސްތަކުންގެ ހިތްތައް ކަޅު ކުރުމެވެ. ޠާލިބާނުން ކުރި ކަމަށް ބުނާ ޢަމަލެއްގެ ވާހަކަ ހަގީގަތް އޮޅޭ ފަދަ ގޮތަކަށް ދައްކައިގެން، އިސްލާމް ދީނަކީ އަންހެން ކުދީން ކިޔެވުމަށް ހުރަސް އަޅާ ދީނެއް ކަމުގެ ދޮގުވެރި ވިސްނުން ފެތުރުމެވެ. ހަމައެއާއެކު، ހުޅަނގަކީ އިސްލާމް ދީނުގެ "އަނިޔާވެރިކަމާއި، އަޅުވެތިކަމުން" އަންހެން ކުދީން ސަލާމަތް ކޮށް، އަންހެން ކުދީންގެ ތަޢުލީމަށް ހުރަސް އަޅާން އިސްލާމް ދީނާއި އެ ދީނުގެ އަހުލުވެރީން ކުރާ މަސައްކަތާ ދެކޮޅަށް ހަނގުރާމަ ކުރާ "ހެޔޮކަމުގެ ބާރެއް" ކަމުގެ ވިސްނުން ދުނިޔޭގެ މީސްތަކުންގެ ސިކުނޑިތަކަށް ވެއްދުމެވެ.

މަލާލާ ޔޫސަފްޒައީގެ ހަޔާތާ ބެހޭގޮތުން، އިނގިރޭސި ވިލާތުގެ ނޫސްވެރިޔާ ކްރިސްޓީނާ ލޭމްބް ލިޔެ ޝާއިޢު ކޮށްފައި ވާ "އައި އޭމް މަލާލާ" މި ފޮތުން ވެސް ހުޅަނގުގެ މަކުރޫހަ، މުޑުދާރު ނިޔަތް ފެނެއެވެ. އެ ފޮތުގައި ލިޔެފައި ވާ ލިޔުންތަކުގެ މައިގަނޑު އެއް ދަޢުވާ އަކީ، މަލާލާގެ ކިޔެވުމަށް ހުރަސް އެޅުމަށް ޓަކައި އޭނާއަށް ނުހަނު އަނިޔާވެރި ހަމަލާއެއް ދިން ޠާލިބާނުންނަކީ އިސްލާމީ ޝަރީޢަތުގެ އަމުރުތަކުގެ ދަށުން އެކަން ކުރި ބައެއް ކަން ދެއްކުމެވެ. އިސްލާމީ ޝަރީޢަތާ އެއްގޮތަށް ޠާލިބާނުން މަލާލާގެ ކިޔެވުމަށް ހުރަސް އެޅުމުން، އެކަމާ ދެކޮޅަށް ހިތްވަރާ އެކު ތެދު ވެ މަލާލާ ދެއްކި ސާބިތުކަމުގެ ވާހަކަ ކިޔައިދީގެން، އިސްލާމީ ޝަރީޢަތަކީ ބަރުބަރީ، ނާތަހުޒީބު، ތަޢުލީމާ ދެކޮޅު، އަދި އިންސާނީ ފުރާނަޔަށް ޙުރުމަތެއް ނުބަހައްޓާ "ކަލްޓެއް" ކަމުގެ ވިސްނުން ފެތުރުމެވެ. ހުޅަނގަކީ އިސްލާމީ ޝަރީޢަތުގެ "ވަކިތަކުގެ ދަށުން" މަލާލާ ފަދަ އަންހެން ކުދީން ސަލާމަތް ކުރުމަށް ޓަކައި އިންސާނީ ވާޖިބެއް އަދާ ކުރާ މަތިވެރި އުއްމަތެއްކަން ދެއްކުމެވެ.

ނަމަވެސް ތާރީޚުގެ ޙަޤީޤަތްތަކުން ބުނެދެނީ އެހެން ވާހަކައެކެވެ. ވޭއަތުވެދިޔަ ވިއްސަކަށް އަހަރުގެ ތާރީޚަށް ބަލައިލާ އިރު، ތަޙްރީކެ ޠާލިބާނުންގެ ސަބަބުން ތަޢުލީމުގެ ނިޢުމަތުން މަހުރޫމު ވި މުސްލިމް ކުދީންނަށް ވުރެ އެތައް ސަތޭކަ ގުނައެއް ގިނައީ، ހުޅަނގުގެ އަނިޔާވެރިކަމުގެ ނަތީޖާއެއްގެ ގޮތުން ތަޢުލީމުން މަޙުރޫމު ވެގެން ދިޔަ ކުދީންނެވެ. ޗެޗްނިޔާ އާއި، ބޮސްނިއާ އާއި، ޢިރާޤާއި، އަފްޣާނިސްތާނާއި، ލީބިޔާ އާއި، ލުބުނާނާއި، ފަލަސްޠީނު ފަދަ ޤައުމުތަކުގައި ޞަލީބީންނާއި ޞަހްޔޫނީން ހިންގަމުންދާ އަނިޔާވެރި ހަނގުރާމަތަކާއި، އެ ޤައުމުތަކާ ދެކޮޅަށް އަޅައިފައި ވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އެތައް މިލިއަން މުސްލިމް ކުދީން ވަނީ ތަޢުލީމުން މަޙުރޫމު ވެފައެވެ.

ނަބީލާ ރަޙްމާނުގެ ބޭބެ ޒުބައިރު ރަޙްމާން، މިދިޔަ އޮކްޓޯބަރު މަހުގެ 29 ވަނަ ދުވަހު އެމެރިކާގެ ކޮންގްރެސްގެ 5 މެންބަރުންނާ މުޚާޠަބުކޮށް ދެއްކި ވާހަކަތަކުން ވެސް، މުސްލިމް ކުދީންގެ ކިޔެވުމަށް ހުރަސް އަޅަނީ ކޮން ބައެއްކަން އެނގެއެވެ. "ޑްރޯންތައް އެނބުރި އައުމާ އެކު ބިރުވެރިކަން ވެރިވެގެން ދޭ. މިހާރު ކުދީން ކުޅެން ނުކުމެ އުޅެނީ ވެސް ވަރަށް މަދުން. ކުދީން ސްކޫލަކަށް ނުދޭ. ޑްރޯންތައް އުދުހިއުދުހި ތިބޭ އިރަކު ނުއެއް ކިޔެވޭ." މިއީ 13 އަހަރުގެ ކުޑަ ފިރިހެން ކުއްޖެއްގެ ހެކި ބަހެވެ. މިއީ ސިޔާސީ މުނާފިގުކަމެއް، މީޑިއާގެ ފޮނިތޮށިކާފޫރުތޮޅި ލެވުމެއް ނެތި، މައުސޫމު ކުޑަކުއްޖެއްގެ ދުލުން ދީފައި ވާ ހެކިބަހެވެ.

http://www.sun.mv/albums/l_21171.jpg

އެމެރިކާ ބުނާ ގޮތުގައި މަލާލާ އަކީ ޠާލިބާނުންގެ އަނިޔާވެރި ހަމަލާއެއްގެ ޝިކާރައަށް ވީ ކުއްޖެކެވެ. މަލާލާއަށް ޙަމަލާ ދިނީ ކޮންމެ ބަޔަކު ކަމަށް ވިޔަސް، ހުޅަނގުގެ ގައުމުތަކުން މަލާލާ ބޭނުން ކުރަމުން ގެންދަނީ އެމީހުންގެ އަނިޔާވެރި ހަނގުރާމައަށް ބަހަނާއެއް ދެއްކުމުގެ ގޮތުންނެވެ. އެ ހަނގުރާމައަކީ ހެޔޮ މަގުގައި، ކުޑަކުދީންތަކަކަށް ހެޔޮ ގޮތްތައް ހޯދައިދޭން ކުރާ ހަނގުރާމައެއް ކަމުގެ ދޮގުވެރި ޕްރޮޕެގެންޑާ ފެތުރުމަށް ޓަކައެވެ. ޢިރާޤާއި އަފްޣާނިސްތާނު ފަދަ މުސްލިމް ޤައުމުތަކުގައި އެމެރިކާ އާއި ޔޫރަޕުގެ ސިފައިން ދަންމަމުން ދާ ލޭ ކޯރުތަކަކީ މަލާލާ ފަދަ ކުދީންގެ ހައްގުގައި ދަންމާ ލޭކޯރުތަކެއް ކަމަށް ދެއްކުމުގެ މަކަރުވެރި މަގުސަދުގައެވެ. ޕާކިސްތާނު ފަދަ ޤައުމުތަކުގެ އަންހެން ކުދީން ތަޢުލީމުން މަޙުރޫމު ވަނީ އިސްލާމީ ޝަރީޢަތް ތަންފީޛު ކުރުމުގެ ސަބަބުން، އިސްލާމީ ޝަރީޢަތަށް ބޯލަނބާ ބައެއްގެ ސަބަބުން ކަމުގެ ދޮގުވެރި، މަކަރުވެރި، ޙަޤީޤަތާ ޚިލާފު ޕްރޮޕެގެންޑާ ފެތުރުމަށް ޓަކައެވެ.

ޑިމޮކްރަސީ އާއި ހައްގުގެ ބިމުގައި

ނަބީލާ ރަޙްމާނުގެ ބައްޕަ ރަފީޤް ރަޙްމާނަކީ ގުންޑީ ކާލާގެ އަސާސީ މަދަރުސާއެއްގައި މަސައްކަތް ކުރާ މުދައްރިސެކެވެ. އެމެރިކާގެ ޑްރޯން ހަމަލައެއްގައި އޭނާގެ މަންމަ ޗިސްޗިސް ކޮށްލައި، ދަރީންކޮޅު ގާތްގަނޑަކަށް ޝަހީދު ކޮށްލީ، ކައިރީގައި އޮންނަ އަވަށެއްގައި ހުރި މިސްކިތަކުން ޢަޞުރު ނަމާދު ކޮށްގެން، ގެއަށް އައުމުގެ މަގުމަތީގައި ހުއްޓައެވެ. ރަފީޤަކީ އެމެރިކާގެ އަނިޔާވެރިކަމުގެ ރަހަ ދެކޭން ޖެހިފައި ވާ އެތައް މިލިއަން މުސްލިމް ދަރީންނާއި ބަފައިންގެ ތެރެއިން އެކެކެވެ. ނަމަވެސް އެ އެންމެންގެ ތެރެއިން އޭނާ ޚާއްސަ ވާ ސަބަބަކީ، ލިބުނު އަނިޔާގެ ޝަކުވާ ހިފައިގެން، އަނިޔާ ކުރި މީހުންގެ ގާތަށް ދާން އޭނާ ނިންމި ނިންމުމެވެ.
http://www.sun.mv/albums/l_21172.jpg
އެމެރިކާގެ ކޮންގްރެސްގެ ހައުސް އޮފް ރެޕްރެޒެންޓެޓިވަށް ޙާޟިރު ވެ، ޝަކުވާ އުފުލުމުގެ ފުރުޞަތު ރަފީޤު ރަޙްމާނަށް ލިބުނީ، ޕާކިސްތާނުގެ ޤާނޫނީ ވަކީލެއް ކަމަށް ވާ ޝަހްޒާދް އަކްބަރުގެ އެތައް މަސައްކަތަކުންނެވެ. ރަފީޤަކީ ޕާކިސްތާނުގައި އިންސާނީ ޙައްޤުތަކަށް ޓަކައި މަސައްކަތް ކުރާ ޖަމްޢިއްޔާ "ފައުންޑޭޝަން ފޯރ ފަންޑަމެންޓަލް ރައިޓްސް" ގެ ޑިރެކްޓަރެވެ. އެމެރިކާގެ ޑްރޯން ޙަމަލާތަކުގައި އަނިޔާ ލިބިފައި ވާ ރައްޔިތުންގެ ޙައްޤުތައް ހޯދައިދިނުމުގެ މަސައްކަތަށް ޚާއްސަ ވެގެން އޭނަ އުޅުއްވާތާ މިހާރު ވަނީ އަހަރުތަކެއް ވެފައެވެ. ކޮންގްރެސްގެ ފްލޮރިޑާ މަންދޫބު އެލަން ގްރޭސަނަކީ، ވަރަށް ކުރީއްސުރެ ޝަހްޒާދް އަކްބަރުގެ ރަޙުމަތްތެރި ބޭފުޅެއް ކަމުން، އޭނާ މިކަމުގައި އެހީތެރިކަން ހޯއްދެވީ ގްރޭސަންގެ ފަރާތްޕުޅުންނެވެ. ޚުދު ގްރޭސަނަކީ ވެސް އެމެރިކާ ސަރުކާރުން ހިންގާ ހައްދުފަހަނައެޅި އަސްކަރީ ސިޔާސަތާ ދެކޮޅު ބޭފުޅެކެވެ. އެހެންކަމުން، ކޮންގްރެސްގެ މެންބަރެއްގެ ހައިސިއްޔަތުން އޭނާއަށް ލިބިވަޑައިގެންވާ ބާރުގެ ބޭނުން ކުރައްވައިގެން، ރަފީޤް ރަޙްމާނާއި އޭނާގެ ދެ ކުދީންގެ ޝަކުވާގެ އަޑުއެހުމުގެ ބައްދަލުވުމަކަށް ގޮވައިލައްވައި، އެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހުނެވެ.

ކޮންގްރެސްގެ އަޑުއެހުމެއް ބޭއްވޭ ގޮތް ވި ނަމަވެސް، އެމެރިކާއިން ވަނީ ރަފީޤް ރަޙްމާނުގެ ޢާއިލާއަށް ދަތި ކުރުމަށް އެކިއެކި ކަންކަން ކޮށްފައެވެ. އެގޮތުން، އެމެރިކާ ސަރުކާރުން އެ ޢާއިލާއަށް ވިސާ ދިން އިރު، އެމީހުންގެ ވަކީލު ޝަހްޒާދަކަށް ވިސާ ހަމަޖައްސައެއްނުދިނެވެ. 2012 ވަނަ އަހަރުގެ އޯގަސްޓް މަހު ވިސާއަށް އެދި ހުށަހަޅައިގެން، މި އަހަރުގެ އޮކްޓޯބަރު މަހާ ހަމަޔަށް އައި އިރު ވެސް، ޝަހްޒާދަކަށް ވިސާ ލިބިވަޑައެއްނުގަތެވެ. ޝަހްޒާދަކީ އެތައް އަހަރެއް ވާންދެން އެމެރިކާއަށް އާއްމުކޮށް ދަތުރުފަތުރުކޮށް އުޅުއްވިބޭފުޅެކެވެ. އޭނާ ވަނީ އެއް ފަހަރަކު، ޑިޕްލޮމެޓިކް ވިސާގައި ވެސް އެމެރިކާގައި ދެ އަހަރު ވާންދެން އުޅުއްވައިފައެވެ. ނަމަވެސް، އެމެރިކާގެ ޑްރޯން ހަމަލާތަކުގެ ޝިކާރައަށް ވާ ޢާއިލާތަކުގެ މެންބަރުންގެ އިންސާނީ ޙައްޤުތަކަށް ޓަކައި އޭނާ މަސައްކަތް ކުރައްވާން ފެއްޓެވިފަހުން، އޭނާއަށް ވަނީ "އިންސާނީ ޙައްޤުތަކުގެ ބޮޑުމީހާ" ގެ ބިމުން ވިސާ ލިބުމުގައި އެތައް ދަތިތަކެއް ކުރިމަތި ވެވަޑައިގެންފައެވެ.

ރަފީޤް ރަޙްމާނާއި އޭނާގެ ދެ ދަރީން ކަމަށްވާ ޒުބައިރު ރަޙްމާނާއި ނަބީލާ ރަޙްމާން، މި ދިޔަ އޮކްޓޯބަރު މަހުގެ 29 ވަނަ ދުވަހު، އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ބައްދަލުވުމަށް ހާޒިރު ވީ އެމީހުންގެ ވަކީލާ ނުލައެވެ. ބައްދަލުވުމުގެ މަޙައްލުން ފުރަތަމަވެސް ފެނިގެން ދިޔައީ، މަލާލާ ޔޫސަފްޒައީ ނަގައި ބޮލަށް ލައިގެން، މުސްލިމް އަންހެން ކުދީންނަށް މާ ހެޔޮއެދޭ ބައެއް ކަމަށް ހެދިގެން އުޅުނު މީހުންގެ ގާތުގައި، ނަބީލާ ރަޙްމާންގެ އެއްވެސް އަގެއް ނެތް ކަމެވެ. ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ 430 މެންބަރުންގެ ތެރެއިން، ބައްދަލުވުމަށް ހާޒިރު ވީ އެންމެ 5 މެންބަރުންނެވެ. އެލަން ގްރޭސަންގެ އިތުރުން، ހާޒިރު ވި މަންދޫބުންނަކީ އިލިނޯއި ސްޓޭޓުގެ ޖޭން ޝެކޯވސްކީ، ނިއު ޖާރޒީގެ ރަޝް ހޮލްޓް، މިޝިގަންގެ ޖޯން ކޮންޔަރޒް، އަދި މިނެސޯޓާގެ ރިކް ނޯލާނެވެ.

ތަރުޖަމާނަކު ބޭނުން ކޮށްގެން، ކޮންގްރެސްގެ މެންބަރުންނާ ޕޮޝްތޫ ބަހުން ވާހަކަ ދައްކަމުން، ރަފީޤާއި އޭނާގެ ދެ ކުދީން، ޑްރޯން ޙަމަލާތަކުގެ ވާހަކަތައް ކިޔައިދިނެވެ. އެ ޙަމަލާތައް ސިފަ ކޮށްދިނުމަށް ޓަކައި އެ ކުދީން ކުރަހައިފައި ހުރި ކުރެހުންތައް ވެސް މަންދޫބުންނާ ހިއްސާ ކުރިއެވެ. އެކުދީންގެ މާމަ މަރައިލެވުނު ހާދިސާ ހިނގި ގޮތް ވެސް ކިޔައިދިނެވެ. މި ވާހަކަތައް އެ ކުދީން ކިޔައިދިން އިރު، ތަރުޖަމާނަކަށް ހުރި އަންހެންކުއްޖާ ވެސް ވަނީ ވަކި ހިސާބަކުން ގިސްލަގިސްލައި ރޮއިފައެވެ.

"އެންމެ ފުރަތަމަ މިސައިލް ފޮނުވާލުމުން، ބިންގަނޑު ގުޑައި، މުޅިތަން ދުމުން ފުރިގެން ދިޔަ. ދެން ވައިގެ ތެރޭގައި ފެތުރުނީ ވަރަށް ނުބައި، ވިހައެއް ކަހަލަ ވަހެއް. އަހަރެމެން ސަލާމަތް ވާން ދުވިން. ނަމަވެސް އަނެއްކާވެސް ޑްރޯންތަކުން މިސައިލް ފޮނުވާލީ." ޢުމުރުން ތޭރަ އަހަރުގެ ޒުބައިރު ބުންޏެވެ. "އަހަރެން މިހާރު ނޫ ކުލައިގެ އުޑު ފެނުމުން ބިރު ގަނޭ. އަހަރެންގެ ހިތް ހަމަޖެހެނީ އުޑުމަތި ބަނަކޮށް، އަނދިރި އަޅިކުލައިގައި އޮތުމުން. އެއިރުން ޑްރޯންތަކެއް ނާންނާނެ."

ކުޑަކުޑަ ނަބީލާ، ޑްރޯންތަކުގެ އަޑު ސިފަ ކޮށްފައި ވަނީ "ޑަމްޑަމް އަޑު" ގެ ގޮތުގައެވެ. "އެމީހުން ބުނަނީ އެމެރިކާ މީހުން ހަމަލަ ދެނީ އެމެރިކާ މީހުންނާ މެދު ގޯސް ކަންތައް ކޮށްފައި ތިބޭ މީހުންނަށޭ. ދެން އަހަރެން އެމެރިކާ މީހުންނަށް ކުރީ ކޮން ގޯސް ކަމެއް؟ އަހަރެންގެ މާމަ ކުރި ގޯސް ކަމަކީ ކޮބާ؟ އަހަރެން އެއްވެސް ގޯސްކަމެއް ނުކުރަން." ނަބީލާ ބުންޏެވެ. އެ ކުއްޖާފުޅުގެ މައުސޫމު ހިތަށް ދެނެނުގަނެވޭ ކަމަކީ "އަހަންނަކީ މުސްލިމެކޭ" ބުނުން އައީ ހުޅަނގުގެ ވެރިކަމާއި ބާރު ފެތުރިފައި ވާ މި ދުނިޔޭގައި، މީހަކު ކުރާނޭ ގާތްގަނޑަކަށް އެންމެ ބޮޑު ކުށް ކަމެވެ.

ކުރީންވެސް ދެންނެވުނު ފަދައިން، ރަފީޤް ރަޙްމާނާއި އޭނާގެ ދެ ކުދީންގެ ޝަކުވާގެ އަޑު އަހަން ހާޒިރު ވީ ކޮންގްރެސްގެ 430 މެންބަރުންގެ ތެރެއިން އެންމެ 5 މެންބަރުންނެވެ. ބައްދަލުވުން ކުރިޔަށް ދިޔަ އިރު، ބާކީ 425 މެންބަރުން ތިބީ ކޮންތާކު، ކީއްކުރަން ކަމެއް ނޭނގެއެވެ. އެކަމަކު އެމެރިކާގެ ރައީސް އޮބާމާ ހުންނެވި ތަނާއި، ކުރެއްވީ ކޮން ކަމެއްކަން އެނގެއެވެ. އެގަޑީގައި އޭނާ ހުންނެވީ އެމެރިކާގެ ލަޝްކަރަށް ހަތިޔާރު އުފައްދައި ސަޕްލައި ކޮށްދޭ ކުންފުންޏެއް ކަމަށްވާ ލޮކްހީޑް މާރޓިންގެ ޗީފް އެގްޒެކެޓިވް އޮފިސަރާ އެކު ބައްދަލުވުމެއްގައެވެ. މަޝްވަރާ ކުރެއްވީ އިތުރު ޑްރޯންތަކާއި، އިތުރު ބޮމާއި، އިތުރު މިސައިލާ ބެހޭ ގޮތުންނެވެ.

ނުހުއްޓޭނެ ހަނގުރާމައެއް

ނަބީލާ ރަޙްމާންގެ މާމަ ޗިސްޗިސް ކޮށްލައި، އޭނާ އާއި އޭނާގެ އެއްބަނޑުއެއްބަފާ ބޭބެ އަދި ކޮއްކޮމެންގެ މުޅި ދިރިއުޅުން އަލިފާނަށް ލެވުނު ދުވަހުގެ ފަހު ދުވަހު، އެ ޙަމަލަޔާ ބެހޭގޮތުން އިންސާނީ ޙައްޤުތަކަށް މަސައްކަތް ކުރާ ފަރާތްތަކުން އެމެރިކާގެ ވައިޓްހައުސްގެ ސްޕޯކްސްޕަރސަން ޖޭ ކާރނޭއާ ސުވާލު ކުރިއެވެ. ޖަވާބުގައި އޭނާ ވިދާޅުވި ކަމަށް އަލްޖަޒީރާ އޮންލައިނާއި، އިނގިރޭސި ވިލާތުގެ ދަ ގާރޑިއަން އޮންލައިން ފަދަ ނޫސްތަކުގައި ބުނެފައި ވަނީ "އެ ޙަމަލާތަކަކީ އެއްވެސް އޮޅުމެއް ނެތި، މުޅީން ޤާނޫނީ އިމުގެ ތެރެއިން ދެވުނު ޙަމަލައެއް" ކަމަށެވެ.

ހައެއްކަ ކުދީންގެ މުސްކުޅި މާމަ، އޭނާގެ ނިކަމެތި ޖިފުޓިގަނޑުގެ ކައިރީގައި،މާމަދަރީންކޮޅު ގޮވައިގެން ތަރުކާރީ ބިންނާން ހުއްޓައި އެމެރިކާގެ ޑްރޯންތަކުން ގޮސް އެ މާމަގެ ގަޔަށް މިސައިލް ހަމަލާއެއް ދީ އޭނާ ފުނޑުފުނޑު ކޮށްލީއެވެ. އުމުރުން އަށެއް ނުވައެއް ދިހަ ބާރަ އަހަރުގެ ކުޑަކުދީންތަކެއްގެ ކުރިމަތީގައެވެ. އެ ކުދީންގެ މާމަ ޗިސްޗިސް ކޮށްލި މިސައިލުން އެ ކުދީންނަށް ވެސް އެތައް އަނިޔާއެއް ދިނުމަށް ފަހުގައެވެ. އެ މާމައަކީ ނުރައްކާތެރި ޓެރަރިސްޓެއް ނޫނެވެ. އެއީ އޭނާ އެ އަވަށަކަށް ނިސްބަތް ވާ ފަޤީރު އަވަށުގެ ބޭކެނބި ދައިތައެވެ. ނަމަވެސް އެމެރިކާގެ ނަޒަރުގައި، އެއީ "މުޅީން ޤާނޫނީ އިމުގެ ތެރެއިން" ދެވުނު ހަމަލާއެކެވެ. "އަދުލުވެރި، އިންސާފުވެރި" ހަމަލާއެކެވެ. އެހެންކަމުން، ޝަކުވާ ކުރުމަށް ޓަކައި ނަބީލާ ރަޙްމާން ދައްކާ ވާހަކައެއް ވެސް އެމެރިކާ މީހުންނަކަށް މުހިއްމެއް ނޫނެވެ. އެމެރިކާގެ ހިސާބު ކުރުމުގައި ނަބީލާ ރަޙްމާނަކީ "ކުޑަކުޑަ ޓެރަރިސްޓެއް" ތޯއްޗެކެވެ.

މަލާލާ އާއި ނަބީލާއާ ދެ ކުދީންގެ ވާހަކަ ޙަޤީޤަތުގައި ވެސް ވަރަށް ތަފާތެވެ.

މަލާލާއަކީ ދޮގާއި މުނާފިޤުކަމާއި ރަޙުމު ކުޑަކަމާއި މަކަރާއި ލޭއޮހޮރުވުމާއި އަނިޔާވެރިކަމުގެ ހުތުރު ޙަޤީޤަތެއް ފޮރުވުމަށް ޓަކައި ބޭނުން ކުރެވެމުން ދާ މޫނުމައްޗެކެވެ. ނަބީލާ އަކީ ހުޅަނގުގެ އަނިޔާވެރިކަމާއި ރުޅިވެރިކަމުގެ އުޑީގައި ފިސްފިސްވަމުންދާ އިސްލާމީ އުއްމަތުގެ ވޭނާއި ކެކުޅުންތަކުގެ ހަގީގަތް ރަމްޒު ކޮށްދޭ ތެދުވެރި މޫނެކެވެ. މަލާލާ ގެންދަނީ ހުޅަނގުގެ އޭޖެންޑާގެ ދަށުން، އިސްލާމީ އަންހެން ދަރީންނަށް ތަޢުލީމު ދޭން ކަމަށް ބުނެވޭ ކެމްޕޭނެއް ކުރަމުންނެވެ.

މަލާލާ ކޮންޓްރޯލް ކުރާ ބަޔަކު، މިއަދާ ހަމަޔަށް ވެސް އޭނާގެ ދުލަށް ލައިނުދޭ ސުވާލަކީ، މަލާލާ އެބުނާ އެ ތަޢުލީމު ނަބީލާއަށް ލިބޭނެ ބާވައޭ، މި ސުވާލެވެ.މަލާލާ އެބުނާ ތަޢުލީމާއި، މަރައިލެވުނު މަމާއާ ދެ އިޚްތިޔާރުގެ ތެރެއިން، ނަބީލާ ކުރާނޭ އިޚްތިޔާރަކީ ކޮބައިހޭ، މި ސުވާލެވެ.

މަލާލާ ޔޫސަފްޒައީ އާއި ނަބީލާ ރަޙްމާނުގެ ވާހަކަ އަޅުގަނޑުމެންނަށް އަނެއްކާވެސް ހަނދާން ކޮށްދެނީ، އިއްޔެގެ ހާދިސާތައް ވެސް އަޅުގަނޑުމެންނަށް ހަނދާން ކޮށްދިން ޙަޤީޤަތެއްގެ މަތީންނެވެ. އެ ޙަޤީޤަތަކީ، ލަންޑަނާއި ކޯޕެންހޭގަނާއި އޮޓާވާ އާއި ވޮޝިންގޓަން ފަދަ ޝަހަރުތަކުގެ ޝާންދާރު މާލަންތަކުގައި، ތުނބުޅި ބާލައި ތަހުޒީބު ވެގެން، ހާސް ޑޮލަރުގެ ސޫޓު ލައިގެން، އަގުބޮޑު ބަނގުރާގެ ދޯރުތައް ކުރިމަތީގައި ބަހައްޓައިގެން، ބިލިއަން ޑޮލަރުގެ އެކައުންޓުތަކުގެ ކާޑުތަކުން ޖީބު ފުރައިލައިގެން، ދޮގުވެރި ހިނިތުންވުންތަކުން ހިނިތުން ވެގެން ތިބެ، ޑިމޮކްރަސީ އާއި، އިންސާނިއްޔަތާއި، އިންސާނީ ޙައްޤުތަކާއި، ޢަދުލުއިންޞާފާއި، ޤާނޫނުގެވާހަކަތައް ގޮވާ މީހުންގެ އަނިޔާވެރިކަމާއި ދޮގުވެރިކަމާއި މުނާފިޤުކަމެވެ. އެމީހުންގެ ހިތްތަކުގައި އިސްލާމް ދީނާ މެދު އޮތް ޙަސަދަވެރިކަމާއި ނަފްރަތެވެ. އިސްލާމް ދީނާ ދެކޮޅަށް އެއުރެން ހިންގާ ދޮގުވެރި ޕްރޮޕެގެންޑާގެ މެޝިނުގެ މަސައްކަތް ހިނގަނީ ކޮން ގޮތަކަށް ކަމެވެ.އެ ޕްރޮޕެގެންޑާގައި މުސްލިމް އަންހެން ދަރީންނާއި މުސްލިމް ފިރިހެން ދަރީންގެ އިސްތިޢުމާލު ކުރަމުން ދާނޭ ކަމެވެ. މި ޙަޤީޤަތްތަކާ މެދު އަޅުގަނޑުމެން ފިސާރި ހޭލައި ނުތިބޭ ނަމަ، މާދަމާ ކޮންމެ މުސްލިމް ޤައުމަކުން "މަލާލާ ޔޫސަފްޒައީ" އެއް ތެދުވާނެއެވެ. އެއިރުން އިސްލާމީ ދުނިޔޭގައި އެތައް މިލިއަން "ނަބީލާ ރަޙްމާން" ތަކެއް ތިބޭނީ ހުޅަނގުގެ ބޮމާއި މިސައިލުތަކުން ފިހި ދެއްޔަށް ވެފައެވެ.